މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަގުތީ ވެޓެރިނަރީ ކްލިނިކެއް ހުޅުވުމާ ގުޅޭ

ޕެޓްގެ ގޮތުގައި އޮޅުކޮށްގެން ގޭތެރޭގައި ދިރޭ ޖަނަވާރު ގެންގުޅުމަކީ ވަރަށް ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިއަރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން، ޕެޓްގެ ގޮތުގައި ބުޅާ، ދޫނި ފަދަ ދިރޭ ޖަނަވާރު ގެންގުޅުމަކީ ދިވެހިރާއްޖޭގައިވެސް ގިނަ ޢަދަދެއްގެ ޒުވާނުން ޝައުޤުވެރި ކަމާއެކު ކުރަމުން އަންނަ، އަދި ހަލުވި ކަމާއެކު ފުޅާވަމުންދާ މަސައްކަތަކަށްވާތީ، މިފަދަ ޖަނަވާރަށް ކުރިމަތިވާ ޞިއްޙީ ބައެއް މައްސަލަތައް ޙައްލުކޮށް ދިނުމަށްޓަކައި ޖަނަވާރު ގެންގުޅޭ ފަރާތްތަކުގެ އެދުމުގެ މަތިން މި މިނިސްޓްރީގައި މަސައްކަތްކުރާ ވެޓެރިނޭރިއަން މެދުވެރިކޮށް މޯބައިލް ވެޓެރިނަރީ ސާވިސްގެ ނަމުގައި ޕެޓް ޖަނަވާރު ގެންގުޅޭ ގޭގެއަށް ގޮސް ފަރުވާދެމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ.

ނަމަވެސް އެފަދަ ޖަނާވާރުތަކަށް ފަރުވާ ދިނުމުގައި ގޭގެއަށް ގޮސް ސާޖަރީތައް ހެދުމަކީ، ޞިއްޙީ މިންގަނޑުތަކަށް ނުފެތޭ ކަމަކަށްވާތީ، ގޭގޭގައި މިކަން ކުރެވޭކަށް ނޯވެއެވެ. މީގެ އިތުރުން މިފަދަ ސާޖަރީތައް ހަދާއިރު ޖަނަވާރު ހޭނައްތަން ނުވަތަ އައްސިކުރަން ބޭނުންކުރަންޖެހޭ ބޭސް އަމިއްލަގޮތުން ގެންގުޅުމަކީ ކަމާގުޅުންހުރި ޤަވާޢިދުތައް ހުއްދަކުރާ ކަމަކަށް ނުވާތީ މިފަދަ ބޭސް ބޭނުންކުރަންޖެހޭ ސާޖަރީތައްވެސް  ކުރެވޭކަށް ނޯވެއެވެ. މިގޮތުން ޞިއްޙީ މިންގަނޑުތަކުން ބަލާއިރު މިފަދަ ސާޖަރީތައް ކުރަންވާނީ މިކަން ކުރުމަށް ޚާއްޞަކޮށްފައިވާ ތަންތަނުގައެވެ. އަދި ހޭނެއްތުމަށާއި އައްސި ކުރުމަށް ބޭނުންކުރާ ބޭސްތައް ޤަވާޢިދުން ގެންގުޅެވޭނީ ރަޖިސްޓަރީ ކޮށްފައިވާ ކްލިނިކެއްގަ އެވެ.

މިގޮތުން، މާލޭގައި މިޚިދުމަތް ދެވޭނެ ގޮތެއް މިހާތަނަށްވެސް ނެތުމާ ގުޅިގެން މި މިނިސްޓްރީން މިހާރު ނިންމާފައި ވަނީ ވިލިމާލޭގައި މިމިނިސްޓްރީގެ ނަމުގައި ހުންނަ ޢިމާރާތެއްގައި ޕެޓް ޖަނަވާރުތަކަށް މިފަދަ ފަރުވާތައް ދެވޭނެ ވަގުތީ ކްލިނިކެއް ޤާއިމުކޮށް 7 ޖަނަވަރީ 2019 ވަނަ ދުވަހު މި ޚިދުމަތްދޭން ފެއްޓުމަށެވެ. މި ކްލިނިކުން ހިދުމަތްދޭނީ އެޕޮއިންޓްމަންޓް ދޫކޮއްގެންނެވެ. މިގޮތުން ޚިދުމަތްދޭން ހަމަޖައްސާ ހަފުތާ ދުވަސްތަކާއި ގަޑިތަކާއި، އަގުތައް މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢު ކުރާނެ ވާހަކަ ދެންނެވީމެވެ.

27 ޑިސެންބަރު 2018
ހޯދާ