ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫކައުންސިލްގެ އިހްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް، އެކިބޭނުންތަކަށް ވަގުތީގޮތުން ދޫކުރުމުގެ އުޞޫލް

 

 1. ތަޢާރަފް

  މިއީ ކުޑަހުވަދޫކައުންސިލްގެ އިހްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް، އެކިބޭނުންތަކަށް ވަގުތީގޮތުން ދޫކުރުމުގެ އުޞޫލެވެ. މިއުޞޫލްގައި ހިމަނާލާފައިވާނީ، ބިންދޫކުރެވޭ ބޭނުމާއި ބިމުގައި ކުރެވޭނެ ކަންކަން، މުއްދަތާއި، ކުލީގެ މިންވަރު ކަނޑައެޅުމާއި، ބިމުގައި ކުރެވިދާނޭ ވަގުތީ ބިނާއާއި، ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނޭ ގޮތާއި، ބިމުގައި ހުންނަތަކެއްޗަށް ބަދަލު ދިނުމާއި، މިއުޞޫލަށް ބަދަލުގެނެވޭގޮތާއި، ބިން ދޫކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތެވެ. މިއުޞޫލް ކަނޑައަޅަނީ، އެއްވެސް މީހަކަށް ތަފާތުކުރުމެއްނެތި، ހަމަ ހަމަ އުޞޫލަކުން ޢަމަލުކުރުމުގެ ބޭނުމުގައެވެ. އަދި ބިން ދޫކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމުގެ ބޭނުމުގައެވެ.

 2. ބިން ދޫކުރެވޭ ބޭނުމާއި، ބިމުގައި ކުރެވޭނޭ ކަންކަން،

ކުޑަހުވަދޫކައުންސިލްގެ އިހްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް، އެކިބޭނުންތަކަށް ވަގުތީގޮތުން ދޫކުރެވޭނީ ތިރީގައި މިދަންނަވާ ބޭނުންތަކަށެވެ.

2.1  ތަކެތި ބެހެއްޓުން، ތަކެތި ބެހެއްޓުމުގެ މާނައަކީ، ހާމަކޮށް ފެންނާނޭހެން ތަކެތި ބެހެއްޓުމާއި، ކޮންމެހެން ގުދަންކުރަންޖެހޭތަކެތި ގުދަންކުރުމެވެ.

2.2  ޢިލްމީ ދިރާސާއެއްކުރުން، ޢިލްމީ ދިރާސާއެއްކުރުމަކީ، ޢިލްމީކަމެއްގައި ވަކި މުއްދަތެއްގައި ވަކިތަނެއްގައި ޤާއިމްވެ ކުރަންޖެހޭ ކަންކަން ކުރުމެވެ.

2.3  ވަގުތީ އެކޮމޮޑޭޝަން، ވަގުތީ އެކޮމޮޑޭޝަން އަށް ބިން ދޫކުރެވޭނީ، އެކަމަކަށް ހުށައަޅާފަރާތުން، އެކޮމަޑޭޝަންގެ ފާޚާނާ ނިޒާމާއި، ފެނުގެ ނިޒާމް ރަށުގެ މައި، ނަރުދަމާނިޒާމްއާއި، ފެނުގެ ނިޒާމާއި ގުޅައިގެން ބޭނުންކުރުމަށް އެއްބަސްވާނަމައެވެ. އެގޮތަށެވެ.

2.4 މަތީގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އިތުރުކަމެއް ކުރަން ބޭނުންނަމަ، އެކަމެއްގެ ތަފްޞީލް ބަޔާންކޮށް ކައުންސިލަށް ހުށައަޅާ، ކައުންސިލްގެ ހުއްދަ ލިބޭކަމެއް ކުރެވިދާނެއެވެ.

2.5 ދޫކުރެވޭ ބިމުގައި ދިވެހިރާއްޖޭގެ ޤާނޫނަކާއި ޤަވާއިދަކާއި ޚިލާފް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ

3.  ބިން ދޫކުރެވޭ މުއްދަތު،

3.1  ކުޑަހުވަދޫކައުންސިލްގެ އިހްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް، އެކިބޭނުންތަކަށް ވަގުތީގޮތުން ދޫކުރެވޭނީ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

3.2 ކުއްޔަށް ހިފާފައިވާ ބިމުގެ މުއްދަތު އިތުރުކުރުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

3.3  ބިމުގެ މުއްދަތު އިތުރުކުރާނަމަ މުއްދަތު ހަމަވުމުގެ30 ދުވަސް ކުރިން ހުށައަޅަންވާނެއެވެ. މިގޮތަށް މުއްދަތު އިތުރުކުރެވޭނީ، ކައުންސިލަށް ޤަބޫލުކުރެވޭފަދަ، މުއްދަތު އިތުރުކުރަންޖެހޭ ސަބަބެއް އޮތްނަމަ، ކައުންސިލުން ނިންމައިގެންނެވެ،

