ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު 2019

ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު 2019  

-1ތަޢާރަފް:

(ހ) މިއީ ޤާނޫނު ނަންބަރ 7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ނަންބަރ: 2014/R-239ޤަވާޢިދުގެ 13ވަނަ މާއްދާއިން ބާރު ލިބިގެން އެޤަވާޢިދު ނަގަހައްޓާ ހިންގުމަށްޓަކައި ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލުގެ 2019 ވަނަ އަހަރުގެ 09 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށް ޢަމަލުކުރުމަށް ހަދާފައިވާ ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލެވެ.

(ށ) މިއުޞޫލުގައި ބަޔާން ވެގެންވާނީ މިނިޒާމުގެ ދަށުން އަމަލުކުރާނެ ޢާންމު އުޞޫލުތަކާއި، ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގައި ބައިވެރިވާ ފަރާތްތަކާއި އަދި އެނިޒާމުގައި ބައިވެރި ނުވާ ފަރާތްތައް ޢަމަލުކުރަންވީ ގޮތުގެ އުޞޫލުތަކެވެ.

-2ޢަމަލު ކުރަން ފަށާ ތާރީޚް:

މި އުޞޫލަށް އަމަލުކުރަން ފަށާނީ، 06 މާރިޗް 2019 އިން ފެށިގެންނެވެ.

-3މިނިޒާމުގެ ދަށުން އަމަލުކުރާނެ ޢާންމު އުޞޫލުތައް

3.1 ކުނި ކޮށްޓަށް ކުނި އެޅުމުގައި އަމަލުކުރަންޖެހޭ ގޮތް:

(ހ) ރަށުގައި އުފެދޭ އަދި އުފައްދާ އެންމެހާ ކުނިބުނިތައް އުކާލުމަށް އަދި ނައްތާލުމަށް ނުވަތަ ކުނި އަންދާލައިގެން ނައްތާލުމަށް ކުނި ޖަމާކުރާނީ ކައުންސިލުން ކުނިމެނޭޖްކުރުމަށް ކަނޑައަޅާފައިވާ ކުނި ކޮށްޓަށެވެ.

(ށ) ކުނި ކޮށްޓަށް ކުނި އަޅަންވާނީ ތަފާތު ކުނިތައް އެޅުމަށް ނަންބޯޑު ޖަހައި ފާހަގަކުރެވިފައިވާ ތަންތަނަށް އެއްބާވަތުގެ ކުންޏެވެ.

(ނ) ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދެއްވަދޫ ކުނިކޮށްޓަށް ނޫންތަނަކަށް އެއްވެސް ފަރާތަކުން އަޅައިގެން ނުވާނެއެވެ. މިއާ ޚިލާފަށް ދެއްވަދޫ ކުނިކޮށްޓަށް ފިޔަވައި އެނޫންތަނަކަށް ކުނި އަޅައިފި ނަމަ ބެލެވޭނީ މި އުޞޫލާއި އަދި ދެއްވަދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވާޢިދާ ޚިލާފުވީ ކަމަށެވެ.

(ރ) ކުނި އެޅުމަށް ޚާއްޞަކުރެވި ކަނޑައެޅިފައިވާ ތަނަށް ކުނި ނާޅައި އެނޫންތަންތަނަކަށް އެއްވެސް ފަރާތަކުން ކުނި އަޅައިފި ނަމަ ނުވަތަ މި އުޞޫލާއި އަދި ޤަޥާޢިދުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ މި އުޞޫލާއި ޤަޥާޢިދާ ޚިލާފުވީކަމަށް ބަލައި އެފަރާތަކާއި މެދު ދެއްވަދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވާޢިދާއި މި އުޞޫލުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

3.2 މި ނިޒާމުގައި ބައިވެރިވެވޭނެގ ގޮތްތަކާއި އަދި ފީނެގޭގޮތް:

(ހ) މި ނިޒާމުގައި ބައިވެރި ވުމަށްޓަކައި، "ރައްކާތެރި ކަމާއެކު ކުނި ނައްތާލުމުގެ ނިޒާމުގައި ބައިވެރިވުމަށް އެނެކްސް 2ގައިވާ ފޯމް ފުރުމަށް ފަހު ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

 (ށ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން ތިރީގައި މިދަންނާ ފީ މަހުގެ ފީގެ ގޮތުގައި ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ.

