އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގައި ކ.ގިލިލަންކަންފުށި ރިސޯޓަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރުން

ނަންބަރު: A)EA-2019/123)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ކ.ގިލިލަންކަންފުށި ރިސޯޓަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރުން

ކ. ގިލިލަންކަންފުށީގައި ވޯޓު ފޮށި ބެހެއްޓެން ނެތްކަމަށް އެރިސޯޓުން އަންގާފައިވާތީ އެރިސޯޓުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ގިލިލަންކަންފުށީގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު  09 މާރިޗު 2019 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. 

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، ގިލިލަންކަންފުށީގައި ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. 

ރާއްޖެއިންބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު އެގައުމެއްގެ ގަޑިން 10:00 އިން ހަވީރު 03:00 އަށެވެ.

އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

29 ޖުމާދަލްއާޚިރު 1440

06 މާރިޗު 2019
ހޯދާ