މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެސް.އެމް.އީ2017 ލޯން ސްކީމް އާ ބެހޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސް.އެމް.އީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.

"އެސް.އެމް.އީ ލޯން" ސްކީމް ހިންގުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީންނެވެ.

1.      އެސް.އެމް.އީ ލޯން ސްކީމްގެ ދަށުން ފައިނޭންސްކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި ދާއިރާތައް

  • އެސް.އެމް.އީ ލޯން ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފާ ޖުމްލަ އަދަދަކީ -/38,000,000 (ތިރީސް އަށް މިލިއަން) ރުފިޔާއެވެ.
  • އެސް.އެމް.އީ ލޯން ސްކީމް އަކީ ވަކި އުމުރުފުރައެއް ނެތި 100 އިންސައްތަ ދިވެހިން ހިއްސާވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތި ކުރެވި، ރަޖިސްޓްރީ ކޮއްފައިވާ (ނުވަތަ ލޯނަށް ސޯޓް ލިސްޓް ވުމުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ) ކޮންމެ ވިޔަފާރިއަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ލޯން ސްކީމެކެވެ. ވިޔަފާރީގެ ގިންތި ބެލުމަށް ބޭނުންކުރެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު (6/2013) ގައި ބަޔާން ކޮށްފައިވާ މިންގަޑެވެ.
  • ޕްރޮޕޯސަލް އިވޭޓްކުރުމުގައި ތިރީގާވާ ފަރާތްތަކަށް އިސްކަން ދިނުމަށް ހަމަޖެހިފައިވެއެވެ.
  • އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި އެފަރާތްތަކުގެ އަޣުލަބިއްޔަތު(މެޖޯރިޓީ)އޮންނަ ވިޔަފާރިތަކަށް ނުވަތަ އިމްޕޯޓް ސަބްސްޓިޓުޓް ކުރާ، ނުވަތަ އެކްސްޕޯޓް ކުރާވިޔަފާރިތަކަށް
  • ތިމާވެއްޓާ ރައްޓެހި އުފެއްދުން ތަކާއި ރައްޓެހި ޕްރޮސެސް ތަކަށް އިންވެސްޓް ކުރާ ފަރާތްތަކަށް
  • މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވާ އެހެން ރަށްރަށުގައި ވިޔަފާރި ކުރުމަށް ހުށަހަޅާ ފަރާތްތަކަށް

 

  • ޒުވާނުން ކަމަށް ބަލާނީ މިއިއުލާނުގައިވާ އެޕްލިކޭޝަން ބަލައިގަންނަން ކަނޑައަޅާފައިވާ ތާރީޚާހަމައަށް މީލާދީ ސަނަތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކެވެ. އަދި ހުށަހަޅަނީ ކުންފުޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ނަމުގައި ނަމަ، މި އުމުރުފުރާ ޒުވާނުންގެ އަޣުލަބިއްޔަތު (މެޖޯރިޓީ) އޮންނަ ވިޔަފާރިތަކެވެ. މިފަދައިން އަންހެނުންގެ އަޣުލަބިއްޔަތު (މެޖޯރިޓީ) އޮންނަ ވިޔަފާރިތައް ވެސް އަންހެނުންގެ ބައިގައިހިމެނޭނެއެވެ.
  • މި ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީއަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ -/500,000 (ފަސް ލައްކަ) ރުފިޔާ، ފާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ -/1,500,000 (އެއް މިލިއަން ފައްސަތޭކަ ހާސް) ރުފިޔާއެވެ.
  • މި ސްކީމްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ކޮންމެ ވިޔަފާރިއަކަށް އެއް އެޕްލިކޭޝަން, ބޭނުންވާ އެއް ދާއިރާއަކަށެވެ. މި ސްކީމްގެ ދަށުން ފައިނޭންސް ކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރީގެ ދާއިރާތަކަކީ:

ދާއިރާ 1

  1.       ފަތުރުވެރިކަމުގެ ދާއިރާ (ޓުއަރިޒަމް)

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ 20 އިންސައްތަ

ޕްރޮޕޯސަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

1.1     ފަތުރުވެރިކަމުގެ ދާއިރާއިން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ނުވަތަ ފުޅާކުރުމަށް