1- މީހުން ދިރި އުޅޭ ކޮންމެ  ގޭބިސީއަކުން -/200 ރުފިޔާގެ މަހުފީ

2- ސަރުކާގެ ޢިމާރާތަކުން -/500 ރުފިޔާގެ މަހުފީ

3- ވިޔަފާރި ފިހާރަތަކުން -/200 ރުފިޔާގެ މަހުފީ

5- ކެފޭ / ރެސްޓޯރެންޓްތަކުން -/300 ރުފިޔާގެ މަހުފީ

6- އޮޑިދޯނިފަރުތަކުން -/100 ރުފިޔާގެ މަހުފީ

7- ފަޅުގޯތިތަކުން ކުނި އުކާލާ ދުވަސްތަކަށް -/40 ރުފިޔާ

8- ޢާންމު ކުނިތައް ފިޔަވައި އެހެނިހެން ކުނި އުކާލާ ދުވަސްތަކަށް -/40 ރުފިޔާ

(ނ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ފީ ދައްކަންވާނީ ކުރިއަށް އޮންނަ މަހުގެ ފީ ހިނގަމުންދާ ކޮންމެ މީލާދީ މަހެއްގެ ބިލް ފޮނުވުމުން އެބިލްގައިވާ ތާރީޚުގެ ކުރިންނެވެ.

(ރ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން ކައުންސިލުން ފޮނުވާ ބިލްތަކާއިއެއްގޮތަށް ފީ ނުދައްކާނަމަ އަންނަނިވި އުޞޫލުން އެ ފަރާތެއް ޖޫރިމާނާ ކުރެވޭނެއެވެ.

1- މީހުން ދިރި އުޅޭ ކޮންމެ  ގޭބިސީއަކުން -/200 ރުފިޔާގެ މަހުފީ – މި ބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ 0.50 ލާރީގެ ރޭޓުންނެވެ.

2- ސަރުކާގެ ޢިމާރާތަކުން -/500 ރުފިޔާގެ މަހުފީ – މި ބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ 2.00 ރުފިޔާގެ ރޭޓުންނެވެ.

3- ވިޔަފާރި ފިހާރަތަކުން -/200 ރުފިޔާގެ މަހުފީ – މި ބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ 1.00 ރުފިޔާގެ ރޭޓުންނެވެ.

4- ކެފޭ / ރެސްޓޯރެންޓްތަކުން -/300 ރުފިޔާގެ މަހުފީ – މި ބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ 2.00 ރުފިޔާގެ ރޭޓުންނެވެ.

5- އެހެނިހެން ކެޓަގަރީތަކަށް ފޮނުވާ ބިލްތަކުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ހިނގާ ކޮންމެ ދުވަހަކަށް 0.50 ލާރީގެ ރޭޓުންނެވެ.

(ބ) ފީ ދެއްކުން ލަސްވެ ޖޫރިމާނާ ވެފައިވާ ފަރާތްތަކުން ދެއްވަދޫ ކައުންސިލްގެ އިދާރާއިން ފީ ބަލައިގަންނާނީ ވެފައިވާ ޖޫރިމާނާ ފައިސާ އެކުގައެވެ.

(ޅ) ދެއްވަދޫ ކައުންސިލުން ކުނި ނައްތާލުމަށް ހަމަޖައްސަވާފައިވާ މުވައްޒަފުން ކުނި ނެގުމަށް ދާން ހަމަޖެހިފައިވާ ގަޑިއަކީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދު 9:00 އިން ފެށިގެން ހަވީރު 16:00 އާއި ދެމެދުއެވެ. އަދި ހުކުރު ދުވަހު މެންދުރު 14.00 އިން ފެށިގެން ހަވީރު 17.00 އާއި ދެމެދުގައެވެ. ހުކުރު ދުވަސްތަކުގައި ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޑަސްބިން (ކާބޯތަކެއްޗާއި، ކުނިވާޒާތުގެ) ކުންޏެވެ.

