ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އުތީމުން ދަނޑުބިން ދޫކުރުމުގެ އުޞޫލު

ހއ. އުތީމުގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުޞޫލް

 

1- ދަނޑު ބިން ހޯދުމަށް އެދި ހުށައެޅުން.

1.1

ދަނޑު ބިން ހޯދުމަށް ހުށަހަޅާއިރު ތިރީގައި މިވާ ކަންކަން އެނގޭނޭހެން ހުށަހަޅަންވާނެއެވެ.

 

(ހ)

ދަނޑު ބިމުގެ ޢަމަލީ މަސައްކަތް ފަށާނެ ތާރީޚް

 

(ށ)

ދަނޑު ބިމަށް ގެންނާނެ ކުރިއެރުން.

1.2

ދަނޑު ބިން ހޯދުމަށް އެދި ހުށައަޅަންވާނީ މިކަމަށް އެދި ހުށައެޅުމަށް އުތީމު ކައުންސިލް އިދާރާއިން ތައްޔާރުކޮށް، ވިއްކަމުންދާ "ދަނޑުވެރިކަމަށް ބިން ހޯދުމަށް އެދި ހުށަހަޅާ ފޯމް" އިން ނެވެ.

1.3

ފޯމްގެ އަގަކީ -/5ރ (ފަހެއް) ރުފިޔާ އެވެ.

 

 

 

2- ދަނޑު ބިން ދޫކުރުން

2.1

2.2

ދަނޑު ބިން ދޫކުރެވޭނީ ބީލަމުގެ އުޞޫލުން ނެވެ.

ބީލަމުގެ އުޞޫލުން ދޫކުރާނީ 3000އަކަފޫޓްގެ ބިމާއި 5000އަކަފޫޓް ގެ ބިމެވެ.  3000އަކަފޫޓްގެ ބިމުގެ ބީލަން ފެށޭ އަގަކީ ފޫޓަކަށް/މަހަކަށް 0.30ލާރިއެވެ. އަދި 5000އަކަފޫޓް ބިމުގެ ބީލަން ފެށޭ އަގަކީ މަހަކަށް އަކަފޫޓަކަށް 0.25 ލާރިއެވެ.

2.3

މި އުޞޫލުގެ ދަށުން ދަނޑު ބިން ދޫކުރެވޭނީ ދިވެހިރައްޔިތުންނަށްށެވެ.

2.4

ދަނޑު ބިން ދޫކުރެވޭނީ 05 އަހަރުން އެއްފަހަރު އެއްބަސްވުން އާކުރާ ގޮތަށެވެ. ދަނޑު ބިން ތަކުގެ އެއްބަސްވުން އާނުކުރާ ފަރާތްތަކުގެ ދަނޑު ބިން ކައުންސިލަށް ނެގޭނެއެވެ.

2.5

ދަނޑު ބިން ކުލީގެ ގޮތުގައި ބޭނުންވާ ފަރާތްތަކަށް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތީން ދަނޑު ބިން ދޫކުރެވޭނެއެވެ.

2.6

ދަނޑުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށައަޅަންވާނީ މިކަމަށް އެދި ހުށައެޅުމަށް ރަށު ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށް ވިއްކަމުންދާ "ދަނޑު ބިމުގެ މުއްދަތު އިތުރުކުރުމަށް އެދޭ ފޯމް" އިން ނެވެ.

2.7

ފޯމްގެ އަގަކީ -/3ރ (ތިނެއް) ރުފިޔާ އެވެ.

 

 

 

3- ޖުރުމަނާ އަދި އަގަށް ބަދަލު ގެނައުން

3.1

އެއްބަސްވުން އާކުރާއިރު އެ އިރެއްގެ ރާއްޖޭގެ އިޤްތިޞާދަށް ބަލައި ދަނޑު ބިމަށް ކުއްޔެއް ނެގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.

3.2

އެއްބަސްވުން ހެދޭ ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަސް ތެރޭގައި ދަންޑުވެރިކަމުގެ ޢަމަލީ މަސައްކަތް ކުރަން ފަށަން ވާނެއެވެ. އަދި އެ މުއްދަގައި ޢަމަލީ މަސައްކަތް ނުފަށާނަމަ، 02 މަސްދުވަހުގެ ނޯޓިސް އެއް ދިނުމަށްފަހު ވެސް މަސައްކަތް ނުފަށައިފިނަމަ، އިތުރު ނޯޓިސް އަކާއި ނުލާ ދަނޑުވެރިކަމަށް ދޫކުރެވުނު ބިން ވަކި ކުރެވޭނެއެވެ

3.3

މި އުޞޫލުގެ 6 (ހައެއް) ވަނަ މާއްދާއާ ހިލާފު ވެއްޖެނަމަ (-/300ރ އާއި -/3000ރ ) އާއި ދެމެދު އަގަކުން ޖުރުމަނާ ކުރެވޭނެއެވެ. އަދި ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ ތަކެތީގެ ސަރުޢީ އަގު ކައުންސިލަށް ނެގޭނެއެވެ.