1.2     ފަތުރުވެރިކަމުގެ ދާއިރާއިން އަތްތެރި މަސައްކަތުން ސްވެނިއަރ އުފެއްދުމަށް ކުރެވޭ މަސައްކަތާއި ވިޔަފާރިތަކަށް

1.3     ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރި ތަރައްޤީކޮށް ފުޅާކުރުމަށް (ގުޅުން ހުރި ވިޔަފާރީގެ ގޮތުގައި މި ބައިގައި ބަލާނީ: ޕޮޓޯ ގްރަފީ، އާޓްސް، ލޮޖިސްޓިކްސް، ޑައިވިންގ، ޕާފޯމިންގް އާޓްސް، ޑައިވިން ސެންޓަރ ނުވަތަ ސްކޫލް، ވޯޓަރ ސްޕޯޓްސްގައި މަސައްކަތް ކުރާ ވިޔަފާރިތަކެވެ.)

ދާއިރާ 2

  1. 2.      ދަތުރުފަތުރުކުރުމުގެ ދާއިރާ (ޓްރާންސްޕޯޓް)

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ 20 އިންސައްތަ

ޕްރޮޕޯސަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

 

2.1     ދަތުރުފަތުރުކުރުމުގެ  ދާއިރާއިން ޓެކްސީ އަދި އެއްގަމުގައި ދުއްވާ އުޅަދުގަތުމަށް

2.2     ދަތުރުފަތުރު ކުރުމުގެ ދާއިރާއިން ކަނޑުގައި ދުއްވާ އުޅަދު ފަހަރު ގަތުމަށް ނުވަތަ މަރާމާތު/ އަޕްޤްރޭޑް ކުރުމަށް

ދާއިރާ 3

  1. 3.      އިމާރާތް ކުރުމުގެ ދާއިރާ (ކޮންސްޓްރަކްޝަން)

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ 15 އިންސައްތަ

ޕްރޮޕޯސަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

3.1     ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ މެޓީރިއަލް އަދި އިކުއިޕްމަންޓް ގަތުމަށް

3.2     މި ދާއިރާގައި އިމާތްކުރުމުގެ ދާއިރާގައި ސަބް ކޮންޓްރެކްޓަރުންގެ ގޮތުގައި ތަފާތު ހިދްމަތްތަށް ފޯރުކޮށްދޭ ތަފާތު ވިޔަފާރިތަށް ހިމެނޭނެއެވެ. (މިގޮތުން ހިދްމަތްތަށް ފޯރުކޮށްދޭ ތަފާތު ވިޔަފާރީގެ ގޮތުގައި މި ބައިގައި ބަލާނީ ކަރަންޓް، އެއަރ ކޮންޑިޝަނިންގް، ފެންވަޔަރު، ނެޓްވާކިންގް، ގައު ނުވަތަ ދޮރުފަދަ މެޓީރިއަލް އުފައްދާ ފަރާތްތަށް.

3.3     މެޓީރިއަލް އިމްޕޯޓްކޮށް ރީސެލް ކުރާ ފަރާތް ތަކެއް މި ބައިގައި ނުހިމެނޭނެއެވެ.

ދާއިރާ 4

  1. 4.      ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ 10 އިންސައްތަ

ޕްރޮޕޯސަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

މަސްވެރިކަމުން / ދަނޑުވެރިކަމުން އުފައްދާ ތަކެތި ޕްރޮސެސްކުރުމަށާއި،  ވެލިއު އިތުރުކުރުމަށް މެޓީރިއަލް/ މެޝިނަރީޒް/ އިކުއިޕްމަންޓް ގައި އިންވެސްޓްކުރުމަށް

ދާއިރާ 5

  1. 5.      ކޯފަރޭޓިވް ސޮސައިޓީގެ ދާއިރާ

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ 10 އިންސައްތަ

ޕްރޮޕޯސަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

ކޯފަރޭޓިވް ސޮސައިޓީއިން ވިޔަފާރި ފެށުމަށާއި ކުރަމުންދާ ވިޔަފާރިއެއް ތަރައްޤީކޮށް ފުޅާކުރުމަށް

ދާއިރާ 6

  1. 6.      ޚިދްމަތް ފޯރުކޮށްދިނުމުގެ ދާއިރާ (ސާވިސް ސެކްޓަރ)