(ކ) އުކާލުމަށް ބޭނުންވާ ކުނި ހުންނަންވާނީ ގޯތިން ކަނޑައަޅާ ދޮރޯއްޓެއްގެ ކައިރީގައި ގޯތި ތެރޭގައި ފަސޭހައިން ނެގޭގޮތަށް، ފަތްކުނި، ދަނގަޑު، ޕްލާސްޓިކް، ބިއްލޫރި، އަޅިއާއި ބާކީ، ނެޕީ، އިލެކްޓްރޯނިކް ކުނި، އަދި ޑަސްބިން (ކާބޯ ތަކެއްޗާއި، ކުނިވާ ޒާތުގެ ކުނި) ވަކިވަކީން އެއްޗިއްސަށް އަޅައި ބަންދު ކުރެވި ފަސޭހައިން އުފުލައި ގެންގުޅެވޭ ގޮތަށް ބެހެއްޓިފައެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށްކުނި ވަކިވަކިން ބެހެއްޓިފައި ނެތް ނަމަ އެދުވަހަކު އެގެއަކުން ކުނި އުކާ ނުލެވޭނެއެވެ. ދެން އެގެއަކުން ކުނި އުކާލެވޭނީ މި މާއްދާގެ (ކ) ގައިވާ ގޮތަށް ކުނި ވަކިކޮށް އެކަން އިސްލާޙު ކުރުމުން ޖެހިގެން އަންނަ ދުވަހުއެވެ.

 (ވ) ރަށުގައި ކުރިއަށްދާ އެކި އެކި ޕްރޮޖެކްޓްތަކުގެ ދަށުން ކުރާމަސައްކަތުގެ ތެރެއިން އުފެދޭ ކުނިބުނިތައް އުކާލަންވާނީވެސް މި އުޞޫލުގެ ދަށުންނެވެ. މިގޮތުން މިފަދަ ދަތުރުތައް ކުރާނީ ދަތުރަކަށް -/40 ރުފިޔާ ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ.

4- ކުނި އެންދުން:

(ހ) އެއްވެސް މީހަކަށް ދޫކޮށްފައިވާ ގޮވައްޗެއްގެ ތެރޭގައި ނުވަތަ ބަންޑާރަ ބިމެއްގައި ވިޔަސް ކުނި އެންދުމަކީ މަނާ ކަމެކެވެ. ނަމަވެސް އިޖުތިމާޢީ ޞަރަޙައްދުތަކާއި، ރަށުގެ ހޭޅި ފަށުގެ ސަރަޙައްދުތައް ސާފްކުރުމަށް ޢާންމު ފަރާތްތަކުން މަސައްކަތް ކުރާ ދުވަސްތަކުގައި ކައުންސިލްގެ އިދާރާގެ ހުއްދަ ހޯދައިގެން ކުނި އެންދިދާނެއެވެ.

(ށ) ގޭސް ރައްކާކުރެވިފައިވާ ތަކެއްޗާއި، ޕްލާސްޓިކް އަދި ފައިބަރ ފަދަ ތަކެއްޗާއި އެ އެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވާފާނެތަކެތި، ޞިއްޙީގޮތުން ގެއްލުން ލިބިދާނެފަދަ ތަކެތި އަމިއްލަ ގޯތީގައި އެންދުމަކީ މަނާކަމަކަށްވާތީ މިފަދަ ތަކެތި އެންދުމަށް ދެއްވަދޫ ކައުންސިލުން އެއްވެސް ފަރާތަކަށް ހުއްދަ ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތްތަކާމެދު، މި އުޞޫލާ އަދި ޤަވާޢިދާއި ޚިލާފުވީ ކަމަށް ބަލައި އެފަރާތަކާއި މެދު ދެއްވަދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވާއިދު އަދި މި އުޞޫލުގެ ދަށުންޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

5- މި އުޞޫލާއި ޚިލާފުވުމުން އަޅާނެ ފިޔަވަޅު:

(ހ) މި އުޞޫލާއި ޚިލާފު ވުމުން ފުރަތަމަ ފަހަރަށް އެފަރާތެއް ޙާޒިރުކޮށް އެކަމާބެހޭ ސުވާލުތައްކޮށް އިޢުތިރާފް ވާނަމަ ނުވަތަ ދެ ފަރާތެއްގެ ހެކިބަސް އެކަމަކަށް ލިބިފައިވާނަމަ އެފަރާތަކަށް މި އުޞޫލާއި ޚިލާފަށް ޢަމަލުނުކުރުމަށް ލިޔުމުން ނަޞޭޙަތްދިނުމާއެކު އެމީހަކު އެކުރިކަމެއް ރަނގަޅު ކުރުމަށް އެންގޭނެއެވެ.

