ދިވެހިރާއްޖެ
3 އޮކްޓޫބަރު 2013 ގައި މި އޮތޯރިޓީން ނެރުނު IL-CNS/2013/91 ނަންބަރު އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
އަލުން ޗާޕުކުރަންޖެހޭވަރަށް ސްޓޮކް ދަށްވުމުން، އަލުން ޗާޕުކޮށް 23 ސެޕްޓެންބަރު 2013 ގައި ރާއްޖެއަށް ގެނެސް މި އޮތޯރިޓީގެ ޚަޒާނާގައި ރައްކައުކޮށްފައިވާ 100 ރުފިޔާ ގެ ބޭންކުނޫޓު، ދައުރުވާ ފައިސާގެ ތެރެއަށް 22 އޮކްޓޫބަރު 2013 ގައި ވަނީ ނެރެފައެވެ. މިއީ، މިހާރު ދައުރުވާ 100 ރުފިޔާގެ ނޫޓަށް ޚާއްޞަ އައު ސަލާމަތީ ސިފަތަކެއް އިތުރުކޮށްފައިވާ ނޫޓެކެވެ. މި ސިފަތައް އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ބަޔާންކުރަމެވެ.
- ސަލާމަތީރޮދިފަށް
ނޫޓުގައި، ކަރުދާހުގެ ތެރެއިން ގަތާފައިވާ 3 މިލިމީޓަރުގެ ފުޅާމިނުގެ ސަލާމަތީ ރޮދިފަށެއްވެއެވެ. ނޫޓަށް އަލި އެޅޭގޮތުންނާއި ބަލާ ދިމާލަކުން ސަލާމަތީ ރޮދިފަށުގެ ކުލަ ރަތްކުލައިން ފެހިކުލައަކަށް ބަދަލުވެއެވެ. ނޫޓު އައްޔަށް ދިއްކުރުމުން ސަލާމަތީ ރޮދިފަށް މެދުނުކެނޑި ފެންނަން ހުރެއެވެ. އަދި ސަލާމަތީ ރޮދިފަށުގައި "100 އެމްއެމްއޭ" ޑިޒައިނަކާއެކު () ފެންނަން ހުރެއެވެ.
- ފެންމަރުކާ
ނޫޓުގައި، ހިސާބުއަކުރުން "100" ފެންނަ ފެންމަރުކާއަކާއި ދައުލަތުގެ ނިޝާންގެ ފެންމަރުކާއެއް ހިމަނާފައިވެއެވެ. ނޫޓު އައްޔަށް ދިއްކުރުމުން މި އަދަދު ފެންނަން ހުންނަނީ ދައުލަތުގެ ނިޝާންގެ ފެންމަރުކާގެ މަތިންނެވެ. މީގެ އިތުރުން، ނޫޓުގެެ ކޮންމެ ކަނެއްގައި ކަތި ރޮނގުތަކެއްގެ ފެންމަރުކާއެއް ވެސް ހުންނާނެއެވެ.
- ތާރީޚާއިސޮއި
ނޫޓުގައި ސޮއިކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ޑރ. ފަޒީލް ނަޖީބެވެ. ނޫޓުގައިވާ ތާރީޚަކީ 20 ޞަފަރު 1434، 2 ޖެނުއަރީ 2013 އެވެ.
މިހާރު ދައުރުވާ 100 ރުފިޔާގެ ނޫޓު ވެސް، އަލަށް މިނެރޭ ނޫޓާއެކު ދައުރުވަމުންދާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 ޛުލްޙިއްޖާ 1434