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ 10 އިންސައްތަ

ޕްރޮޕޯސަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

އެހެން ވިޔަފާރިތަކަށް ނުވަތަ ރައްޔަތުންނަށް ތަފާތު ހިދްމަތް ފޯރުކޮށްދޭ ވިޔަފާރިތަށް. (މިގޮތުން ހިދްމަތްތަށް ފޯރުކޮށްދޭ ތަފާތު ވިޔަފާރީގެ ގޮތުގައި މި ބައިގައި ބަލާނީ: ފައިނޭންޝަލް، ޕްރޮފެޝަނަލް ސާވިސަސް، ޑިޒައިން ނުވަތަ ކްރިއޭޓިވް ސާވިސަސް، އިވެންޓް މެނޭޖްމަންޓް، ކްލިނިކް، ތަޢުލީމާ ތަމްރީން ދިނުނުމުގެ މަސައްކަތް ކުރާ ވިޔަފާރިތަކެވެ.

ދާއިރާ 7

  1. 7.      ވޭސްޓް މެނޭޖްމަންޓް ދާއިރާ

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ 10 އިންސައްތަ                              

ޕްރޮޕޯސަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

ކުނި މެނޭޖްކުރުން، އުކާލުން، ނައްތާލުމާއި ރީސައިކަލްކޮށް އަލުން ތަކެތި އުފައްދާ ވިޔަފާރިތަކަށް

ދާއިރާ 8

  1. 8.      އޯޕަން ކެޓަގަރީ ދާއިރާ

ކަނޑައަޅާފައިވާ ސީލިންގ

ޖުމްލަ ފަންޑުގެ 5 އިންސައްތަ

ޕްރޮޕޯސަލް ހުށަހެޅޭނެ މަސައްކަތުގެ ދާއިރާ

މަތީގައި ފާހަގަ ކޮށްފާވައި ބައިތަކުން ބައެއްގައި ނުހިމެނޭ ވިޔަފާރިތަށް ނަމަ ލޯނަށް ހުށަހަޅާނީ މިދާއިރާއަށެވެ.

 

  • މި ސްކީމްގެ ދަށުން ކަނޑައަޅާފައި ވާ ދާއިރާތަކުން ދާއިރާއަކަށް ސީލިންގ ހަމަވާ އަދަދަށް ސަރުތުހަމަވާ އެޕްލިކޭޝަން ނުލިބިއްޖެނަމަ ނުވަތަ ސީލިންގް އާއި އެންމެ ކާރިކުރާމިއްވަރަކަށް ލޯނު ދޫކޮށްފަ ބާކީ އަދަދެއްވާނަމަ އެދަދެއް އޯޕަން ކެޓަގަރީއަށް ބަދަލުކޮށްގެން އެދާއިރާއަށް ހުށަހަޅާފައިވާ އެޕްލިކޭޝަން އިވޭލުއޭޓްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަޓަށް ނިންމިދާނެއެވެ.
  • މުއްދަތު:

-          ލޯނު އަދާކުރުމުގެ މުއްދަތުކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިއާޔަތް ކުރުމަށްފަހު، 9 އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށެވެ. މި މުއްދަތުގައި ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެއެވެ.

-          ގްރޭސްގެ މުއްދަތުގައި އަލައްފަށާ ވިޔަފާރި ފިޔަވާ ލޯންގެ އިންޓްރަސްޓްއަށް ވާ މިންވަރު ދައްކަންޖެހޭނެއެވެ. އެހެން ނަމަވެސް އަލަށް ފަށާ ވިޔަފާރިއެއްނަމަ ގްރޭސްގެ މުއްދަތުގައި އިންޓްރަސްޓްއަށް ވާ މިންވަރު ދެއްކުމަށް ނުވަތަ އިންޓްރަސްޓްއަށް ވާ މިންވަރު އެކުރޫކުރުމަށް ފަހު ފަހުން ދެއްކުމަށް ހިޔާރުކުރެވިދާނެއެވެ.

 

  • އަމިއްލަ ފައިސާ އިންވެސްޓް ކުރުން:

-          މި ސްކީމަށް އެދޭ ފަރާތުން ކުރުމަށް ހުށަހަޅާ ޕޮރޮޖެކްޓްގެ ގުމްލަ އަގުގެ އެއްވެސް އަދަދެއް އިކުއިޓީގެ ގޮތުގައި  ވިޔަފާރީގައި އިންވެސްޓް ކުރުން ލާޒިމެއް ނޫނެވެ.

