ދިވެހިރާއްޖެ
ގއ. ހިތާދޫގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދަ ށް ގަވައިދާ ޚިލާފަށް އުޅަނދެއްވަނުމާއި ގުޅިގެން ފިޔަވަޅު އެޅުން
ގއ. ހިތާދޫއާއި އެރަށުގެ ފަރަކީ ،"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ނަންބަރު:4/93)"ގެ 4ވަނަ މާއްދާގެ (ހ)ގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެކެވެ. މިގޮތުން ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކުގައި އެއްވެސް ޙަރަކާތެއް ހިންގޭނީ އެސަރަޙައްދުގައި ޙަރަކާތްތެރިވާ ފަރާތަކަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޙާއްސަ ހުއްދައެއް ލިޔުމަކުން ލިބިގެންނެވެ.
އެހެންނަމަވެސް، 2017 ޖެނުއަރީ 29 ވީ އާދިއްތަ ދުވަހު "ކޯގޯ ޖޯޖް ޓައުން" ނަމަކަށް ކިޔާ އުޅަނދެއް ގއ. ހިތާދޫގެ ފަރުގެ ސަރަޙައްދަށް ނަގިލިލައި، އެއުޅަނދުގެ ފަޅުވެރިންނާއި އެއުޅަނދުގައި ދަތުރުކުރި ފަތުރުވެރިން އެ ރަށަށް އަރާ އެ ރަށުގައި ޙަރަކާތްތަކެއް ހިންގަމުންދާކަމުގެ މަޢުލޫމާތާއި، ފޮޓޯ އާންމު އެކި ފަރާތްތަކުން މި އެޖެންސީއަށް ފޮނުވާފައިވެއެވެ.
މި މައްސަލައާއި ގުޅިގެން އެ އުޅަނދުގައި އެ ތަނަށް ޒިޔާރަތްކުރި ފަރާތްތަކުން ގއ. ހިތާދޫގެ ފަރުގެ ސަރަޙައްދަށް ނަގިލިލައި، އެއުޅަނދުގެ ފަޅުވެރިންނާއި އެއުޅަނދުގައި ދަތުރުކުރި ފަތުރުވެރިން އެ ރަށަށް އަރާ އެރަށުގައި ހިންގާފައިވާ ތިމާވެށްޓަށް ގެއްލުން ދިނުމުގެ ޢަމަލުތައް ބަލައި ތަޙުޤީގުކުރެވުނެވެ. މިތަހުޤީގުގައި ބައިވެރިވީ ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއި އެ އަތޮޅު ކޮލަމާފުށި ކައުންސިލްގެ އިދާރާއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއެވެ. ތަޙުޤީގުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު،"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ނަންބަރު:4/93)"ގެ 4ވަނަ މާއްދާގެ (ހ)ގެ ދަށުން ޙިމާޔަތްކޮށްފައިވާ ގއ. ހިތާދޫގެ ސަރަޙައްދަށް އޭޝިއާ ޕެސިފިކް ސުޕަޔޮޓްސް ކުންފުނީގެ އެޖެންޓްކަމުގެ ދަށުން ރާއްޖޭގައި ޙަރަކާތްތެރިވަމުން އައި ސުޕަޔޮޓެއްކަމަށްވާ "އެމް.ވައީ.ކޯގޯ ޖޯޖް ޓައުން (އޭޓީޕީ. ސެޓުފިކެޓް ނަންބަރ: 14-B13/2017/IATP/99)" ގަވައިދާ ޚިލާފަށް ވަދެ އެސަރަޙައްދުގައި ޙަރަކާތްތެރިވެފައިވާކަން ކަށަވަރުކުރެވުނެވެ.
"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު( ނަންބަރު:4/93)"ގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު (ނަންބަރު:2011/R-9)"ގެ ޖަދުވަލު 2ގެ 7އާއި ޖަދުވަލު 5އަށް ރިޢާޔަތްކޮށް، "އެމް ވައީ ކޯގޯ ޖޯޖްޓައުން" އިން އެސަރަޙައްދުގައި ޙަރަކާތްތެރިވެފައިވަނީ މިއެޖެންސީގެ ހުއްދަ ހޯދުމަކާނުލައި ކަމުގައިވާތީވެ، އޭޝިއާ ޕެސިފިކް ސުޕަޔޮޓްސް ކުންފުނި ޖުމްލަ -/391000 (ތިންލައްކަ ނުވަދިހަ އެއްހާސް ރުފިޔާ) އިން ޖޫރިމަނާކުރެވުނެވެ. އަދި މި ޖޫރިމަނާ ވަނީ މި އެޖެންސީން ދެއްކުމަށް ކަނޑައެޅި މުއްދަތުގެ ތެރޭގައި ދައްކައި ޚަލާސް ކޮއްފައެވެ.