ދިވެހިރާއްޖެ
1- މީރާގެ އޮންލައިން ޚިދުމަތްކަމުގައިވާ "މީރާ ކަނެކްޓް" އަކީ ކޮބާ؟ |
މީރާ ކަނެކްޓަކީ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މީރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ތަޢާރަފު ކުރެވިފައިވާ އޮންލައިން ޚިދުމަތެކެވެ. މި ޚިދުމަތަކީ އިންޓަރނެޓް މެދުވެރިކޮށް، ކޮންމެ ތަނަކުން ކޮންމެ ވަގުތަކުވެސް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ތަޢާރަފު ކުރެވިފައިވާ ޚިދުމަތެކެވެ. |
2- މީރާ ކަނެކްޓް މެދުވެރިކޮށް ދެވޭ ޚިދުމަތްތަކަކީ ކޮބާ؟ |
މީރާ ކަނެކްޓް މެދުވެރިކޮށް ޖީ.އެސް.ޓީ ބަޔާން، ބީ.ޕީ.ޓީ ބަޔާން އަދި ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމުގެ އިތުރުން، ޓެކްސް ދައްކާ ފަރާތް އަދި އެ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތްތައް މީރާގައި ރަޖިސްޓަރީކޮށް، އެ ފަރާތުން މީރާއަށް ހުށަހަޅައިފައިވާ މަޢުލޫމާތު ބަދަލުވެއްޖެނަމަ، އެ މަޢުލޫމާތު އަޕްޑޭޓްކުރުމުގެ އިތުރުން ޑީރެޖިސްޓްރޭޝަނަށްވެސް ހުށަހެޅޭނެއެވެ. އަދި މީރާ ކަނެކްޓް މެދުވެރިކޮށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގެ "ހިސްޓްރީ" ބެލޭނެއެވެ. |
3- މީރާ ކަނެކްޓް ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން ހަދަންޖެހޭނީ ކިހިނެއް؟ |
މީރާގެ ވެބްސައިޓް www.mira.gov.mv މެދުވެރިކޮށް އޮންލައިންކޮށް މީރާ ކަނެކްޓް އެކައުންޓަކަށް އެދި ހުށަހެޅޭނެއެވެ. މީރާ ކަނެކްޓް އެކައުންޓަށް އެދޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި މީރާއިން އެ ފަރާތަށް ޔޫސަރ އައި.ޑީ އަދި ޕާސްވޯޑެއް ފޯރުވައިދޭނެއެވެ. މި ޔޫސަރ އައި.ޑީ އަދި ޕާސްވޯޑް ފޮނުވޭނީ އެ ފަރާތުން މީރާގައި ރަޖިސްޓަރީ ކޮށްފައިވާ އީމެއިލް އެޑްރެހަށެވެ. މީރާ ކަނެކްޓް އެކައުންޓަކަށް އެދި ހުށަހެޅޭނީ މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. |
4- މީރާ ކަނެކްޓް ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން އެ ޚިދުމަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ނުވަތަ މަޢުލޫމާތެއް ބޭނުންވެއްޖެނަމަ ހަދަން ޖެހޭނީ ކިހިނެއް؟ |
މީރާ ކަނެކްޓް ޚިދުމަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ މީރާއިން ކުރިއަށް ގެންދާ ޓްރޭނިންގ ސެޝަންތަކުގައި ބައިވެރިވެގެން މަޢުލޫމާތު ހޯދޭނެއެވެ. މީރާގެ ވެބްސައިޓް www.mira.gov.mv މެދުވެރިކޮށް މި ސެޝަންތަކަށް ރަޖިސްޓަރީ ކުރެވިދާނެއެވެ. އަދި ރަސްމީ ގަޑީގައި، މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން ނުވަތަ މީރާގެ ސަޕޯޓް އީމެއިލް [email protected] އަށް އީމެއިލް ކުރުމުންވެސް މީރާ ކަނެކްޓް ޓްރޭނިންގ ސެޝަންތަކާއި، އެ ޚިދުމަތް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ލިބޭނެއެވެ. |
މި ލިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ މި މަޢުލޫމާތު ޝާއިޢުކުރެވުނު ވަގުތުގައި ޞައްޙަ މަޢުލޫމާތެކެވެ. އަދި މިމަޢުލޫމާތަކީ، މިމަޢުޟޫޢާ ގުޅޭ ތަފުސީލު ރިސާރޗަކާ އެއްފަދަ ނުވަތަ މިމަޢުލޫމާތާ ބެހޭގޮތުން ދެވޭ ފަންނީ ލަފަޔަކާ އެއްފަދަ މަޢުލޫމާތެއް ނޫނެވެ. |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ހޮޓްލައިން: 1415، ފޯން: 3322261، ފެކްސް: 6577 331 އީމެއިލް: [email protected]، ވެބްސައިޓް: www.mira.gov.mv |