4.  ބިން ދޫކުރެވޭ ފަރާތްތަކާއި ގޮތް،

ކުޑަހުވަދޫކައުންސިލްގެ އިހްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް، އެކިބޭނުންތަކަށް ވަގުތީގޮތުން ދޫކުރެވޭނީ،

4.1  ރަށުގެ ތަރައްޤީއަށް، ނުވަތަ މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިނގާ މަޝްރޫޢަކާއިގުޅިގެން ސަރުކާރުން ކަނޑައަޅާ ފަރާތަކަށް، ކުލިދައްކަން ނުޖެހޭގޮތަށް

4.2  އެކި ބޭނުންތަކަށް ކޮންމެހެން ވަގުތީގޮތުން ބިމެއް ބޭނުންވާ ފަރާތްތަކަށް މަހުކުލި ދައްކާގޮތައް،

 5.  ބިން ދޫކުރެވޭ ކުލީގެ މިންވަރު،

5.1  ކުޑަހުވަދޫކައުންސިލްގެ އިހްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް، އެކިބޭނުންތަކަށް ވަގުތީގޮތުން ދޫކުރެވޭނީ، އަކަފޫޓަކަށް މަދުވެގެން 1ރ (އެކެއް ރުފިޔާ)ގެ ރޭޓުންނެވެ.

5.2  ބިމުގެ ޑިމާންޑަށްއަންނަ ބަދަލާއި، ބިމުގެ ލޮކޭޝަނަށްބަލައި، ކުލީގެ މިންވަރަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ކައުސިލަށް ލިބިގެންވެއެވެ.

 6. ބިމުގައި ކުރެވިދާނެ ވަގުތީ ބިނާ،

ބިމުގައި ކުރެވޭނީ ވަގުތީ ބިނާއެވެ. މިގޮތުން ކުރެވޭނީ ތިރީގައި މިދަންނަވާ ބިނާތަކެވެ.

6.1 މުޑިޖަހައި މަތި ހިޔާކޮށް ވަގުތީގޮތުން ބޭނުންކުރުމަށް ހަދާ ޢިމާރާތްތައް

6.2 ތަކެތި ރައްކާކުރުމަށް ފާރު ރާނައި މަތި ހިޔާކޮށް ވަގުތީގޮތުން ބޭނުންކުރުމަށް ހަދާ ޢިމާރާތް

6.3 މީހުން ދިރިއުޅުމަށް އެކަށީގެންވާ ގޮތަށް ވަގުތީގޮތުން ބޭނުންކުރުމަށް ހަދާ ޢިމާރާތް

6.4 ވަކި ޚާއްޞަ ދިރާސާއެއް ކުރުމުގެ މަސައްކަތެއް ކުރުމަށް ހަދާ ވަގުތީ ޢިމާރާތް

6.5 ބިމުގެ ވަށައި ފެންސްޖަހައި ސަލާމަތީގޮތުން ތަނުގެ ރައްކާތެރިކަމަށް ހަދާ ވަގުތީ ތަންތަން

6.6 ސެކިއުރިޓީ ރޫމްގެ ގޮތުގައިކުރާ ވަގުތީ ބިނާ،

6.7 ވަގުތީގޮތުން ބޭނުންކުރުމަށް ދޫކުރެވޭ ބިމުގައި ދާއިމީ އެއްވެސް ބިނާއެއް ކުރެވޭނީ، އެކަމަށް ކައުންސިލަށް ހުށައަޅާއި، ކައުންސިލްގެ ހުއްދަ ލިބިގެންނެވ

7. ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނޭގޮތް،

7.1 މިބުގައި ބަހައްޓާ ތަކެއްޗާއި، ބިމުގައި ކުރާ ޢިމާރާތްތަކުގެ ސަލާމަތީ އެންމެހާކަމެއް ބެލެހެއްޓުމުގެ ޒިންމާ ނަގަންވާނީ، ބިން ބޭނުންކުރާ ފަރާތަކުންނެވެ.

7.2 ދޫކުރެވޭ ބިމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ބިން ބޭނުންކުރާ ފަރާތުގެ މަސްޢޫލިއްޔަތެކެވެ. މިގޮތުން ބިމަކީ މޫދާއި ގުޅިފައިވާ ތަނެއްނަމަ، ގިރާސަރަޙައްދެއް ޙިމާޔަތްކުރުމަށް މަސައްކަތް ކުރުމަކީވެސް ބިން ކުއްޔަށް ހިފާފަރާތުގެ މަސްޢޫލިއްޔަތެކެވެ.