-          އެހެން ނަމަވެސް ވިޔަފާރިދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ލޯނަށް އެދޭ އަދަދުގެ އިތުރުން ފައިސާއެއް ބޭނުންވާ ނަމަ، އިތުރަށް ބޭނުންވާ މިންވަރެއް ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން އިންވެސްޓް ކުރަންޖެހޭނެއެވެ.

  • ރަހުނުކުރުން: ދަރަނި އަދާކޮށް ޚަލާސްވަންދެން ވިޔަފާރީގެ މުދާލާއި ތަކެތި ރަހުނު ގެ ގޮތުގައި ބަހައްޓަން ޖެހޭނެއެވެ.
  • އިންޝުއަރެންސް ނެގުން: ދަރަނި އަދާކޮށް ޚަލާސްވަންދެން، ފައިނޭންސްކުރެވޭ ތަކެއްޗާއި ރަހުނު ކުރެވުނު ތަކެތި ފަދަ ފުރިހަމަޔައް އިންޝުއަރ ކުރަން ޖެހޭނެއެވެ.
  • އެއްބަސްވުމާ ޚިލާފުވުން: މި ސްކީމްގެ ދަށުން ފައިނޭންސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއާ އެކު ވެވޭ އެއްބަސްވުމާ ޚިލާފުވާނަމަ އަމަލު ކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ:
  • ތާވަލާ އެއްގޮތަށް ދަރަނި އަދާކުރުމުގައި އިހުމާލުވާ ނަމަ، ކަނޑައެޅިފައިވާ އިންޓްރެސްޓްގެ އިތުރުން އެފަރާތެއް މަހަކު %2 ރޭޓުގައި ޖޫރިމަނާ ކުރެވޭނެއެވެ.
  • ތާވަލާ އެއްގޮތަށް ދަރަނި އަދާކުރުމަށް 90 ދުވަހުގެ މުހުލަތެއް ދިނުމުންވެސް އެގޮތުގެ މަތިން ދަރަނި އަދާ ކުރަން ފަށާފައި ނުވާ ނަމަ، ދަރަނި އަދާކުރުމަށް ހަމަޖައްސާފައިވާ ތާވަލު ބާތިލުކޮށް، މުޅި ދަރަނި އެއްކޮށް އެއްފަހަރާ ދައްކާ ޚަލާސްކުރުމަށް އެންގޭނެއެވެ. އަދި އެ ދަރަނި ހޯދުމަށް އަމަލު ކުރާ އުސޫލުތަކުގެ މަތިން އެންމެހާ ގާނޫނީ ފިޔަވަޅު އެޅޭނެއެވެ.
  • ފައިނޭންސްކޮށްދިން ވިޔަފާރީގެ ބޭނުން ނޫން އެހެން ބޭނުމަކަށް ސްކީމްގެ ބޭނުން ހިފާ ކަން އެނގިއްޖެ ނަމަ، ދަރަނި އަދާކުރުމަށް ހަމަޖައްސާފައިވާ ތާވަލު ބާތިލުކޮށް، މުޅި ދަރަނީ އެއްކޮށް އެއްފަހަރާ ދައްކާ ޚަލާސްކުރުމަށް އެންގޭނެއެވެ. އަދި އެ ދަރަނި ހޯދުމަށް އަމަލު ކުރާ އުސޫލުތަކުގެ މަތިން އެންމެހާ ގާނޫނީ ފިޔަވަޅު އެޅޭނެއެވެ.

 2.      އެޕްލިކޭޝަން ފޯމް:

  • ފޯމު ލިބެން ހުންނާނެ ތަން: 27 އޯގަސްޓް 2017 އިން ފެށިގެން މި ސްކީމަށްއެދޭ ފޯމު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނާއި ސަރަހައްދީ 6 ބިޒްނަސް ސެންޓަރުނ ލިބެން ހުންނާނެއެވެ. މީގެ އިތުރުން www.trade.gov.mvއަދި www.bcn.mvވެބްސައިޓު މެދުވެރިކޮށްް ލިބެން ހުންނާނެއެވެ. 
  • ފޯމު ހުށަހަޅަން ޖެހޭ ތަން: ލޯނު ސްކީމަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ތަފްސީލާއެކު ޕްރޮޕޯސަލެއް ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފޯމު ހުށަހަޅުއްވާނީ ތިރީގައި މިވާ ތަނަކުން ކޮންމެވެސް އެއްތަނަކަށެވެ. ވިޔަފާރިއަކުން އެއްތަނަށް ވުރެ ގިނަތަނަށް ހުށަހަޅާފަ ވާނަމަ އިވޭލުއޭޓް ކުރުމަށް ބަލާނީ ފުރަތަމަ ހުށަހެޅި ފޯމަށެވެ.

1. މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް ބޮޑުތަކުރުފާނު މަގު،

މާލެ

2. ބިޒްނަސް ސެންޓަރ- ކުދުއްފުށި

3. ބިޒްނަސް ސެންޓަރ- ނައިފަރު  4. ބިޒްނަސް ސެންޓަރ- ކުޑަހުވަދޫ
 5. ބިޒްނަސް ސެންޓަރ- ފޮނަދޫ  6. ބިޒްނަސް ސެންޓަރ- ތިނަދޫ
 7. ބިޒްނަސް ސެންޓަރ- ހިތަދޫ  8. އޮންލައިންކޮށްނަމަ: [email protected]
އީމޭލް ކުރައްވާނީ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް ތަރުތީބުކޮށް ޕީޑީއެފް ފޯމެޓަށް ބަދަލުކުރުމަށްފަހު ނުވަތަ އެ ފޯމެޓަށް ސްކޭން ކޮށްފައެވެ. 
  • އެޕްލިކޭޝަން ފޯމް އާއި ހުރިހާ ލިޔެކިޔުމެއް ހުށަހަޅުއްވާނީ އެކުގައެވެ. ސުންގަނޑި ހަމަނުވިނަމަވެސް ބައިބަޔަށް ނުވަތަ ފަހުން ލިޔެކިޔުން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. 
  • އެޕްލިކޭޝަން ހުށަހެޅުމުން ފޯމު ބަލައިގަތް ދުވަހާއި ގަޑި އަދި ބަލައިގަނެވުމު ފޯމުގެ ރެފެރެންސް ނަންބަރު އެނގޭނޭހެން ރަސީދެއް ދެވޭނެއެވެ.
  • ފޯމު ބަލައިގަތުން: ފޯމު ބަލައިގަންނާނީ 17 ސެޕްޓެމްބަރ 2017 އިން ފެށިގެން 27 ސެޕްޓެމްބަރ 2017 ދުވަހު މެންދުރުފަހު 2.00 ގެ ނިޔަލަށެވެ. ދެން އިތުރަށް ބަލައިގަންނަށް ފަށާނީ ލިބިފައިވާ ޕްރޮޕޯޒަލްތައް ޕްރޮސެސްކުރުމަށްފަހު ފަންޑިންގ ހުރި މިންވަރަށް ބަލާ އިޢުލާން ކުރަންޖެހޭނަމަ އިޢުލާނު ކުރުމަށް ފަހުއެވެ.

 3.      ޕްރޮޕޯސަލްތަކަށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ބައިތަކާއި މާކްސްދެވޭ ގޮތް:

  • އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި އެފަރާތްތަކުގެ އަޣުލަބިއްޔަތު(މެޖޯރިޓީ)އޮންނަ ވިޔަފާރިތަކަށް ނުވަތަ އިމްޕޯޓް ސަބްސްޓިޓުޓް ކުރާ، ނުވަތަ އެކްސްޕޯޓް ކުރާވިޔަފާރިތަކަށް – 10 މާކްސް
  • ތިމާވެއްޓާ ރައްޓެހި އުފެއްދުން ތަކާއި ރައްޓެހި ޕްރޮސެސް ތަކަށް އިންވެސްޓް ކުރާ ފަރާތްތަކަށް – 10 މާކްސް
  • މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވާ އެހެން ރައްރަށުގައި ވިޔަފާރި ކުރުމަށް ހުށަހަޅާ ފަރާތްތަކަށް – 10 މާކްސް
  • ބިޒްނަސްޕްލޭން ފުރިހަމަވުން – 10 މާކްސް
  • ވިޔަފާރީގެ ކޮންސްޕްޓާއި ވިޔަފާރި ބިނާކޮށްފައިވާ ގޮތް ސާބިތުކޮށްދިނުން – 20 މާކްސް
  • ވިޔަފާރި މެނޭޖްކުރާ ފަރާތްތަކުގެ އެކްސްޕީރިއަންސް – 10 މާކްސް
  • ދަރަނި އަދާކުރުމުގެ ޤާބިލްކަން ލިބިފައިވާ މިންވަރު – 20 މާކްސް
  • ވިޔަފާރިން ފައިދާ ކުރާ މިންވަރު – 10 މާކްސް

