ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2026/389
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 24 ނޮވެންބަރު 2026 14:00
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ޖެންޑަރ އިކުއަލިޓީ ޤާނޫނު (ޤާނޫނު ނަންބަރު 2016/18) ގެ ދަށުން ވަޒީފާދޭ ފަރާތްތަކުން ޤާއިމުކުރަންޖެހޭ ޝަކުވާ ހުށަހަޅާ ނިޒާމާއި ގުޅޭ

ޖެންޑަރ އިކުއަލިޓީ ޤާނޫނު (ޤާނޫނު ނަންބަރު 2016/18) ގެ ދަށުން ވަޒީފާދޭ ފަރާތްތަކުން ޤާއިމުކުރަންޖެހޭ ޝަކުވާ ހުށަހަޅާ ނިޒާމާއި ގުޅޭ

ޖެންޑަރ އިކުއަލިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/18) އަކީ 23 އޮގަސްޓު 2016 ގައި ތަޞްދީޤުކޮށް ފެބުރުވަރީ 2017 ގައި ތަންފީޒުކުރަން ފެށިފައިވާ ޤާނޫނަކަށް ވާއިރު، އެއީ މިންތީ ތަފާތުކުރުން ނައްތާލައި، ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ދާއިރާތަކުގައި އަންހެނުންނާއި ފިރިހެނުންނަށް އެއްހަމަ ފުރުޞަތުތައް ކަށަވަރުކުރުމާއި، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް ޤާނޫނީ އޮނިގަނޑު ކަނޑައަޅާ ޤާނޫނެކެވެ. އަދި މިންތީ ތަފާތުކުރުމުގެ މައްސަލަތަކުގައި ޙައްޤު ހޯދައިދިނުމާއި ޒިންމާދާރުކުރުމުގެ ނިޒާމުތައް ވެސް މި ޤާނޫނުން ކަނޑައަޅައި، ސަރުކާރުގެ މުއައްސަސާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، އެހެނިހެން ފަރާތްތަކަށް ޒިންމާތައް މަތިކުރެއެވެ.

މި ޤާނޫނުގެ 20ވަނަ މާއްދާގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ ވަޒީފާދޭ ފަރާތްތަކުގެ ޒިންމާތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ވަޒީފާދިނުމާއި، ތަމްރީނުދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތު ދިނުމުގެ އިތުރުން، އެއް ތަނެއްގައި އެއްގޮތް މަސައްކަތްކުރާ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އުޖޫރަ އާއި ޢިނަޔާތްތައް ދިނުމުގައި ހަމަހަމަ އުސޫލުން ޢަމަލުކުރުން ހިމެނެއެވެ. އަދި  ޚާއްޞަ ހާލަތްތައް ފިޔަވައި ވަޒީފާއަށް އިޢުލާންކޮށް އިޝްތިހާރުކުރާއިރު ވަކި ޖިންސަކަށް ޚާއްޞަކޮށްގެން ފުރުޞަތު ނުހުޅުވުމަށާއި، އަންހެނުންނަށް މަސައްކަތަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި، އަންހެނުންނަށް މަސައްކަތްކުރަން ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ވަޒީފާދޭ ފަރާތްތަކަށް މަތިކޮށްފައިވެއެވެ.

މީގެ އިތުރުން، ޤާނޫނުގެ 20ވަނަ މާއްދާގެ (ކ)ގެ ދަށުން ޝަކުވާ ހުށަހަޅާ ނިޒާމެއް ގާއިމުކުރުމަށް ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ލާޒިމުކުރެއެވެ. އަދި މި ޤާނޫނުގެ ދަށުން "ވަޒީފާދޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ނިޒާމު އެކުލަވައިލުމުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ބަޔާންކުރާ އުސޫލު" ވަނީ 12 ޖޫން 2017ގައި ގެޒެޓްކުރެވިފައެވެ. މި ޤާނޫނުގެ 30ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުގެ މަތިން މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި، އިސްވެދެންނެވުނު ނިޒާމު ގާއިމުކޮށް އެ މައުލޫމާތު މި ވުޒާރާއަށް ހުށަހަޅަންވާނެއެވެ. އަދި ހަމަ އެހެންމެ މި ޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅާނެ ނިޒާމު ގާއިމުކޮށްފައި ނުވާ ފަރާތްތަކާއި މެދު މި ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)ގެ ދަށުން ފިޔަވަޅު އެޅުމުގެ ގޮތުން އެފަދަ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމާއި ޖޫރިމަނާކުރުން ހިމެނޭކަން ދަންނަވަމެވެ. މި ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ވަޒީފާދޭ ފަރާތްތަކުގައި މިފަދަ ނިޒާމެއް އެކުލަވާލެވިފައިވޭތޯ ބެލުމަށް މި ވުޒާރާއިން މިދަނީ މަސައްކަތްކުރަމުންނެވެ.

