ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު
ސިޓީ ހުށަހެޅުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައާއި އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި (އެއްވެސް ޤަޢުމެއްގެ އިޚްތިޞާޞްތެރޭގައި ނުހިމެނޭ ސަރަޙައްދުގެ ތެރޭގައި) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމަށް މިމިނިސްޓްރީގެ ފަރާތުން ދަޢުވަތު އަރުވަމެވެ. އިސްވެދެންނެވުނު ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ [ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދު] އާއި [ބޭރުކަނޑުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާ ދޫކުރުމުގެ އުޞޫލު]ގެ ދަށުންނެވެ. މިގަވާއިދު އަދި އުޞޫލު މިނިސްޓްރީގެ ވެބްސައިޓް (www.fishargi.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.
ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ އަދަދު
2018 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2019 ވަނަ އަހަރުގެ މެއި 31 ގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައިވަނީ 15,000 (ފަނަރަ ހާސް) މެޓްރިކް ޓަނުގެ ކޯޓާއެވެ. ކޯޓާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން މިއަދަދަށްވުރެ ގިނައިން ކޯޓާއަށް އެދި ހުށަހަޅާފައިވާ ނަމަ، ކޯޓާ ދޫކުރާނީ ނީލަމުގެ އުޞޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ.
ކޯޓާއަށް އެދި ހުށަހެޅުއްވުން
ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި ހުށަހެޅުއްވަން ވާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ، " ލޭނު މަސްވެރިކަމުގެ ކޯޓާ ގަތުމަށް އެދި ހުށަހަޅާ ފޯމް" އިންނެވެ. އެ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ބައްލަވައިގަންނަ ކޯޓާގެ ދަށުން ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގައި ބިދޭސީން ހިމެނޭނެ ނިސްބަތް (އިން ސައްތައިން) ސިޓީގައި ބަޔާންކުރަންވާނެއެވެ. އިސްވެދެންނެވުނު ލޭނުމަސްވެރިކަމާއި ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ލޭނުމަސްވެރިކަމުގައި ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ އެންމެ މަތީ ނިސްބަތަކީ އެއުޅަނދެއްގައި ޙަރަކާތްތެރިވާ ޖުމުލަ ފަޅުވެރިންގެ 80 އިން ސައްތައެވެ. ނަމަވެސް މިމާއްދާގެ ދަށުން މިމިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިތުރު ފީއަކާއި އެކު ލޭނުމަސްވެރިކަން ކުރާ އުޅަނދުގައި ބިދޭސީން ގެންގުޅުމުގެ ނިސްބަތް 90 އިން ސައްތައަށް އިތުރު ކުރެވިދާނެއެވެ.
ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ކޯޓާއަށް އެދި ސިޓީ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 15 މެއި 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ނަމަވެސް މިމުއްދަތުގައި ކޯޓާއަށް އެދި ހުށަހަޅާފައިވާ ޖުމުލަ އަދަދު 15,000 މެޓްރިކް ޓަނަށް ވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން 31 މެއި 2019 ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައި ވެއެވެ.
މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މިމިނިސްޓްރީގެ 3339252 ނުވަތަ 3339294 ނަންބަރު ފޯނަށެވެ.