 4.      އެސް.އެމް.އީ ލޯން ސްކީމްގައި އެޕްލިކޭޝަން ޕްރޮސެސް ކުރިއަށްދާނެގޮތް:

މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްއިން އެސް.އެމް.އީ ލޯން ސްކީމަށް ހުށަހަޅާ އެޕްލިކޭޝަން ބަލައިގަތުމާއި  އިވެލުއޭޓްކުރުން ކުރިއަށް ދާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

4.1    އެޕްލިކޭޝަން ބަލައިގެނެވޭނީ ފުރިހަމަކޮށްފައިވާ އެސް.އެމް.އީ ލޯންގެ އެޕްލިކޭޝަން ފޯމާއި، އެފޯމާ އެކު ހުށަހަޅަން ޖެހޭ އެންމެހާ ލިއެކިއުންތަށް ފުރިހަމަކޮށްފައި ވޭތޯ ބެލުމަށްފަހުއެވެ. އީމެއިލް ކުރެވޭ އެޕްލިކޭޝަން ނަމަ އީމޭލް ކުރައްވާނީ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް ތަރުތީބުކޮށް ޕީޑީއެފް ފޯމެޓަށް ބަދަލުކުރުމަށްފަހު ނުވަތަ އެ ފޯމެޓަށް ސްކޭން ކޮށްފައެވެ.

 

4.2    ފުރަތަމަ ބަލާނީ ބަލައިގަނެވިފައިވާ އެޕްލިކޭޝަން ތަކާއި އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުން ފުރިހަމަ ކުރެވިފައި ވޭތޯއެވެ.

 

4.3    އެއަށްފަހު ހުށަހެޅިފައި ވާ ހުރިހާ އެޕްލިކޭޝަނެއް ކަނޑައެޓިފައިވާ 8 ދާއިރާއަށް ބައިކުރެވޭނެއެވެ. އެއްދާއިރާއަށްވުރެ ގިނަ ދާއިރާގައި ފާހަގަ ޖަހާފައިވާނަމަ އެޕްލިކޭޝަން ފުރިހަމަ ނުވާކަމަށް ބަލައި ބާތިލް ކުރެވޭނެއެވެ.

 

4.4    އެޕްލިކޭޝަން ބަލައިގަތުމަށްފަހު، އިވެލުއޭޓްކުރުމުގެ ފުރަތަމަ މަރުހަލާގައި، ޝަރުތު ފުރިހަމަ ވޭތޯ ބަލާނެއެވެ. މިގޮތުންފުރިހަމަ ވާން ޖެހޭނެ ކަމަށް ކަނޑައަޅާ ޝަރުތުތަކަކީ:

