Environmental Protection Agency
Maldives
ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ޓަގު ބޯޓާއި މުތާ ގްރޭސް ބާޖު އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން.

                                                               ނަންބަރު: (PR)203-PROREC/1/2018/2

 

ނޫސްބަޔާން

ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ޓަގު ބޯޓާއި މުތާ ގްރޭސް ބާޖު އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން.

27 ޑިސެމްބަރު 2015 ގައި ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ޓަގު (އައި.އެމް.އޯ ނަންބަރު:9580895) ބޯޓާއި މުތާ ގްރޭސް ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަދަލުގެ ގޮތުގައާއި ޖޫރިމަނާގެ ގޮތުގައި، ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން ދައުލަތަށް ދައްކަންޖެހޭނެކަމަށް ކަނޑައެޅިފައިވާ 100,000,000.00 (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާ މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުތަށް އެ ފަރުގެ ސަރަޙައްދަށް އެރިއިރު އެ އުޅަނދުތަކުގެ ދިވެހިރާއްޖޭގެ އެޖެންޓުގެ ގޮތުގައި ޙަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް 14 މާރިޗު 2018 ގައި ވަނީ އެންގިފައެވެ.

ކ. ފުށިދިއްގަރު ފަރަށް އެ އުޅަނދުތައް އެރުމާއި ގުޅިގެން އެ އުޅަނދުތައް ފުންކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ބާޖު ފުންކުރެވިފައިވަނީ 23 މާރިޗު 2016 ގައެވެ. އަދި، ޓަގު ބޯޓު ފުންކުރެވިފައިވަނީ 10 މާރިޗު 2017 ގައެވެ.

އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީގެ ފަރާތުން އެ ސަރަޙައްދު ބަލައި ސަރވޭކުރެވިފައިވެއެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 4,370 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި، ޤަވާޢިދު ނަންބަރު:2011/R-9 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ ޢަދަދަކީ 110,139,800.00 (އެއްސަތޭކަ ދިހަމިލިއަން އެއްސަތޭކަ ތިރީސް ނުވަހާސް އަށްސަތޭކަ) ދިވެހިރުފިޔާއެވެ. ނަމަވެސް، ޤާނޫނު ނަންބަރު:4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، އިސްވެދެންނެވުނު ފަރާތުން 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާ ހަލާސްކުރުމަށް އަންގާފައިވާނެއެވެ.

08 ރަޖަބު 1439

25 މާރިޗު 2018

                                                                          

 

 

324

                                                                        

25 March 2018
ހޯދާ