އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"މާލޭ ރިންގު ރޯޑު" އާއި "ފުވައްމުލަކު ރިންގު ރޯޑު" ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ ޚިލާފަށް ކޮށްފައިވާތީވެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކުރުން.

                                                                ނަންބަރު: (PR)203-PROREC/1/2018/4

 

ނޫސްބަޔާން

"މާލޭ ރިންގު ރޯޑު" އާއި "ފުވައްމުލަކު ރިންގު ރޯޑު" ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ ޚިލާފަށް ކޮށްފައިވާތީވެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކުރުން.

ގަވާއިދު ނަންބަރު 2012/R-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2015/R-174) ގެ ޖަދުވަލު (ރ) ގައި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަމުގެ ގޮތުގައި ލިސްޓުކޮށްފައިވާ ކަމެއްގެ ގޮތުގައި އެ ޖަދުވަލުގެ 14 ގައި ޕޭވް ކޮށްގެން މަގު ހެދުމުގެ މަޝްރޫޢުތަށް ހިމެނިފައިވީނަމަވެސް "މާލޭ ރިންގު ރޯޑު" ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތި ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި މި އެޖެންސީއަށް ހުށަހެޅުމެއްނެތިކަމަށް ވާތީވެ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކުށްތައް ތަކުރާރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އުސޫލަށް ރިޢާޔަތްކޮށް ކުށް ކުރި ފުރަތަމަ ފަހަރަށް ބަލައި 20,000.00 (ވިހިހާސް) ރުފިޔާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވަނީ 09 އޮކްޓޫބަރު 2018 ގައި ޖޫރިމަނާކުރެވިފައެވެ.

އަދި، "ފުވައްމުލަކު ރިންގް ރޯޑު" ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 26 އެޕްރީލު 2017 ގައި ދޫކޮށްފައިވާ (ނަންބަރު:203-EIARES/138/2017/61) ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމާއި ޚިލާފަށް އެ މިނިސްޓްރީގެ ފަރާތުން އެ މަޝްރޫޢުގެ މަސައްކަތްތައް ކޮށްފައިވާކަން މި އެޖެންސީއަށް ފާހަގަކުރެވިފައިވާތީވެ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކުށްތައް ތަކުރާރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އުސޫލަށް ރިޢާޔަތްކޮށް ކުށްކުރި ދެވަނަ ފަހަރަށް ބަލައި 60,000.00 (ފަސްދޮޅަސްހާސް) ރުފިޔާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވަނީ 09 އޮކްޓޫބަރު 2018 ގައި ޖޫރިމަނާކުރެވިފައެވެ.

އަދި ހަމައެއާއެކު، މި ދެ ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.    

08 ޞަފަރު 1440

17 އޮކްޓޫބަރު 2018

                                                                        

17 އޮކްޓޫބަރު 2018
ހޯދާ