3.4

މި އުޞޫލުގެ ދަށުން ޖުރުމަނާ ކުރެވޭ ފަރާތްތަކުން ނޯޓިސް ލިބޭތާ މަދުވެގެން 7 (ހަތެއް) ދުވަސްތެރޭ ފައިސާ  ކައުންސިލް އިދާރާއަށް ދަށްކަންވާނެއެވެ.

4- ބިން ވަކިކުރުމާއި އަމިއްލައަށް ދޫކޮށްލުން

4.1

ދަނޑުވެރިޔާ ދަނޑު ބިން ދޫކޮށްލަން ބޭނުންވެއްޖެނަމަ 15 (ފަނަރަ) ދުވަސް ކުރިން އެކަން ކައުންސިލް އިދާރާއަށް ލިޔުމަކުން އަންގަންވާނެއެވެ. މިގޮތުން އަމިއްލައަށް ދަނޑު ބިން ދޫކޮއްލާނަމަ ދަނޑު ބިމަށް

 

ކުރެވިފައިވާ އިންވެސްޓްމަންޓަކަށް ބަދަލެއް ނުދެވޭނެއެވެ. ނަމަވެސް އެފަދަ ތަކެތި ދަނޑު ބިން ދޫކޮއްލާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނަގައިގެން ގެންދިއުމުގެ އިޙްތިޔާރު ދަނޑުވެރިއާއަށް ލިބިގެން ވެއެވެ.

4.2

މުއްދަތު ހަމަ ނުވަނީސް ކައުންސިލް އިދާރާގެ ބޭނުމަށް ބިން ނަގާނަމަ 3 (ތިނެއް) މަސްދުވަހުގެ ކުރިން އެކަން ދަނޑުވެރިއާއަށް އެންގޭނެއެވެ. މިގޮތުން ނެގޭ ދަނޑު ބިމަށް ކޮށްފައިވާ އިންވެސްޓްމަންޓް ދަނޑުވެރިޔާ ބޭނުންނަމަ ނަގައިގެން ގެންދިއުމުގެ އިޙްތިޔާރު ލިބިގެން ވެއެވެ. ނަމަވެސް އެފަދަ ތަކެތި ގެންދަން ބޭނުން ނުވާނަމަ އަދުލުވެރި ބަދަލު ދިނުމަށްފަހު އެ ބިން ވަކިކުރެވޭނެއެވެ.

4.3

ދިވެހިރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އުސޫލުތަކާއި އެތްގޮތްވާ ގޮތުގެ މަތިން ދަނޑުގެ މަސައްކަތް ކުރަމުން ނުދާނަމަ އެކަން ރަނގަޅުކުރުމަށް 3 (ތިނެއް) ފަހަރު އެއްގުމަށްފަހު އެކަން ރަނގަޅު ކުރުމަށް 1 (އެކެއް) މަސް ދުވަހުގެ މުއްދަތު ދިނުމަށްފަހު އެކަންކަން ރަނގަޅު ނުކޮށްފިނަމަ އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި ބިން ވަކިކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.

4.4

މި އުޞޫލުގެ ދަށުން ދޫކުރެވޭ ދަނޑުގެ ވެރިފަރާތް ނިޔާވެއްޖެނަމަ އެ ދަނޑަކާމެދު ޢަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ކައުންސިލުންނެވެ.

4.5

މި އުޞޫލުގެ 4.2 ގައިވާ ބަދަލުދިނުމުގެ އަގުމަގު ކުރާނީ ދަނޑު ކޮމިޓީންނެވެ.

4.6

މި އުޞޫލްގެ 3.5 ގައިވާ ގޮތުގެ މަތީން ޖުރުމަނާ ފައިސާ ނުދައްކާ ފަރާތްތަކަށް 2 (ދެއެއް) ފަހަރު ލިޔުމަކުން ފައިސާ ދެއްކުމަށް އެންގުމަށްފަހު އެ ފައިސާ ނުދައްކައިފިނަމަ ދަނޑުބިން ވަކިކުރެވޭނެއެވެ. މިގޮތުން ވަކިކުރެވޭ ދަނޑުބިމުގައި ކުރެވިފައިވާ އިންވެސްޓްމަންޓަށް އެއްވެސް ބަދަލެއް ނުދެވޭނެއެވެ.

