ދިވެހިރާއްޖެ
ނަންބަރު:MTCC-IRD/IU/2019/0048
އިޢުލާން
އެމްޓީސީސީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމަށް ފުރުސަތު ހުޅުވާލުން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު މި ނޯޓިސްއާއެކު ޢާންމުކޮށް ހުޅުވާލަމެވެ.
ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށްބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިހާބުކުރަންޖެހެއެވެ. މި 02 ޑިރެކްޓަރުން އިންތިހާބްކުރުން މިއަހަރު ބާއްވާ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި އޮންނާނެއެވެ.
ބޯޑް ޑިރެކްޓަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ މިކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ތިރީގައި އެވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި މީގެ އިތުރުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަރނަންސް ކޯޑުގެ ދެވަނަ ބައިގެ 1.1c ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.
73 ވަނަ މާއްދާ
- ބޯޑަށް ހަމަޖެއްސޭ ޑިރެކްޓަރުންނަކީ ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކާއި ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ޤަވައިދުތަކާއި އުސޫލުތަކުގައި ޕަބްލިކް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ޝަރުތުހަމަވާ މީހުންނަށް ވާންވާނެއެވެ. މީގެ އިތުރުން، ތިރީގައިމިވާ ސިފަތައް ޑިރެކްޓަރުންގެ ކިބައިގައި ކޮންމެހެން ހުންނަންވާނެއެވެ.
73.1. ކުންފުނީގެ އަސާސީ ޤަވާއިދުގައި ހުރި މަޤުސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރިކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން؛
73.2. އެއްވެސް ޤާނޫނަކުން ނުވަތަ ކޯޓަކުން ޑިރެކްޓަރެއްގެ މަޤާމް އަދާކުރުން މަނާކުރެވިފައިވާ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަޤާމުގައި ޑިސްކޮލިފައި ކުރެވިފައިވާ މީހަކަށް ނުވުން؛
73.3. ދިވެހިރާއްޖޭގައި ނުވަތަ އެހެން ވެސް ގައުމެއްގައި އިފްލާސް ކުރެވިފައިނުވުން އަދި އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުން؛
73.4. ވައްކަން،މަކަރާއިހީލަތް،ފައިސާއަށްހިޔާނާތްތެރިވުން،ފައިސާގެންގުޅުމުގައިނޭދެވޭގޮތްތަކަށްއަމަލުކުރުން،ފައިސާއަމާނާތެއްގެގޮތުގައިހަވާލުވެހުރެޚިޔާނާތްތެރިވުން، ރިޝްވަތު ފަދަ ކަމެއްގެ ކުށެއް ނުވަތައެނޫންވެސްމައްސަލައެއްސާބިތުވެފައިނުވުން؛
73.5. މަޤާމުގެ ހައިސިއްޔަތުންނާއި، އަމިއްލަ ގޮތުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކުކަމުގައި ވުން؛
73.6. ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ޙިކުމަތްތެރިޔަކު ކަމުގައިވުން؛
73.7. މާލީރިޕޯޓުތައް ކިޔައި، ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވުން؛
73.8. އެހެންމީހުންނާ އެކު ކުރެވޭ މުޢާމަލާތް ތަކުގައި ޒިންމާދާރު ގޮތެއްގައި، ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކުކަމުގައި ވުން؛
73.9. ބުއްދިސަލާމަތުން ހުރި، މީލާދީ ގޮތުން 25 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން؛ އަދި
73.10. ޢާންމު ޙިއްޞާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލާ ފަރާތަކީ ކުންފުނީގެ ޙިއްޞާދާރެއް ކަމުގައިވުން، މިއެވެ.
އަދި މީގެ އިތުރުން ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ގިނަވެގެން 3(ތިނެއް) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެގެން ނުވާނެއެވެ.
ޑިރެކްޓަރުކަމުގެ މުއްދަތު
ކުންފުނީގެ ހިންގާ ޤަވާއިދުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން 2018 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރައްވާ ޑިރެކްޓަރުންގެ ޑިރެކްޓަރުކަމުގެ މުއްދަތަކީ 2018 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޙުން 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހަށެވެ.
އަދި, ކުންފުނީގެ ހިންގާ ޤަވައިދުގެ 66 ވަނަ މާއްދާގައިވާ ގޮތުން "ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ކުންފުނީގެ އެއްވެސް ވަޒީފާއެއްގައި، ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް އިއުލާންކުރާ މުއްދަތާ ހަމަޔަށް ދެމިހުރެއްޖެނަމަ، އެފަދަ މުވައްޒަފަކަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައިހުރެ ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމެއް އަދައެއްނުކުރެވޭނެއެވެ."