7.3 ބިމުގައި ހުންނަ ތަކެއްޗާއި، ޢިމާރާތަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިއިދާރާއަކުން ނުނަގާނެއެވެ.

 8. ބިމުގައި ހުންނަ ތަކެއްޗަށް ބަދަލުދިނުން،

8.1 ބިން ދޫކުރެވޭއިރު ބިމުގައި ހުންނަ އަމިއްލަ މީހުންގެ ރުއްގަސް ފަދަ ތަކެއްޔަށް ބަދަލު ދިނުމަކީ ބިން ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

8.2 ބަދަލު ދޭންޖެހޭ ތަކެތި ކަނޑައަޅާނީ ކައުންސިލް އިދާރާއިންނެވެ.

8.3 ބިން ދޫކޮށްލާއިރު، ބިމުގައި ހުންނަ އެއްވެސް އެއްޗެއްގެ ބަދަލެއް ނުލިބޭނެއެވެ. ނަމަވެސް ބިމުގައި ހުންނަ، ބިން ކުއްޔަށް ހިފިފަރާތުގެ ހުރިހާއެއްޗެއް ގެންދެވިދާނެއެވެ.

8.4 އަދި އެއްވެސް އެއްޗެއް ބަހައްޓަން ބޭނުންވީނަމަވެސް ބެހެއްޓޭނީ އެކަމަށް ކައުންސިލުން ހުއްދަދޭ އެއްޗެކެވެ. ނުވަތަ ތަނެކެވެ.

 9. މި އުޞޫލަށް ބަދަލު ގެނެވޭނޭގޮތް،

9.1 މިއުޞޫލަށް ބަދަލު ގެނެވޭނީ ހަމައެކަނި ކުޑަހުވަދޫ ކައުންސިލް އިދާރާއަށެވެ.

9.2 މިއުޞޫލަށް ބަދަލު ގެންނާނީ، އެބަދަލެއް މި އުޞޫލުގައި ހިމެނުމަށްފަހު، ނުވަތަ އިސްލާޙް ކުރުމަށްފަހު ކައުންސިލުން ފާސްކޮށްގެންނެވެ.

9.3 މިއުޞޫލް ކައުންސިލުން ފާސްކޮށް ގެޒެޓް ކުރަންވާނެއެވެ.

 10. ބިން ދޫކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް،

10.1 ކުޑަހުވަދޫކައުންސިލްގެ އިހްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް، އެކިބޭނުންތަކަށް ވަގުތީގޮތުން ދޫކުރެވޭނީ، އެކަމަށް އެދި ސިޓީއަކުން ހުށައެޅުމުންނެވެ.

10.2 ކުރަން އެދޭ މަސައްކަތެއްގެ ސަބަބުން އެކުރާ މަސައްކަތެއްގެ ތަފްޞީލް ހުށައެޅުމަށް އެންގިދާނެއެވެ.

10.3 ބިމަށްއެދޭ ފަރާތުން ހުށައެޅުމުން، އެކަން ކައުންސިލްގެ ޖަލްސާއަކަށް ހުށައަޅައި ގޮތެއް ނިންމަންވާނެއެވެ. ބިން ދޫކުރެވޭނީ ބިން ދޫކުރުމަށް ކައުންސިލުންނިންމުމުންނެވެ.

10.4 މައްސަލައާއިމެދު ކައުންސިލުން ގޮތެއް ނިންމުމުން، ބިމަށްއެދި ހުށައެޅި ސިޓީއަށް ކައުންސިލުން ނިންމިގޮތެއްގެ ޖަވާބު ފޮނުވަންވާނެއެވެ. މިގޮތުން، ބިން ދޫކުރުމަށް ނިންމާފައިވާނަމަ، ބިންދޫކުރެވޭގޮތް ޖަވާބުގައި ބަޔާންކުރަންވާނެއެވެ. އަދި ބިން ދޫނުކުރުމަށް ނިންމައިފިނަމަ، ބިން ދޫކުރެވެން ނެތްކަމަށް ޖަވާބުދޭންވާނެއެވެ.

10.5ބިން ދޫކުރަންވާނީ، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމަކާ އެކުގައެވެ.

10.6 އެއްބަސްވުމުގައި ބިމާއިބެހޭ އަދި ކުއްޔާއިބެހޭ ހުރިހާ މަޢުލޫމާތެއް ހިމަނަންވާނެއެވެ.

10.7  ދޫކުރެވޭ ކޮންމެ ބިމަކަށް ވަކިފައިލެއް ހަދައި ލިޔެކިޔުން ރައްކާތެރިކަމައެކު ބަލަހައްޓަންވާނެއެވެ.

17 ޖުލައި 2018
ހޯދާ