މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
2015 ޖުލައި 27 (ހޯމަ) ދުވަހުގެ ހަވީރު 17:00 ން 20:00 އަށް އަދި 2015 ޖުލައި 28 (އަންގާރަ) ދުވަހުގެ ހަވީރު 18:00 ން 22:00 އަށް މާލޭގައި ފައިމަގުގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސަވައިފި

އިޢުލާން

2015 ވަނަ އަހަރުގެ މިނިވަންދުވަހުގެ ކުޅިވަރުތަކުގައި ވީހާވެސް ގިނަ އާއިލާތަކަކަށް ރައްކާތެރި ކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ހޯދައިދުނުމުގެ ގޮތުން 2015 ޖުލައި 27 ވާ ހޯމަދުވަހުގެ ހަވީރު 17:00 ން 20:00 އަށް އަދި 2015 ޖުލައި 28 ވާ އަންގާރަދުވަހުގެ ހަވީރު 18:00 ން 22:00 އާ ދެމެދުގެ ވަގުތަކީ، މާލޭގައި ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުކޮޅެއްގެ ގޮތުގައި ހަމަޖައްސައިފީމެވެ.

ވީމާ، އިސްވެ ދެންނެވުނު ތާރީޚާއި ގަޑިތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ރ)ގެ ދަށުން މަނާ ކަމެއް ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ނަމަވެސް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުން މަނާވަގުތުގައި ބައިސްކަލް ދުއްވުމަކީ މި އޮތޯރިޓީން ތަރުޙީބުދޭ ކަމެއްކަމުގައި ދެންނެވީމެވެ.

1- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު

2- އެމްބިއުލެންސް

3- ފުރާ މީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕް

4- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް

5- އެ ދުވަސްތަކުގެ އެގަޑީގައި ދުއްވުމަށް ހުއްދަ ދެވޭ އުޅަނދު

6- އާންމު ދަތުރުފަތުރުގެ ހުއްދަ ދިނުމަށް ސިޓީކައުންސިލުން ހުއްދަ ދީފައިވާ ބަހުގެ ޚިދުމަތް

މަތީގައިވާ ހަބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގެ ދަށުން ދުއްވަން ހުއްދަކުރެވިފައިވާ އުޅަނދުތަކަށް ޚާއްޞަ ހުއްދައެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރްކަޗަރގެ އާންމު ޚިދުމަތްތަކާބެހޭ ބައިން ދޫކުރައްވާގޮތަށް އެފަރާތުން ވަނީ ހަމަޖައްސަވާފައެވެ. ވީމާ، އުޅަނދުފަހަރު ދުއްވާއިރު މި ހުއްދަ އުޅަނދުތަކުގައި އާންމުކޮށް ފެންނަގޮތަށް ހުންނަންވާނެއެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތައް 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެ ކަންވެސް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

10 ޝައްވާލް 1436

25 ޖުލައި 2015
ހޯދާ