(ށ) މި އުޞޫލާއި އަދި ދެއްވަދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަޥާޢިދާ ޚީލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަޞޭޙަތްދީ ރަނގަޅުކުރުމަށް އަންގާކަމެއް ރަނގަޅު ނުކޮށްފިނަމަ  ދެއްވަދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވާއިދުގެ ދަށުން މި އުޞޫލާއި ގަޥާއިދުގައި ކަނޑައެޅިފައިވާ ކަންކަމަށް ކަނޑައެޅިފައިވާ މިންވަރަށް ޤާނޫނީފިޔަވަޅު އަޅައި އެފަރާތެއް މި އުޞޫލުގައިވާ ގޮތުގެ މަތީން ޖުރިމަނާ ކުރެވޭނެއެވެ.

(ނ) މިގޮތުން މި އުޞޫލާއި ޚީލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަޞޭޙަތްދީ އެކުރިކުށް އިސްލާޙު ނުކޮށް ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ އެފަރާތެއް -/500 (ފައްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) 3 ވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފި ނަމަ އެފަރާތެއް -/1500 (ފަނަރަސަތޭކަ) ރުފިޔާ  އާއި -/2500 (ދެހާސް ފައްސަތޭކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) 4 ވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފި ނަމަ އެފަރާތެއް -/2500 (ދެހާސް ފައްސަތޭކަ) ރުފިޔާ އާއި -/4000 (ހަތަރުހާސް) ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) 4 ފަހަރަށްވުރެ އިތުރަށް ކުށްތަކުރާރު ކުރާ ކޮންމެ ފަހަރަކު އެފަރާތެއް -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ކ) މި އުޞޫލާއި އަދި ޤަޥާޢިދާ ޚިލާފުވާ ފަރާތްތަކަށް އެކަމެއް ރަނގަޅުކުރުމަށް އަންގާ އެއްވެސް ކަމެއް އެފަރާތަކުން ނުކޮށް ކައުންސިލުން ރަނގަޅު ކުރަން ޖެހިއްޖެނަމަ އެކަމަކަށް ދިޔަ ޚަރަދެއް މި އުޞޫލާއި ޚިލާފުވީ ފަރާތުން ކައުންސިލަށް ދައްކަންވާނެއެވެ.

6- ރައްކާތެރިކަމާއެކު ދެއްވަދޫގައި ކުނިނައްތާލާ ނިޒާމުގައި އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ޢަމަލު ކުރަންވީ ގޮތުގެ އުޞޫލު:

(ހ) މި ނިޒާމުގައި އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ކުނި ކޮށްޓަށް ކުނި ގެންދެވޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދުއެވެ.

(ށ) އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ގެންދާ ކުނި އަޅަންވާނީ ތަފާތު ކުނިތައް އެޅުމަށް ކުނިކޮށީގައި ނަންބޯޑު ޖަހައި ފާހަނގަކުރެވިފައިވާ ތަންތަނަށް އެއްބާވަތުގެ ކުންޏެވެ.

(ނ) އަމިއްލައަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ކުނިކޮށްޓަށް ކުނި ގެންދެވޭނީ އެފަދަ ފަރާތްތައް ދެއްވަދޫ ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީ ވުމަށް ހުށަހަޅަންޖެހޭ އެނެސްކް 3ގައިވާ ފޯމް ފުރައި އަދި ދެއްވަދޫ ކައުންސިލްގެ އިދާރާގައި ރަޖިސްރީކޮށްގެންނެވެ. މި ގޮތަށް ރަޖިސްޓްރީވާ ފަރާތްތަކުން، ކޮންމެ މަހަކުވެސް އެފަރާތެއް މި ނިޒާމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިގޮތަށް ރަޖިސްޓްރީވާ ފަރާތްތަކުން ކުނި އުކާލުމަށް ކުނިކޮއްޓަށްދާ ކޮންމެ ދުވަހަކަށް -/25 (ފަންސަވީސް) ރުފިޔާ ދައްކަންވާނެއެވެ. އަދި މިގޮތަށް ރަޖިސްޓްރީ ވާ ފަރާތްތަކުން ހިނގާމަހުގެ ފުރަތަމަ 3 ދުވަހުގެ ތެރޭގައި ފޯމް ހުށަހަޅަންވާނެއެވެ.

