މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީނު އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި، މަސައްކަތްކުރާ ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެގޮތުގައި، 1 އޭޕްރީލް 2015 އިން ފެށިގެން ދިވެހިން ހަމަޖެއްސުމާބެހޭ

އިޢުލާން

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީނު އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި، މަސައްކަތްކުރާ ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގޮތުގައި، 1 އޭޕްރީލް 2015 އިން ފެށިގެން ދިވެހިން ހަމަޖެއްސުމަށް ކުރި އިޢުލާނާ ގުޅިގެން މިކަމަށް ވިޔަފާރިތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ފިހާރަ، ސައި ހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓްތައް ހިމެނޭގޮތުގެ މަތިން، ޖުމުލަ 556 ވިޔަފާރިއެއް މި މިނިސްޓްރީން، ފާއިތުވެދިޔަ ހަފުތާގައި ބެލި ބެލުމުން އެނގުނުގޮތުގައި، ޗެކުކުރެވުނު ސާމްޕަލްގެ %74 ވިޔަފާރިތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުތަކުގައި، ދިވެހިން މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.   

ވީމާ، 31 ޑިސެންބަރު 2014 ގައި މި މިނިސްޓްރީން ކުރެވުނު އިޢުލާނު ނަންބަރު: (IUL)101-AF/1/2014/177)) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، 1 އެޕްރީލް 2015 އިން ފެށިގެން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީނު އަދި ރެސްޓޯރެންޓްތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

ކައުންޓަރުތަކަށް ބޭނުންވާ ތަމްރީނުވެފައިވާ ދިވެހި ސޭލް މުވައްޒަފުން ހޯދުމުގައި ވިޔަފާރިވެރިންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދިނުމަށްޓަކައި މި މިނިސްޓްރީން ކުރިޔަށްގެންދާ ސޭލްސް މުވައްޒަފުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދިވެހިން، ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން މި މިނިސްޓްރީގެ ފަރާތުން ލިބޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

‏    ‏10 ޖުމާދަލްއާޚިރާ‏ 1436

 

30 މާރިޗު 2015
ހޯދާ