އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން

ނަންބަރ: A)CA-2019/115)

އިޢުލާން

ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން

ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ 2 (ދޭއް) ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2019 އެޕްރީލު 13ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މި ދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން މި ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 2019 ފެބްރުވަރީ 27 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ން ފެށިގެން،2019 މާރިޗު 12 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

   (1) ދިވެހިރައްޔިތަކަށްވުން.

   (2) ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.

   (3) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

   (4) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

   (5) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

   (6) ފުލްޓައިމް ދަރިވަރެއް ކަމުގައި ނުވުން.

2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތަށް ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި،  އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާނަމައެވެ.

3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

   (1) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހެއް ކަމުގައިވުން.

   (2) އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޛުކުރަމުންދާ މީހެއް ކަމުގައިވުން.

   (3) މި މާއްދާގެ (4) އަދި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހެއް ކަމުގައިވުން.

   (4) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން.

   (5) ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން.

   (6) އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.

4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

   (1) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފުރިހަމަ ކޮށްފައިވާ ފޯމު.

   (2) މި އިޢުލާނުގެ 3 ވަނަ ނަންބަރުގެ (1)، (2)، (3)، (4)، (5) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކުރާ ފޯމު.

   (3) މި އިޢުލާނުގެ 3 ވަނަ ނަންބަރުގެ (1)، (2)، (3)، (4)، (5) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ފޯމު.

   (4) ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.

   (5) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/1500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާގެ އިދާރީ ފީ. (ނަގުދު ފައިސާއިން ނުވަތަ ބޭންކުން ގެރެންޓީކޮށްފައިވާ ޗެކެއް)

   (6) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާނުލާ ނަމަ (އަމިއްލަގޮތުންނަމަ)، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ކައުންސިލެއްގެ ދާއިރާއެއްގެ ތެރޭގައި ހިމެނޭ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރާއި، ސޮއި، ހިމެނޭ ލިސްޓު.

   (7) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީއެއްގެ ޤަރާރު.

   (8) އެމީހަކު އެ އިންތިޚާބުގައި ހާއްސަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ، އެ ނިޝާނާއި އޭގެސޮފްޓް ކޮޕީ JPEG ފޯމެޓުގައި.

   (9) އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯގެ ސޮފްޓް ކޮޕީ JPEG ފޯމެޓުގައި.  

   (10) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤްރާރުވެ، އެ އިޤްރާރު.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ އެންމެހާ ފަރާތްތަކުން އިސްވެ ބުނެވުނު މައުލޫމާތުތައް ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒަށެވެ. އަދި މިނޫން އެއްވެސް ތަނަކުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

ހއ. ފިއްލަދޫ ކައުންސިލަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2019 ފެބްރުވަރީ 27 ވާ ބުދަ ދުވަހުން ފެށިގެން 2019 މާރިޗު 12 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 15:00 އާ ހަމައަށް، ރަސްމީ ބަންދު ދުވަސް ތަކުގައި ހެނދުނު 10:30 ން މެންދުރު 14:00 އާ ހަމައަށް،  އަދި ހުކުރު ދުވަހު މެންދުރު 14:30 ން ހަވީރު 16:30 އަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަން ވާނެއެވެ.

ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން ވޯޓުލުން ހަމަޖެހިފައިވަނީ 2019 އެޕްރީލު 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ން ހަވީރު 04:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ހަވީރު 16:30 ގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރާނީ 2019 އެޕްރީލު 15 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ ރަށު ފޯކަލް ޕޮއިންޓުންނާއި، މި ކޮމިޝަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓްwww.elections.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

22 ޖުމާދުލްއާޚިރާ 1440

27 ފެބުރުވަރީ 2019
ހޯދާ