(ރ) މި ގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާއި އަދި ކުނި ކޮށްޓަށް ނޫންގޮތްގޮތަށް ރަށުގެ އެތަން މިތަނަށް ކުނި އުކާ ފަރާތްތަކާއި މެދު ޢަމަލު ކުރެވޭނީ، މި އުޞޫލުގެ 5ވަނަ މާއްދާގެ (ނ)، (ރ)، (ބ)، (ޅ) އަދި (ކ) އާއި އެއްގޮތަށް އެ އަކުރުތަކުގެ ދަށުންނެވެ.

7- ޖޫރިމަނާ ފައިސާ ބަލައިގަތުން:

(ހ) މި އުޞޫލާއި އަދި ދެއްވަދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވާއިދާއި ޚިލާފުވެގެން ނެގޭ އެންމެހާ ޖޫރިމަނާފައިސާ ދައްކަންވާނީ ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާއަށެވެ. ޖޫރިމަނާ ފައިސާ ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމަށް ފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެމީހަކު ލިބިގަންނަންވާނެއެވެ.

(ށ) ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ދެވޭނެ މުއްދަތަކީ ޖޫރިމަނާ ކުރާ ދުވަހުން ފެށިގެން ރަސްމީ 10 ދުވަހެވެ.

(ނ) އެއްވެސް ފަރާތަކަށް، ޖޫރިމަނާ ކޮށް ޗިޓު ހަވާލުކޮށްފި ނަމަ ޖޫރިމަނާ ކުރިފަރާތަށް ޖޫރިމަނާ ޗިޓުގެ އަސްލު ހަވާލުކުރުމަށް ފަހު ޗިޓުގެ 1 ކޮޕީ ދެއްވަދޫ ކައުންސިލްގެ އިދާރާގެ ފައިސާ އާއި ބެހޭ ބަޔަށް ހަވާލުކުރަން ވާނެއެވެ. އަދި އަނެއްކޮޕީ ދެއްވަދޫ ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގައި އޮންނަންވާނެއެވެ.

 

 

8- ޝަރީޢަތުން ބަދަލު ހޯދުން:

މި އުޞޫލާއި ޤަޥާޢިދާއި ޚިލާފުވެގެން ޖޫރިމަނާ ޗިޓް ލިބިފައިވާ ފަރާތްތަކުން ދެއްވަދޫ ކައުންސިލަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، އެއްވެސް ޙާލަތެއްގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ކޯޓްގައި ދައުވާކޮށްގެން އެ ފައިސާ ދެއްވަދޫ ކައުންސިލުން އެފަރާތްތަކުން އެއްފަހަރާ ހޯދޭނެއެވެ.

9- މި އުޞޫލާއި އެއްގޮތަށް ޢަމަލުކުރުން:

ދެއްވަދޫ ކައުންސިލުން ފާސްކޮށްގެން އިތުރު ވަކިގޮތެއް ނާންގާހާ ހިނދަކު ނުވަތަ މި އުޞޫލު ބާޠިލު ނުކުރާހާ ހިނދަކު މި އުޞޫލާއި އެއްގޮތަށް ދެއްވަދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ކަންކަން ކުރުވައި މި އުޞޫލާއި ޤަވާޢިދު ތަންފީޒް ކޮށް ނަގަހައްޓައި ހިންގަމުން ގެންދިއުން ދެއްވަދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވާއިދުގެ ދަށުން ދެއްވަދޫ ކައުންސިލުގެ މައްޗަށް ލާޒިމުކުރެއެވެ.

10- އުޞޫލަށް ބަދަލު ގެނައުން:

މި އުޞޫލަށް ބަދަލު ގެނެވޭނީ ދެއްވަދޫ ކައުންސިލުން ކަނޑައަޅާ ޤަވާޢިދު ކޮމިޓީ އިން ދިރާސާކޮށް ގެންނަންޖެހޭ ބަދަލެއް ދެއްވަދޫ ކައުންސިލްގެ އާންމު ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.

==================

05 މާރިޗު 2019
ހޯދާ