އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓްރީކޮށް ސަލާމަތީ ނުހަދާ އުޅަނދުފަހަރާއި، ރަޖިސްޓްރީ ނުކުރާ ޑިންގީ ފަދަ އުޅަނދު ފަހަރާއި ގުޅޭ:

އިޢުލާން

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުން އަރައިގަނެވެންދެން 9 މީޓަރުން ދަށުގެ އުޅަނދު ފަހަރު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން:

ޢާއިލާއަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގެ ގޮތުން ރަށްކައިރީ ސަރަޙައްދުތަކަށް މަސްބޭނުމަށް ދަތުރުކުރުމަށްޓަކައި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމާބެހޭ ޤާނޫނު 78/69 ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް "ރަޖިސްޓްރީކޮށް ސަލާމަތީ ނުހަދާ އުޅަނދުފަހަރާއި، ރަޖިސްޓްރީ ނުކުރާ ޑިންގީފަދަ އުޅަނދުފަހަރު" ދަތުރުކުރުމުގެ ހުއްދައަށް އެދޭތީ، ކޮވިޑް-19 އާ ގުޅިގެން އިޢުލާން ކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވެންދެން ތިރީގައި މިދަންނަވާ ކަންކަން އުޅަނދު ފަހަރުގެ ވެރިން ފުރިހަމަކޮށް މިކައުންސިލުން ދޫކުރާ ފޯމާއެކު ހުށަހެޅުއްވުމުން އެކަންކަން ފުރިހަމަވާނަމަ، ރަށްކައިރީ ސަރަޙައްދުތަކަށް މަސްވެރިކަން ކުރުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފީމެވެ.

  1. ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ؛ އޮޑީނަންބަރު ފޯމާއި، ކަނޑުގައި ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި،  އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ފޮޓޯކޮޕީއެއް ހުށަހެޅުން.
  2. ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވެންދެން  މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު 9 މީޓަރަށްވުރެ ކުދި ދޯނި، ޑިންގީ އަދި ބޮއްކުރާގެ ގޮތުގައި ބޭނުންކުރާ އުޅަނދު ފަހަރަށް މަސްވެރިކަން ކުރުމަށްޓަކައި ރަށުގެ ފަރުން ފެށިގެން 6 މޭލަށްވުރެ ބޭރަށް ނުދާނެ ކަމަށް އުޅަނދުގެ ވެރި ފަރާތުން އެއްބަސްވުމާއެކު އުޅަނދު އޮޕަރޭޓް ކުރުމުގައި ސަލާމަތީ ގޮތުން ހުންނަން ލާޒިމްކުރާ ކަންކަން އެންމެ މަދުވެގެން (މަސްވެރިކަމުގައި އުޅަނދުން ދަތުރުކުރާ ކޮންމެ މީހަކަށް ލައިފް ޖެކެޓެއް، ދިއްލޭގޮތަށް އޮތް ޓޯޗް ބައްތިއެއް، ގުޅޭނެ ފަދަ ގޮތަކަށް އޮތް ކޮމިއުނިކޭޝަން އާލާތެއް ނުވަތަ ވީ.އެޗް.އެފް ސެޓެއް، ހަންޖަހަން ބޭނުންކުރާ އޮރެންޖު ދިދައެއް، އިންޖީނު މަރާމާތު ކުރެވޭނެ ފަދަ ޓޫލްސްތައް އަދި ދަތުރަށް ބޭނުންވާނެ ވަރަށް ތެލާއި ފެން) އުޅަނދުގައި ދަތުރުކުރާއިރު ހުންނާނެ ކަމުގެ ޔަގީންކަން މިކައުންސިލަށް ލިޔުމުން ދިނުން. 

އަދި ދަންނަވަމެވެ. ޤަވާއިދު ނަންބަރު  2018/R-81 އާއި ޤަވާއިދު ނަންބަރު 2016/R-6 "ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދު" އަށް ފުރަތަމަ އިސްލާޙު ގެނައުމުގެ ޤަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ދުއްވުމަށް ރަޖިސްޓްރީ ކުރެވޭ އުޅަނދުފަހަރުގެ ތެރެއިން، މަސްވެރިކަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް އަހަރީ ފީ ވަނީ މާފުކޮށްފައެވެ. އަދި 9 މީޓަރަށް ވުރެ ކުދި ދޯނި، ޑިންގީ އަދި ބޮއްކުރާގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރުގެ އަހަރީ ފީ ވެސް ވަނީ މާފުކޮށްފައިކަން އޮޑިވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިދެންނެވިފަދަ އުޅަނދުފަހަރުގައި މަސްވެރިކަން ކުރުމަށް އެދޭ އޮޑިވެރިން، މިކައުންސިލުން ދޫކުރާ "ރަޖިސްޓްރީކޮށް ސަލާމަތީ ނުހަދާ އުޅަނދުފަހަރާއި، ރަޖިސްޓްރީ ނުކުރާ އުޅަނދު ފަހަރު މަސްވެރިކަން ކުރުމުގެ ހުއްދައަށް އެދޭ ފޯމް" އިން ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން ދެވޭ ހުއްދައިގެ ދަށުން، 06 މޭލު ބޭރަށް ދިއުމާއި، އެހެން ރަށްރަށަށް ދިއުމާއި، މިހާލަތުން އަރައިގަނެވެންދެން ކުޑަކުދިން ގޮވައިގެން މަސްވެރިކަން ކުރުމަށް ދިއުމަކީ މަނާ ކަމެއްކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                              15 ރަމަޟާން 1441

08 މޭ 2020
ހޯދާ