ދިވެހިރާއްޖެ
މީސް މީޑިއާ މެދުވެރިކޮށް ފުރާވަރު ޢުމުރުގެ ކުދީންނަށް އަމާޒު ކޮށްގެން، ކުދިން ޝައުޤުވެރިވާ ގޮތަށް، އިސްލާމީ ޘަޤާފަތާއި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވީޑިއޯ ކްލިޕް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. މި މުބާރާތަށް ހުށަހަޅާ ކްލިޕްތަކުން ބޮޑެތި ވަމުންއަންނަ ކުދިންނަށް އިސްލާމީ އުންމަތުގެ ޙާލަތު، ކީރިތި ޤުރްއާނުގެ މުއްޖިޒާތް، ކީރިތި ޤުރްއާނުގައިވާ ސައިންޓިފިކް ޙަޤީޤަތްތާ ބެހޭ މަޢުލޫމާތު ލިބިގަތުން ހިމެނެއެވެ.
މި މުބާރާތުގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކްލިޕްތަކުގެ މައުޟޫތައް:
- އިސްލާމީ އުންމަތުގެ ޙާލަތު
- ކީރިތި ޤުރްއާނުގެ މުއްޖިޒާތް
- ކީރިތި ޤުރްއާނުގައިވާ ސައިންޓިފިކް ޙަޤީޤަތް
މި މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް އިނާމު ހުށަހަޅާފައިވެ އެވެ. އެއީ:
- އެއްވަނަ އަށް 30000ރ. (ތިރީސްހާސް ރުފިޔާ)
- ދެވަނަ އަށް 25000 ރ. (ފަންސަވީސްހާސް ރުފިޔާ)
- ތިންވަނަ އަށް 20000 ރ. (ވިހިހާސް ރުފިޔާ)
1 ވަނަ 2 ވަނަ އަދި 3 ވަނަ އިގެ އިތުރުން އެންމެ ގިނަމާކުސް ލިބޭ ހަތަރު ކްލިޕަށް ކޮންމެ ކްލިޕަކަށް 10000 ރުފިޔާ (ދިހަހާސް ރުފިޔާ) ގެ އިނާމުވަނީ ކަނޑައެޅިފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރި ވުމަށްޓަކައި، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 30 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ކްލިޕްގެ ސީޑީއާއިއެކު މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. މި މުބާރާތުގެ ޤަވާޢިދާއި ބައިވެރިވާން އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv ން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި މިނިސްޓްރީގެ 3020243 ނުވަތަ 3020275 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
----------------------------------------
25 ރަޖަބް 1440