އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ށ. ޅައިމަގުގައި ހުރި ރުއްގަސްތައް ހުއްދަ ނެތި ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމާއި ގުޅިގެން ށ. ޅައިމަގު ކައުންސިލްގެ އިދާރާ ޖޫރިމަނާކުރުން

                                                                                                                                                      ނަންބަރު: PR-203-PROREC/1/2019/1

 

ނޫސްބަޔާން

ށ. ޅައިމަގުގައި ހުރި ރުއްގަސްތައް ހުއްދަ ނެތި ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމާއި ގުޅިގެން ށ. ޅައިމަގު ކައުންސިލްގެ އިދާރާ ޖޫރިމަނާކުރުން.

ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގަވާއިދު ގެ ދަށުން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލުގެ ދަށުން މި އެޖެންސީން ނަގަން ޖެހޭ ހުއްދަ ނެތި ށ. ޅައިމަގުގެ އެކި ސަރަޙައްދުތަކުގައި ހުރި ރުއްގަސްތައް ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމުގެ މަސައްކަތް 2018 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާތީވެ މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ ވަނީ 09 ޖަނަވަރީ 2019 ގައި ގަވާއިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު)ގެ ޖަދުވަލު 5 ގެ ދަށުން 191,250.00 (އެއްލައްކަ ނުވަދިހައެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވިފައެވެ. އަދި، މި ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ ކައުންސިލްގެ އިދާރާއަށް ވަނީ އަންގާފައެވެ.

މި ޖޫރިމަނާ ކަނޑައެޅުމުގައި މި އެޖެންސީއިން ށ. ޅައިމަގަށް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ޒިޔާރަތްކޮށް ކުރެވުނު ސަރވޭގައާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި އެޖެންސީއަށް ލިބުނު މަޢުލޫމާތަށް ބަލާފައިވާނެއެވެ. މިގޮތުން، އެ ރަށު ކައުންސިލް އިދާރާގެ ފަރާތުން ޔުހާސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިގެން އެ ރަށުގެ އެކި ދިމަދިމާލުން މި އެޖެންސީގެ ހުއްދަނެތި، ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނަގާފައިވާކަމާއި، އަދި ރަށުން ބޭރުކޮށްފައިވާކަން މި އެޖެންސީއަށް ވަނީ ކަށަވަރުކުރެވިފައެވެ. އަދި، މަސައްކަތް ހިންގާ ފަރާތުގެ ޙައިސިއްޔަތުން މި ކަންކަމަކީ ރަށު ކައުންސިލްގެ އިދާރާއިން ޒިންމާވާންޖެހޭ ކަމެކެވެ.  

03 ޖުމާދަލްއޫލާ 1440

09 ޖަނަވަރީ 2019

09 ޖަނަވަރީ 2019
ހޯދާ