އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CB-2019/119)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2019 އޭޕްރީލް 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލާ، ގުނާ އެމީހެއްގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.

މި ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 7 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

   ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.

1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

2. ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

3. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

4. ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރެއް/ވެރިއެއް ކަމުގައި ނުވުން.

5. ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.

6. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

   ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ތަންތަނަށެވެ.

  •  މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބާޖަމާލުއްދީން) ގެ ރިސެޕްޝަނަށެވެ.
  • އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ.
  • އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީއެއްގެ ފޯކަލް ޕޮއިންޓަށެވެ.

   ކެންޑިޑޭޓުންގެ މަންދޫބުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިސިޓީއާއެކު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ފޮނުވަން ވާނެއެވެ.

   ފުރިހަމަ ނަން، ދިވެހި (ފަރުމަ ފޮންޓުގައި) އަދި އިނގިރޭސި ބަހުން، އައި.ޑީ ކާޑް ނަންބަރު، އެޑްރެސް، ޖިންސް، އެދިލައްވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރ އެނގޭނޭހެން ލިސްޓުގެ ހާޑްކޮޕީ އަދި ސޮފްޓް ކޮޕީ ތައްޔާރުކުރައްވާ ވެބްސައިޓްގައި ހިއްސާކުރެވިފައިވާ ފޯމެޓްގައި ފޮނުވަންވާނެއެވެ. (ލިސްޓުގެ ސޮފްޓް އެކްސެލް ފޯމެޓުގައި ސީޑީ އެއްގައި) އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯ (ޕާސްޕޯޓުގައި ޖަހާ ފޮޓޯގެ މިންގަނޑުތަކާ އެއްގޮތްވާ ފޮޓޯއެއް) އާއި،  ފޮޓޯގެ ސޮފްޓް ކޮޕީ (ފޮޓޯގެ ސޮފްޓް ކޮޕީ ޖޭޕީޖީ ފޯމެޓުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުން ރީނޭމް ކުރުމަށްފަހު ސީޑީއެއްގައި) ފޮނުވަންވާނެއެވެ. އަދި އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް  www.elections.gov.mv އިން ޑައުންލޯޑްކުރެއްވޭނެއެވެ.

   ކެންޑިޑޭޓުންގެ މަންދޫބުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި  ދުވަހުން ފެށިގެން 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 04:00 އަދި ކޮންމެ ހޮނިހިރު ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖުމާދުލްއާޚިރާ 1440

 

28 ފެބުރުވަރީ 2019
ހޯދާ