ދިވެހިރާއްޖެ
ނަންބަރު: PR)425-CB/2018/4)
ނޫސް ބަޔާން
މާލޭގައި ޢިމާރާތްކުރަމުންދިޔަ ނަލަހިޔާ މަންޒިލް އިމާރާތުގެ މަތިން ސިމެންތި ކޮތަޅެއްވެއްޓި ކުޑަކުއްޖަކަށް ގެއްލުންލިބުނު ހާދިޘާއާއި ގުޅޭ
މިއަދު (16 ޑިސެމްބަރ2018) މެންދުރު ކުރީގެ ވަގުތެއްގައި މާލޭގައި ހަދަމުންދިޔަ ނަލަހިޔާމަންޒިލް ޢިމާރާތުގެ 06 ވަނަ ފަންގިފިލާގެ މަސައްކަތްކުރުމަށް ބޭނުންކުރާ ސިމެންތި މައްޗަށް ނެގުމުގެ މަސައްކަތްކުރަނިކޮށް މަގުމަތިން ހިނގަމުންދިޔަ ކުޑަކުއްޖެއްގެ ބޯމައްޗަށް ސިމެންތި ކޮތަޅެއްވެއްޓި ވަރަށްބޮޑެތި އަނިޔާތަކެއް އެކުއްޖާއަށް ލިބި މިވަގުތު އައި ޖީ އެމް އެޗްގައި ފަރުވާދެވެމުންދާކަމީ މާލޭ ސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ.
މިފަދަ ހިތާމަވެރި ހާދިޘާތައް ހިނގަންމެދުވެރިވަނީ މަސައްކަތްކުރާ ސައިޓުތަކުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ އެކަށީގެންވާ ގޮތެއްގައި ފުރިހަމަކޮށްފައިނުވާތީއާއި އަދި މަސައްކަތްކުރުމުގައި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބެހެއްޓިފައިނުވުމުގެ ސަބަބުންދިމާވާ ހިތާމަވެރި ހާދިޘާތަކެއްކަމުގައިވެސް މިކައުންސިލުން ދެކެމެވެ. އެހެންކަމުން މާލޭ ސިޓީގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ހުރިހާ ސައިޓުތަކުގައި ވެސް ހުންނަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ އެކަށީގެންވާ ގޮތެއްގައި އެޅުމަށާއި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު މަގުމަތިން ހިނގާމީހުންނަށާއި ދުއްވާއެއްޗިއްސަން ރައްކާތެރިކަން ލިބޭގޮތަށް މަސައްކަތް ކުރެއްވުމަށާއި މަސައްކަތް ކުރުމުގައި އަމަލުކުރަންޖެހޭ ޤަވާއިދާއި އުޞޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށްވެސް މިކައުންސިލުން ގޮވާލަމެވެ.
މަސައްކަތްކުރުމުގެ ޤަވާއިދުތަކާއި އުޞޫލުތަކާއި ޚިލާފަށް މަސައްކަތްކުރައްވާ ފަރާތްތަކާމެދު މިކައުންސިލުން އަޅަންޖެހޭ ފިޔަވަޅު އަޅާނެވާހަކަ ދަންނަވާލެވެ.