ވީމާ، މަތީގައި ފާހަގަކުރެވިފައިވާ ގޮތުގެ މަތިން ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޝަކުވާ ހުށަހަޅާ ނިޒާމާއި ގުޅޭ މައުލޫމާތު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް މި ވުޒާރާއަށް ހިއްސާކޮށްދިނުން އެދެމެވެ. އަދި ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކޮށްފައިނުވާނަމަ 2026 ނޮވެންބަރު 24 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން އެފަދަ ނިޒާމެއް އެކުލަވާލުމަށް ދަންނަވަމެވެ.

  • ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޝަކުވާ ހުށަހަޅާ ނިޒާމު ގާއިމުވެފައިވޭތޯ ނުވަތަ ނޫންތޯ
  • ގާއިމުވެފައިވާމަނަ، ނިޒާމު އެކުލަވައިލެވިފައިވަނީ ކޮން ސިފައެއްގަތޯ (މިސާލު: ޚާއްސަ ކޮމިޓީއެއްގެ ގޮތުން، އެހެނިހެން ކޮމިޓީއެއްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިފައި، ކޮމިޓީއެއްގެ ބަދަލުގައި ވަކި މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކަކަށް މަސްއޫލިއްޔަތު ހަވާލުކުރެވިފައި)
  •  ކޮމިޓީއެއް ނަމަ، ކޮމިޓީގެ ނަމާއި އެކުލަވާލެވުނު ތާރީޚު، ކޮމިޓީގެ މެންބަރުންގެ ތަފްސީލު، އަދި ކޮމިޓީގެ މަސްއޫލިއްޔަތާ ގުޅޭ ލިޔެކިއުންތައް (ކޮމިޓީގެ އުސޫލު ނުވަތަ ހިންގާ ގަވާއިދު، ކޮމިޓީ އެކުލެވުމާއި ގުޅޭގޮތުން މުވައްޒަފުންނާއި ހިއްސާކުރެވޭ މެމޯ)
  • ވަކި މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެއް ނަމަ، މުވައްޒަފުންގެ މައުލޫމާތު އަދި މި މަސްއޫލިއްޔަތު ހަވާލުކުރެވުނު ކަން އިނގޭނެފަދަ ލިޔުމެއް (މެމޯ، އީމެއިލް ފަދަ ލިޔުމެއް)
  •  މިހާތަނަށް ހުށަހެޅިފައިވާ މަސައްލަތަކުގެ ތަފާސްހިސާބު (އަހަރީ ރިޕޯޓުތަކުގެ ކޮޕީ؛ މިހާތަނަށް މައްސަލައެއް ހުށަހެޅިފައިނުވާނަމަވެސް، އެއްވެސް މައްސަލައެއް ލިބިފައިނުވާކަން ފާހަގަކޮށް، އަހަރީ ރިޕޯޓުތައް ފުރިހަމަކޮށް ހުށަހަޅަންވާނެ)

ވީމާ، މަތީގައި ދެންނެވިފައިވާ މަޢުލޫމާތު އަދި ޝަކުވާ ހުށަހެޅުމާއި ބަލައިގަތުމުގެ އުސޫލު އަދި ގުޅުންހުރި އެހެނިހެން ލިޔެކިއުންތައް  2026 ނޮވެންބަރު 24 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އަށް [email protected] މެދުވެރިކޮށް ހިއްސާކޮށްދެއްވުން އެދެމެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އީމެއިލް މެދުވެރިކޮށް ނުވަތަ މި ވުޒާރާގެ ނަންބަރު 3027597 އަށް ގުޅުއްވުންއެދެމެވެ. ޖެންޑަރ އިކުއަލިޓީ ޤާނޫނާއި ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ "ވަޒީފާދޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ނިޒާމު އެކުލަވައިލުމުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ބަޔާންކުރާ އުސޫލު" އަދި ޝަކުވާ ހުށަހަޅާ ނިޒާމުގެ އަހަރީ ރިޕޯޓުގެ ނަމޫނާގެ ދިވެހި އަދި ނުރަސްމީ ތަރުޖަމާ ތިރީގައިވާ ލިންކުތަކާއި މި އިއުލާނާއި އެކު ހިއްސާކޮށްފައިވާ ލިޔެކިއުންތަށް މެދުވެރިކޮށް ބައްލަވާލެއްވޭނެއެވެ. 

  • ޖެންޑަރ އިކުއަލިޓީގެ ޤާނޫނު (ދިވެހި): https://gazette.gov.mv/gazette/4010
  • ވަޒީފާދޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ނިޒާމު އެކުލަވައިލުމުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ބަޔާންކުރާ އުސޫލު (ދިވެހި): https://gazette.gov.mv/gazette/4154
28 އޮކްޓޫބަރު 2026