  • ރެޖިސްޓަރ ކުރެވިފައިވާ ވިޔަފާރިއެއްތޯ ބެލުމަށް ފަހު، ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ މި ސްކީމްގައި ބަޔާންކުރެވިފައިވާ ދާއިރާތަކުން އަދި ވިޔަފާރީގެ ގިންތިއަށްބަލާ، ފައިސާގެ އަދަދުތަކަށް ފެތޭތޯ ބެލުން.
  • ޓެކްސް ކޮމްޕްލަޔަންޓް ވާކަމަށް މީރާއިން ދޫކޮށްފައިވާ ލިޔުން ނުވަތަ ސެޓްފިކެޓް، ހިގަމުންދާ އަހަރަށް ޓެކްސް ރިޓާރން އަދި ޓެކްސް ޕޭމަންޓް ވައުޗަރ އަދި މީރާ ގައި ޓެކްސް ދެއްކުމަށް ރެޖިސްޓަރ ކުރަން ނުޖެހޭ ފަރާތެއްނަމަ، އެކަން އެނގޭނޭ ގޮތަށް މީރާއިން ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • މަތީގައި ދަންނަވާފައިވާ ބައި ފުރިހަމަވާނަމަ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއިން އެ ޕްރޮޕޯޒަލްއާއި ގުޅިގެން ދެން ކުރިއަށް ގެންދަންޖެހޭ ފީސިބިލިޓީ އެނަލިސިސް އަދި ކްރެޑިޓް އެސެސްމަންޓްގެ ބައިތައްކުރިއަށް ގެނގޮސް ޕްރޮޕޯސަލް ތަކަށް މާކަސްދެވޭނެއެވެ.
  • މާކްސް ދިނުމުގައި އިސްކަންދޭ ފަރާތްތަކަށް ގިނަވެގެން 30 މާކްސް (ކޮންމެ ބަޔަކަށް 10 މާކްސްގެ މަގުން) ބާކީ 70 މާކްސް ހާއްސަކުރެވިފައިވަނީ ވިޔަފާރި ޕްރޮޕޯސަލް، ފީސިބިލިޓީ އަދި ކުރެވޭ ވިޔަފާރިން ލޯންދެއްކުމުގެ ޤާބިލް މިންވަރަށެވެ. އެހެންކަމުން ވިޔަފާރި ޕްރޮޕޯސަލްގައިވާ އެންމެހާ ބައިތަށް ފުރިހަމަކޮށް ވީހާވެސް ތަފްސީލު ވިޔަފާރި ޕްލޭނެއް ހުށަހަޅުއްވަން ހާއްސަ ސަމާލުކަމެއް ދެއްވަންޖެހެއެވެ.

 

3.3  ފަންޑިންގ ދޫކުރުމުގައި ބަލާނީ، މި ސްކީމަށް ބޭނުންވާ ހުރިހާ ރިކުއާމަންޓްތައް ފުރިހަމަ ކުރައްވާ، އެޕްލިކޭޝަން އިވޭލުއޭޓް ކުރުމުގައި އެންމެ ގިނަ މާކްސް ލިބޭ ފަރާތަކަށެވެ. ކޮންމެ ދާއިރާއަކުން އެންމެ ގިނަ މާކްސް ލިބޭފަރާތަކުން ފެށިގެން އެދާއިރާއަކަށް ކަނޑައަޅާފައިވާ ސީލިންގ ހަމަވަންދެން، މާކްސްއަށް ބިނާކޮށްލޯން ދޫކުރާނެ ފަރާތްތައް ހޮވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެއެވެ. އަދި ހޮވޭ ފަރާތްތަކާއި ރިޒާވް ފަރާތްތަށް ދާއިރާތަށް ވަކިން މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިރުކުރެވޭނެއެވެ.

3.4  ހުރިހާ ފަރާތްތަކުންވެސް ޕްރޮޕޯޒަލް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމާއި، އެޕްލިކޭޝަންއާއި އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އެޕްލިކޭޝަން އާއިއެކު ހުށަހެޅުއްވުމަކީއެފަރާތުގެ ޒިންމާއެކެވެ. އަދި އެޕްލިކޭޝަންއާއި އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުން ހުށަހެޅުމަކަށް އިތުރު ފުރުސަތެއް ނޭރުވޭނެއެވެ.

3.5  ސޯޓްލިސްޓްވާ ފަރާތް ތަކުގެ ތެރެއިން ލޯނު ފައިސާ ދޫކުރުމުގެ ކުރިން ކުރުމަށް ލާޒިމް ކުރާކަންކަން ދެވޭ މުއްދަތުގައި ފުރިހަމަ ނުކުރެވިއްޖެނަމަ އެފަރާތެއްގެ އެޕްލިކޭޝަން ބާތިލް ކުރުމަށް ފަހު ރިޒާވްގެ ގޮތުގައިވާ ވާ އެންމެ މަތިން މާކްސްލިބުނު ފަރާތަކަށް އެ ފައިސާއިން ފުދޭނަމަ ފުރުސަތު އެރުވޭނެއެވެ.

މި ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓް www.trade.gov.mv އިން ނާއި ބިޒްނަސް ސެންޓަރ ނެޓްވާކްގެ ވެބްސައިޓް www.bcn.mv ލިބެންހުންނާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ފޯން 3333155، 3333153، 3333196 އަށް ނުވަތަ ސަރަހައްދީ ބިޒްނަސް ސެންޓަރަކާއި ގުޅުއްވުން އެދެމެވެ.

23 އޮގަސްޓް 2017
ހޯދާ