ދިވެހިރާއްޖެ
އިޢްލާން
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވައިދުގެ ދަށުން ބިދޭސީންނަށް ޙަރަކާތްތެރިނުވެވޭނެ ދާއިރާތައް ކަނޑައެޅުން
ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ)ގެ ދަށުން އެކުލަވާލާފައިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014/R-168)ގެ 4 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ތިރީގައިވާ ގޮތުގެ މަތިން، ބިދޭސީން އިންވެސްޓްކުރުމަށް ހުއްދަ ނުދޭ ދާއިރާތަކެއްގެ ގޮތުގައި، ތިރީގައިވާ ދާއިރާތައް ކަނޑައަޅައި، އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
- އިވެންޓް މެނޭޖްމަންޓް، އެންޓަޓޭންމަންޓް އަދި ޕްރޮޑަކްޝަން ޞިނާޢަތާއި، ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް:
(ހ) އޯޑިޔޯ ވިޜުއަލް އިކުއިޕްމަންޓް (އަޑާއި މަންޒަރުދެއްކުމާބެހޭ ސާމާނު) ކުއްޔަށް ދޫކުރުމާއި، އެފަދަ ތަކެތި އެކަނި ކުއްޔަށް ދިނުން (އަޑާބެހޭ ތަކެއްޗާއި، އެކިބާވަތުގެ އަލިއަޅުވާ ސާމާނާއި، ވިޑިޔޯ އާލާތާއި، ލެޑް އައްޔާއި، މިފަދަ ތަކެތި ހަރުކުރާ ހަރުފަދަ)؛
(ށ) މިޔުޒިކުކުޅޭ ތަކެއްޗާއި އާލާތް ކުއްޔަށް ދިނުމާއި ވިއްކުން؛
(ނ) މިއިޢުލާނުގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތައް ހަރުކޮށް، ބޭނުންކުރާ ޙާލަތަށް ގެނައުމުގެ ޚިދުމަތްތައް؛
(ރ) މިއިޢުލާނުގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކާ ގުޅޭގޮތުން ޚިދުމަތް ދިނުމާއި ބެލެހެއްޓުމުގެ އެއްބަސްވުންތައް؛
(ބ) އިވެންޓް މެނޭޖްމަންޓް (އެކި މުނާސަބަތުތައް ފާހަގަކުރުން، ހިންގައި ބެލެހެއްޓުން)؛
(ޅ) ޚާއްޞަ މުނާސަބަތުތައް ފާހަގަކުރުމުގެ 'ޕްރޮޑަކްޝަން'؛ އަދި
(ކ) މިކަންކަމާގުޅޭ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.
މިއިޢުލާނާއި ގުޅިގެން، މިހާރު ހިނގަމުންދާ ބިދޭސީ ވިޔަފާރިތަކުން، މިދާއިރާގައި ކުރަމުންދާ ވިޔަފާރީގެ އެންމެހާ މުޢާމަލާތްތައް ހުއްޓުމަކަށް ގެންނަން ޖެހޭނެއެވެ. އަދި، މިއިޢުލާންކުރާ ތާރީޚުން ފެށިގެން، ބިދޭސީ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދަ ދިނުމުގައި، މަތީގައިވާ ގޮތަށް ޢަމަލުކުރެވޭނެއެވެ.