އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ކެފޭ ރެސްޓޯރެންޓް ހުޅުވުމާއި ގުޅޭ

އިޢުލާން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ  (ޗ) އާއި  ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/39 އެންގުމުގެ މައްޗަށް ރިޢާޔަތްކޮށް، ކަނޑައެޅޭ ވަކި ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓް ހުޅުވާލުމުގެ ހުއްދަދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ 2020 މޭ 22 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން ކޮންމެ ދުވަހެއްގެ 18:00 އިން 22:00 އަށެވެ. އެއަށްފަހު ޝައްވާލުމަހުގެ 6 ރޯދަ ނިމުމުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 22:00 އަށެވެ.

މީގެ އިތުރުން، ކެފޭ ރެސްޓޯރެންޓްތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރަންވީގޮތުގެ ގައިޑްލައިން ތިރީގައި ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން މި ގައިޑްލައިންގައިވާ ގޮތުގެމަތިން ކެފޭ ރެންޓޯރެންޓް ތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.

 

ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދިނުމުގައި އާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރާނެގޮތުގެ ގައިޑްލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކެފޭ ރެސްޓޯރެންޓުތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަންނަނިވި ކަންކަމަށް ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ. އެގޮތުން؛

  1. ކެފޭ ރެސްޓޯރެންޓްތަކުން ޢަމަލުކުރަންޖެހޭ ކަންކަން:

(ހ) ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ބަލައި ރެސްޓޯރެންޓް ކެފޭތަކަށް މީހުން ވެއްދުން؛ އެގޮތުން މޭޒުތަކާއި ގޮނޑިތައް އެތުރުމުގައި ގައިދުރުކަން ބެހެއްޓޭނެފަދަ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން؛

(ށ) ކެފޭ ރެސްޓޯރެންޓްތަކުގައި ޚިދުމަތް ލިބިގަންނަ ފަރާތްތައް އެކަކު އަނެކަކާ ދެމެދު 3 ފޫޓުގެ ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމްކޮށްފައި ހުރުން؛

(ނ) ކެފޭ ރެސްޓޯރެންޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި މާސްކު އަޅައި އަންގިލައްވައިގެން ހުރުން. އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުން؛

(ރ) ކެފޭ ރެސްޓޯރެންޓްތަކަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛ އަދި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ބެހެއްޓުން؛

(ބ) ކޮންމެ ދުވަހެއްގެވެސް ޚިދުމަތްދޭ ވަގުތު ނިމުމުން، ކެފޭ ރެސްޓޯރެންޓްގެ ތަޅުންގަނޑާއި ކަސްޓަމަރުން އަތްޖެހޭ ތަންތަން ހެލްތް ޕޮރެޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި އެއްގޮތަށް ޑިސްއިންފެކްޓްކުރުން؛

(ޅ) ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދިނުމުގައި ބުފޭގެ ގޮތުގައި ޚިދުމަތް ނުދިނުން. އަދި ހަމައެކަނި ވަކިވަކިން މޭޒުތަކަށް ސާރވްކުރާ ގޮތައް ޚިދުމަތް ދިނުން؛  މީގެ އިތުރުން ދުފާއެއްޗެހި ޕެކެޓްގައި ސާރވް ކުރުން؛

(ކ) މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ނުވަތަ ކަމާބެހޭ އެހެންވެސް އިދާރާތަކުންދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން.

2. ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:

(ހ) ކެފޭ ރެސްޓޯރެންޓްތަކަށް ދިއުމުގެ ކުރިން އަދި ފަހުން އަތްދޮވުން؛

(ށ) ޓޭކްއަވޭގެ ގޮތުގައި ޚިދުމަތް ހޯދުމަށް އިސްކަންދިނުން؛

(ނ) ކައިބޮއި ހަދާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މާސްކް އަޅައިގެން ހުރުން؛

(ރ) ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދާ ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 3 ފޫޓްގެ ގައިދުރުކަން ބެހެއްޓުމަށް އިސްކަސްދިނުން؛

(ބ) އޮންލައިންކޮށް ފައިސާ ދެއްކުމަށް އިސްކަންދިނުން.

 

28 ރަމަޟާން 1441

21 މޭ 2020
ހޯދާ