ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ
މާލެ/ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ H6 ކެޓަގަރީ،ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު ނެރުއްވާ ވަގުތީ ލިސްޓްއާގުޅޭ
"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކުރަމެވެ.
"ހިޔާ" މަޝްރޫޢުގެ H6 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ. އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެސްވާނެއެވެ.
"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތައް، މި ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓްތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އަދި H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް މަންމަ އަދި ބައްޕަ، ދެ ފަރާތުންވެސް ފޯމު ހުށަހަޅައި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، މި ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް އެފަރާތަކަށް ކަމުގައި ދަންނަވަމެވެ.
"ހިޔާ" މަޝްރޫޢުގެ H6 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 4 ނޮވެންބަރު 2020 އިން ފެށިގެން 16 ނޮވެންބަރު 2020 ގެ 15:00 ނިޔަލަށް ހުޅުވާލެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ. "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުން އެދެމެވެ.
"ހިޔާ" މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ.