ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ލޭބަރ ފޯސް ޕައިލެޓް ސަރވޭ 2017

އިޢުލާން

ލޭބަރ ފޯސް ޕައިލެޓް ސަރވޭ 2017

މިބިއުރޯގެ ފަރާތުން 2017 ގައި ކުރުމަށް ހަމަޖެހިފައި ލޭބަރ ފޯސް ޕައިލެޓް ސަރވޭ ، މާލެގައި (ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް) ނޮވެމްބަރ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މާލޭގައި ނޮވެމްބަރ މަހުގެ21  ވަނަ ދުވަހު ރެންޑަމްކޮށްހޮވާލެވޭ ގޭބިސީތަކެއްގައި މި ސަރވޭގެ ތަފްސީލް މައުލޫމާތުތައް ނެގުމުގެ މަސައްކަތްފެށިގެން ކުރިއަށް ގެންދެވޭނެއެވެ. މިސަރވޭއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަ ކުރެވޭ ސަރވޭއެކެވެ. އަދި މިސަރވޭގެ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ ޒަމާނީ ވަސީލަތްކަމަށްވާ ޓެބްލެޓް ބޭނުންކޮށްގެންނެވެ.  

މިބިޔުރޯއިން ތަމްރީންކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ކުރިން ދެންނެވިފައިވާ މުއްދަތުގައި ޒިޔާރަތްކުރާނެއެވެ. މިމައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިކެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދެވިފައިވާނެއެވެ. މިގޮތުން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދު 9:00 އިން މެންދުރުފަހު 14:15 އާއި ދެމެދު ބިއުރޯގެ ޓީމްތައް ހަރަކާތްތެރިވާނެއެވެ.

ލޭބަރ ފޯސް ސާރވޭއަކީ މިހާތަނަށް ދިޔައިރު ރާއްޖޭގައި ކުރެވިފައިވާ ނުވާ މުހިއްމު ސާރވޭއެކެވެ. މިސާރވޭގެ ނަތިޖާއިން ލިބިގެންދާ މައުލޫމާތުން އަންއެމްޕްލޮއިމްންޓް ރޭޓް އަދި އެމްޕްލޯއިމަންޓްރޭޓް އާއި އަލަށް ވަޒީފާ އުފެއްދޭ މިންވަރާއި، ބިދޭސީން ވަޒީފާތަކުގައިތިބި ނިސްބަތް، ޑީސެންޓް ޖޮބްސް އާއިބެހޭ އިންޑިކޭޓަރތަކުގެ  އިތުރުން ވަޒީފާއަދާކުރާ ދާއިރާތަކާއި އާމްދަނީ ލިބޭ ވަރާއި އަދި އެހެނިހެން ކަންކަމުގައި ހޭދަކުރާވަގުތު، ލިބޭ އާމްދަނީ އަދި މީހުން އަދާކުރަންބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްކަން، އިނގިގެންދާނެއެވެ.

މިއީ އިޤްތިސާދީ އަދި އިޖްތިމާއީ މަޢުލޫމާތު އެއްކުރުމަށް ކުރެވޭ ޤައުމީފެންވަރުގެ ވަރަށް މުޙިއްމު ސަރވޭއެކެވެ. މި ޕައިލެޓް ސަރވޭއިން ނެގޭ މައުލޫމާތުތަކައީ ޤައުމީ ތަރައްޤީގެ އެކި މަޝްރޫއުތައް ކަނޑައެޅުމަށާއި، ތަރައްޤީގެ އެކި ލަނޑުދަނޑިތައް ހާސިލްވާމިންވަރު ދެނެގަތުމަށާއި، ޤައުމުގެ އިޤްތިސާދީ ކުރިއެރުމަށްޓަކައި ސަރުކާރާއި، އަމިއްލަ ފަރާތްތަކަށް ވަރަށް ބޭނުންތެރި އަދި ރައްޔިތުންނަށާއި ކިޔަވާކުދިންނަށްވެސް މުޙިއްމު މައުލުމާތުތަކެކެވެ. މީގެ އިތުރުން، މިހާރު މަސައްކަތްކުރާ އާބާދީއާއި ޒުވާނުންގެ ކިބަގައި ހުރި ތައުލީމީ އަދި ފަންނީ ހުނަރުތަކާއި ސްކިލްސް ލިބިފައިވާ މިންވަރު އިނގިގެންދާނެއެވެ. ރާއްޖޭގެ އެތެރޭގައި ހިޖުރަކުރާމީހުންގެ އަދަދު ގިނަވުމާއި އަދި ހާއްސަކޮށް މާލެ ސަރަހައްދަށް ހިޖްރަކުރާމީހުންގެ އަދަދު ގިނަ ކަމަށް ލަފާކުރެވޭތީ މިފަދަ ސަރވޭއެއް ހިންގުމުން މާލެ ސަރަހައްދުގެ އާބާދީ އަދި އެއާބާދީގެ އެހެނިހެން އިޖްތިމާއި އަދި އިގްތިސާދީ ކަންތައްތައް އިނގިގެން ދާނެއެވެ.

މި ޕައިލެޓް ސަރވޭއިން ނެގޭނެ މައުލޫމާތު ތަކަކީ:

  • މީހުންގެ އާންމު މައުލޫމާތު،
  • ހިޖްރަކުރުން
  • ތައުލީމް
  • މަސައްކަތް ނުކުރާ / މަސައްކަތް ލިބިފައިނުވާ އާބާދީގެ ގެ ތަފްސީލްތައް
  • މަސައްކަތް ކުރާ އާބާދީ ގެ އާމްދަނީ އާއި އެހެނިހެން ތަފްސީލްތައް
  • މަސައްކަތްކުރާ އާބާދީގެ މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތައް

މިސަރވޭއަކީ ގަވާއިދު ނަންބަރ: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މިސަރވޭ އާގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ މި ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރ 3008457 ފޯނާއި ގުޅުއްވުމުން މައުލޫމާތު ސާފުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

 

.................................................

21 ނޮވެންބަރު 2017
ހޯދާ