ދިވެހިރާއްޖެ
27 ނަންބަރު ބާޖު ސިޓީލާ ބީލަމުގައި ވިއްކާލުން
މިކުންފުނީގެ ނަންބަރު PRC/I-2013/122-ފ113 އިޢުލާން ގެޒެޓް ކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ކެންސަލް ކުރެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
- ދަޢުވަތު
އެމްޕީއެލްގެ 27 ނަންބަރު ބާޖު ހަލާކުވެ ގިނަދުވަސްވުމުގެ ސަބަބުން އިތުރަށް މަރާމާތުކޮށްގެން ވެސް ބޭނުން ނުކުރެވޭނެތީ، ބާ ދަގަނޑުގެ ގޮތުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ މި ބާޖު ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސިޓީލާ ބީލަމުގައި މި ބާޖު ވިއްކާލުމަށް ހުޅުވާލަމެވެ.
1. ބީލަމުގެ ތަފުސީލު
ހ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމްޕީއެލްގައި -/50,000 ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓައިގެން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ރަޖިސްޓަރީ ކުރުމަށްޓަކައި އަންނަނިވި މަޢުލޫމާތު އެމްޕީއެލްގެ ފައިނޭންސް ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.
- އަމިއްލަ ފަރުދުންނަމަ އައި.ޑީ. ކާޑު ކޮޕީ
- ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީއާއި ބީލަމުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާފައިވާ ކުންފުނީގެ ޤަރާރު އަދި އަމިއްލަ ފަރުދެއް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ މީހާ ބީލަމުގައި ބައިވެރިވުމަށް އިޢުތިރާޒެއް ނެތްކަން ބަޔާންކޮށްދޭ ސިޓީއެއް.
ށ. ބީލަން ފެށޭ އަގަކީ -/500,000 ރުފިޔާއެވެ.
ނ. ބީލަމަށް ހުށަހެޅިފައިވާ އެންމެ މަތީ އަގަށް ފަހަރަކަށް އިތުރު ކުރެވޭނީ މަދުވެގެން -/50,000 ރުފިޔާއެވެ.
ރ. ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާއި ހަމައަށް ހުށަހެޅިފައި އޮންނަ އެންމެ މަތީ އަގު އެދުވަހުގެ 13:30 ގައި އެމްޕީއެލްގެ ނޯޓިސް ބޯޑްގައި އިޢުލާންކޮށް އެމްޕީއެލްގެ ވެބްސައިޓް www.port.com.mv ގައި ޝާއިޢު ކުރެވޭނެއެވެ.
ބ. ބީލަމުގެ ކުލި އެކަށީގެންވާ އަދަދަކަށް އެރުމަށްފަހު (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) 72 ގަޑިއިރު ވަންދެން އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ބީލަން ނިންމާލެވޭނެއެވެ. އަދި ބީލަން ކުރިޔަށް ދާނީ 3 ހަފްތާގެ މުއްދަތަކަށެވެ.
ޅ. ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ އަގު އެއްވަރުވެއްޖެނަމަ އެފަރާތްތަކަށް އެކަން އަންގައި އަގު ބަދަލުކޮށް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.
2. އަގު ހުށަހެޅުން
ހ. ހުށަހަޅާ އަގު ސާފުކޮށް އެނގޭނެހެން ހިސާބު އަކުރުންނާއި ތާނަ އަކުރުން އަދަދު ތަފާތު ނުވާނެހެން ލިޔެފައި އޮންނަންވާނެއެވެ.
މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އެމްޕީއެލްގެ ކައުންޓަރުގައި ބެހެއްޓިފައިވާ ފޮށްޓަށެވެ. ސިޓީއުރައިގެ ބޭރުގައި "ބީލަމުގައި ބައިވެރިވުމަށް އެދި" ލިޔެފައި އޮންނަންވާނެއެވެ. ކުލި ހުށަހަޅާއިރު އަންނަނިވި މަޢުލޫމާތު ފުރިހަމަ ކުރަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް
- އަމިއްލަ ފަރުދެއްނަމަ އައި.ޑީ. ކާޑުގެ ނަންބަރު/ ކުންފުންޏެއްނަމަ ރަޖިސްޓަރީ ނަންބަރު
- ގުޅޭނެ ފޯނު ނަންބަރު
- ހުށަހަޅާ ކުލި
- ޑިޕޮސިޓްގެ ރަސީދު ނަންބަރު
3. ބީލަން ނިންމުން
ހ. ބީލަން ނިމުމުން އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ބީލަން ކާމިޔާބުވެއްޖެ ކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. އަދި މި ބާޖު ގަތުމަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތުން 05 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު 07 ދުވަހުގެ ތެރޭގައި މި ބާޖް އެމްޕީއެލް ސަރަޙައްދުން ގެންދަންވާނެއެވެ.
ށ. ބީލަން ކާމިޔާބުވި ފަރާތެއްގެ މައްސަލައަކާހުރެ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކިއްޖެނަމަ އެފަރާތަކުން ހުށަހަޅާފައިވާ ބީލަން ބާޠިލު ކުރެވޭނެއެވެ. މިގޮތުން ބީލަން ބާޠިލު ކުރެވިއްޖެނަމަ އެފަރާތަކުން ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި -/50,000 ރުފިޔާ އަނބުރާ ނުލިބޭނެއެވެ. (ފޯރފިޓް ކުރެވޭނެއެވެ.)
ނ. ބީލަން ކާމިޔާބުނުވާ ފަރާތްތަކުން ދެއްކި ޑިޕޮސިޓް ފައިސާ ބީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި އަނބުރާ ލިބޭނެއެވެ.
4. މަޢުލޫމާތު ސާފުކުރުން
މި އިޢުލާނާ ގުޅިގެން ވިއްކާލާ ބާޖު ބަލަން ބޭނުންވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުމުން ބާޖު ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓް ފޯން ނަންބަރު 3323993 އަދި އީމެއިލް [email protected] ފޮނުވައިދެއްވުން އެދެމެވެ.
5. އިތުރު ބަޔާން
މަތީގައި ބަޔާންކުރެވުނު ބީލަމުގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެދެފަރާތުގެ ޢާއިލާގެ ބޭފުޅެއް (ޢާއިލާ މާނަކުރަނީ މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނެވެ.) އަދި އެފަދަ ފަރާތެއް ހިއްސާވާ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށް ވެސް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
02 ޞަފަރު 1435