ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކި ފަރާތްތަކުން ބިން އަދި ގޯތި ގެދޮރު ލާޖެއްސުން

ދިއްދޫއިން އެކި ފަރާތްތަކަށް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް، އެ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރީ ހައްދައިދިނުމަށް ފަހު، އެއް ގޯތި އަނެއް ގޯއްޗާ ލާޖައްސައިދިނުމަށް އެދި މި ކައުންސިލަށް ހުށަހަޅުއްވަމުން ގެންދަވާތީ، އެ ފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ ޤާނޫނީ ލަފައަކަށް އެދި ދިއްދޫ ކައުންސިލުން 23 ޖުލައި 2017 ގައި، އެޓަރނީ ޖެނެރަލް އޮފީހަށް ވާނީ ހުށަހަޅާފައެވެ.

 

އިސްވެ ދެންނެވުނު މައްސަލައިގައި އެޓާރނީ ޖެނެރަލްގެ އޮފީހުން މި ކައުންސިލަށް ފޮނުއްވި ނަންބަރު 32-LAD/251/2017/4 (14 އޮގަސްޓް 2017) ސިޓީއިން ލަފާ ދެއްވާފައިވަނީ، ޤާނޫނު ނަންބަރު 68/9 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކުރައްވައި، ދިވެހިރާއްޖޭގެ ހައި ކޯޓްގެ ނަންބަރު 2013/HC-A/106 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ފަދައިން، ގޯތި ގެދޮރު އަދި ބިން ލާޖެއްސުމަށް އެދޭ ފަރާތްތަކުން އެންމެ ފުރަތަމަ އެކަން ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިޔުމަށެވެ. އަދި ކައުންސިލްގެ ދައުރަކީ، އެ މައްސަލަ ކޯޓުން ނިންމެވުމުން، އަދި އެ ފަރާތްތަކުން އެކަން ކައުންސިލަށް ހުށަހެޅުއްވުމުން، ކޯޓުން ނިންމެވި ގޮތަށް އެ ގޯއްޗެއް ނުވަތަ ބިމެއްގެ ރަޖިސްޓްރީ ހަދައިދިނުން ކަމަށެވެ.

 

އެހެންކަމުން، ދިއްދޫ ކައުންސިލުން އެކި ފަރާތްތަކަށް ދިރިއުޅުމަށް ދިއްދުއިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް، އެ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކުރުމަށް ފަހު، އެއް ގޯތި އަނެއް ގޯއްޗާ ލާޖައްސައިދިނުމަށް އެދި މި ކައުންސިލަށް ހުށަހަޅާ މައްސަލަތަކުގައި، މި ކައުންސިލުން މީގެ ފަހުން ޢަމަލުކުރަމުންދާނީ އެޓަރނީ ޖެނެރަލްގެ އޮފީހުން ދެއްވާފައިވާ ޤާނޫނީ ލަފާއާ އެއްގޮތަށް ކަމުގައި ދެންނެވީމެވެ. އަދި ގޯތި ގެދޮރާއި ބިން ލާޖެއްސުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވެސް އެ މައްސަލަ އެންމެ ފުރަތަމަ ކަމާ ބެހޭ ޝަރުޢީ ކޯޓަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިޔުއްވުމަށް ފަހު، ކޯޓުގެ ނިންމެވުމާއެކު ދިއްދޫ ކައުންސިލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

 

20 އޯގަސްޓް 2017

20 އޮގަސްޓް 2017
ހޯދާ