ވީމާ ދަންނަވަމެވެ. އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ، މިދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"ފުރިހަމަ ކުރެއްވުމަށްފަހު 24 އޭޕްރީލް 2019 ވަނަ ދުވަހުގެ 1600 ގެކުރިން ކޮމްޕެެނީ ސެކްރެޓަރީ/އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓްއަށް އެޑްރެސްކުރައްވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ، އަށް ނުވަތަ (960) 3323221 ފެކްސް ނަންބަރަށް ނުވަތަ[email protected] އީ-މެއިލް އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް
(960) 3001122 ނަންބަރާއި ގުޅުއްވުން އެދެމެވެ.
"އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" ކުންފުނީގެ އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓުން (އެމްޓީސީސީގެ މައި އޮފީހުގެ 07 ވަނަ ފަންގިފިލާގައިވާ)އަދި އެމްޓީސީސީގެ ވެބްސައިޓް: www.mtcc.com.mv އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމް ހުށަހަޅުއްވާ ފަރާތްތައް ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީން އިވެލުއޭޓްކޮށް ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާ، ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މަޢުލޫމާތު އަހަރީ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރެވޭނެއެވެ. މި 02 މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ވޯޓު ދިނުން
- ކުންފުނީގެ ކޮންމެ ޢާންމުޖަލްސާ އެއްގައިވެސް ވޯޓްދޭނީ އަތް އުފުލައިގެންނެވެ. ނަމަވެސް ކުންފުނީގެ ޙިއްޞާގެ 10% އަށްވުރެ މަދުނޫން ޢަދަދެއް ތަމްޞީލުކުރާ މެމްބަރުން އެދިއްޖެނަމަ މެމްބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ކޮންމެ ޙިއްޞާއަކަށް ވޯޓެއްގެ ނިސްބަތުން، ޕޯލް ވޯޓްދޭގޮތަށް ހަމަޖައްސަންވާނެއެވެ.
- އަތް އުފުލައިގެން ވޯޓް ދޭއިރު ޙާޟިރުވި ކޮންމެ ޙިއްޞާދާރަކަށް ވެސް ދެވޭނީ އެއް ވޯޓެވެ.
- މެމްބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ވޯޓުދޭއިރު ޙާޟިރުވި ކޮންމެ މެމްބަރަކަށްވެސް އޭނާ ގަނެފައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ގެ ގޮތުން ޕޯލް ވޯޓެއް ދެވިދާނެއެވެ.
- ކުންފުނީގެ ޢާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމުގައި އަތް އުފުލައިގެން ވޯޓްދިނުމުގެ ބަދަލުގައި ޖަލްސާއަށް ހާޟިރުވި ކޮންމެ ޙިއްޞާދާރަކަށް އަދި ޕްރޮކްސީ މެދުވެރިކޮށް ތަމްސީލުކުރެވިފައިވާ ކޮންމެ ޙިއްޞާދާރަކަށް، އެޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ އާންމު ޙިއްޞާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ކޮންމެ ގޮނޑިއަކަށް އެއް ވޯޓް ދެވޭ އުޞޫލުން ވޯޓް ފޮއްޓަށް ވޯޓް ލެވިދާނެއެވެ. މިގޮތުން ވޯޓު ދިނުމުގައި ހުސްވެފައިވާ ގޮނޑީގެ އަދަދަށްވުރެ ގިނައިން ޙިއްޞާދާރަކު އަދި ޕްރޮކްސީ މެދުވެރިކޮށް ބަދަލުގައި ވޯޓުލާ ފަރާތުން ވޯޓު ދީފައިވާނަމަ އެ ޙިއްޞާދާރެއްގެ ނުވަތަ ޕްރޮކްސީ ވޯޓެއް ބާތިލްވާނެއެވެ.
- ޑިރެކްޓަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓުގެ ނަތީޖާގައި އެންމެ މަތިން ވޯޓު ހޯދާފައިވާ ފަރާތްތައް އެއްވަރުވެއްޖެ ނަމަ، ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރެވޭ މެމްބަރުން ކަނޑައަޅާނީ އެއްވަރަށް ވޯޓު ހޯދާފައިވާ ފަރާތްތަކުން އެކަނި ހިމެނޭގޮތަށް އަލުން ނަގާ ވޯޓެއްގެ ނަތީޖާ އިންނެވެ. މިގޮތުން ނަގާވޯޓްގެ ނަތީޖާވެސް އެއްވަރުވެއްޖެނަމަ ހިންގާ ޤަވާއިދުގެ 60 ވަނަ މާއްދާގައިވާގޮތަށް އެޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ކާސްޓިންގ ވޯޓެއް ދިނުމުގެ ޙައްޤު ލިބިގެންވެއެވެ.
26 ރަޖަބް 1440
02 އޭޕްރީލް 2019