4.7

މި އުޞޫލުގެ ދަށުން ދޫކުރެވޭ ދަނޑުބިން އެހެން ފަރާތަކަށް ދިނުން، ކުއްޔައް ދިނުން ނުވަތަ ވިއްކާލައިފިނަމަ އެއްވެސް ބަދަލު ދިނުމަކާއި ނުލައި އެ ދަނޑު ބިން ވަކި ކުރެވޭނެއެވެ.

 

 

 

 

5- ބިމުގައި ހެއްދޭ ބާވަތްތައް

5.1

ދަނޑުވެރިކަމުގައި އިންދާ ހައްދާ އެންމެހައި ބާވަތްތައް (އެއް އަހަރަށް ވުރެ ކުރު މުއްދަތުގެ ތެރޭގައި ހެދި ފޯދޭ ބާވަތެއް ކަމުގައި ވާންވާނެއެވެ.)

 

 

 

6- ދަނޑު ބިމުގައި ކުރުން މަނާ ކަންތައްތައް

6.1

އާނު ކަނޑައިގެން ވަޅުކޮނެ ހެދުން (ނަމަވެސް ކޮންމެ ދަނޑެއްގައި ގަހަށް ފެންދިނުމަށް 1 (އެކެއް) ވަޅު ކޮނުމުގެ އިޚުތިޔާރު ދަނޑުވެރިޔާއަށް ލިބިގެން ވެއެވެ.

6.2

ކައުންސިލުން މަނާ ކޮށްފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ދަނޑުގައި ބޭނުން ކުރުން.

6.3

މިނިސްޓްރީ އޮފް ފިސަރީޒް އެންޑް އެގްރިކަލްޗަރ އިން ރާއްޖެއަށް އެތެރެ ކުރުންމަނާ އެއްވެސް ބޭހެއް/ކެމިކަލެއް ބޭނުންކުރުން.

6.4

6.5

ކެޔޮ، ރުއް ލަކުޑީގެ އެއްވެސް ބާވަތެއް އިންދާ ހެއްދުން.

އެއްވެސް ބާވަތެއްގެ ޢިމާރާތެއް ރާނާ ހިޔާ ކުރުން

 

7- ތަފާސް ހިސާބު ފޮނުވުން

7.1

މި އުޞޫލުދަށުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ދަނޑުތަކުގައި ހައްދާ ތަކެތީގެ ތަފާސް ހިސާބު ޖެހިގެން އަންނަ މަހުގެ 10 (ދިހައެއް) ގެ ކުރީން ކައުންސިލް އިދާރާއަށް ހުށަހަޅަން ވާނެއެވެ.

7.2

ތަފާސް ހިސާބު ހުށަހަޅަންވާނީ މިކަމަށް ތައްޔާރުކޮށް، ރަށު ކައުންސިލް އިދާރާއިން ދޫކުރާ "އުފައްދާ ބާވަތްތަކުގެ ތަފްޞީލް ފޯމް D2" އިން ނެވެ.

 

 

 

8- ފައިސާ ދެއްކުން

8.1  މި އުޞޫލުގެ ދަށުން ދޫކުރެވޭ ބިންތަކުގެ މަހު ކުލި ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރީން ކައުންސިލް އިދާރާއަށް ދައްކަން ވާނެއެވެ.

8.2 ބިމު ކުލީގެ ފައިސާ ދައްކަން އޮންނަ ދުވަހަށް ފައިސާ ނުދައްކަވައިފިނަމަ، ދެން ފައިސާ ބަލައިގަނެވޭނީ ފައިސާ ނުދައްކާ އިތުރުވާ ކޮންމެ ދުވަހަކަށް ބިމު ކުލީގެ %0.5 ޖޫރިމަނާ އާއެކުގައެވެ.

9- މި އުޞޫލާ ޚިލާފުވުން.

9.1

މި އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަމްބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

10- އުޞޫލުގައި ނެތްކަމެއް ދިމާވުން.

10.1

މި އުޞޫލުގައި ބަޔާންކޮށް ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީ ދަނޑުކޮމެޓީގެ ލަފާގެ މަތިން އުތީމު ކައުންސިލުންނެވެ.

 

 

 

 

 

 

 

 

 

01 އޮކްޓޫބަރު 2017
ހޯދާ