ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ބޯހިމެނުން 2014 – ބިދޭސީން ވަޒީފާތަކުގައި ގެންގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް

މި ސެޕްޓެންބަރު 20 ން 27 އަށް މުޅިރާއްޖޭގައި ހިންގޭ އާބާދީ އާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގައި ޓޫރިސްޓުން ފިޔަވައި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ނަގަންޖެހެއެވެ.

މިގޮތުން 20 ސެޕްޓެންބަރު ވާ ހޮނިހިރުދުވަހު ހެނދުނު 9 ން އިރުއޮއްސި 6 އާ ދެމެދު މުޅިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި މީހުން ނިދައި ދިރިއުޅޭ ތަންތަން ފާހަގަކޮށް އެތަންތަނުގައި އުޅޭމީހުންގެ ލިސްޓެއް ބޯހިމަނާ ޓީމްތަކުން ނަގަންޖެހެއެވެ. އަދި 20 ން 27 ސެޕްޓެންބަރު ގެ ނިޔަލަށް ހުރިހާ ގޭބިސީތަކާއި ފަރުދުންގެ ތަފުސީލު މަޢުލޫމާތު ނަގައި ނިންމަންޖެހެއެވެ.

ބޯހިމެނުމުގެ ފީލްޑް މަސައްކަތްކުރާ ދުވާލުގެ ހުރިހާގަޑިތަކެއްގައިހެން ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭނީ ވަރކް ސައިޓްތަކުގައެވެ. އެހެންކަމުން، ބިދޭސީން ގެންގުޅޭ އެމްޕްލޯޔަރުންގެ ފަރާތުން މިކަމަށް ބޭނުންވާ އެއްބާރުލުންހޯދައި މުވައްޒަފުންގެ މަޢުލޫމާތު ބޯހިމަނާޓީމުތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް މިހާރުއްސުރެންފެށިގެން ރޭވުމަށްޓަކައި ތިޔައެންމެހާ އެމްޕްލޯޔަރުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން މި ބިޔުރޯއަށް ވަރަށް ބޮޑަށް ބޭނުންވެއެވެ.

ވީމާ، މިހާރުއްސުރެންފެށިގެން މި ބިއުރޯގެ ނަންބަރު 7826206 އަށް ގުޅުއްވައި މާލޭގައި ދިރިއުޅޭ ބިދޭސީން ދިރިއުޅޭތަންތަން ހުރި ލޮކޭޝަންތަކާއި އެތަންތަނުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތު ނެގުމަށްޓަކައި ކަމާބެހޭ އިންތިޒާމުތައް ހަމަޖައްސަމުން ގެންދެވުމަށްދަންނަވަމެވެ. އަތޮޅުތަކުގައިނަމަ ގުޅުއްވާނީ ކައުންސިލްތަކުގެ އިދާރާއަށެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012 (R-4/2013) ގައިވާގޮތުން ބޯހިމެނުމުން ނެގޭ ވަކިވަކިފަރުދުންގެ މަޢުލޫމާތަކީ ސިއްރު ހިފެހެއްޓޭނެ މަޢުލޫމާތެކެވެ. މިމަޢުލޫމާތަކީ ހަމައެކަނި ތަފާސްހިސާބު އެކުލަވާލުމަށްޓަކައި ބޭނުންކުރެވޭނެ މަޢުލޫމާތެކެވެ. މިމަޢުލޫމާތު ޤާނޫނީ އެއްވެސް މައްސަލައެއްގައި ބޭނުންކުރުމަކީ މަނާކަމެކެވެ. ބޯހިމެނުމަށް ތެދު މަޢުލޫމާތު ދިނުމަކީ ޢާންމުންގެ މަސްއޫލިއްޔަތެކެވެ. އަދި މިއާ ޚިލާފުވުމަކީ ކުށެއްކަމާއި އޭގެ އަދަބެއްގެ ގޮތުން ޖޫރިމަނާ ކަނޑައެޅި މިގަވާއިދުގައި ހިމެނިފައިވެއެވެ.

މިފުރުސަތުގައި ބޯހިމެނުމުގެ މި ޤައުމީ ބޮޑު މަސައްކަތް ފުރިހަމައަށް ހިންގުމަށްޓަކައި އެންމެހާ އެމްޕްލޯޔަރުންގެ އެހީތެރިކަން ލިބިގެންދާނެކަމުގެ އުންމީދުގައި އިސްވެ ޝުކުރު ދަންނަވަމެވެ.

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މިއޮފީހުގެ ފޯނު ނަންބަރު 3349200 ނުވަތަ 3349464 ފޯނަށް ގުޅުއްވުން އެދެމެވެ.     

14 ޛުލްޤަޢިދާ 1435

09 ސެޕްޓެންބަރު 2014
ހޯދާ