ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި ބެހޭ އުޞޫލް

އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި ބެހޭ އުޞޫލް އާންމު ކުރުމާބެހޭ

އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި ބެހޭ އުޞޫލް މިއިއުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

މި އިއުލާނު ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން މި އުސޫލަށް އަމަލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 ރަމަޟާން 1438

21 ޖޫން 2017

 

 

އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި ބެހޭ އުޞޫލް –2016

ތަޢާރަފް: 1

މިއީ ޤާނޫނު ނަންބަރ 7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ނަންބަރ: 214/R-253 ޤަވާޢިދުގެ 15 ވަނަ މާއްދާއިން ބާރު ލިބިގެން އެޤަވާޢިދު ނަގަހައްޓާ ހިންގުމަށްޓަކާ ދާންދޫ ކައުންސިލުގެ 2 ވަނަ ދައުރުގެ 96 ވަނަ ޢާންމުޖަލްސާއިން ފާސްކޮށް ޢަމަލުކުރުމަށް ހަދާފައިވާ އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި ބެހޭ އުޞޫލެވެ.

ޢަމަލު ކުރަން ފަށާ ތާރީޚް: 2

(1) މި އުޞޫލު ދާންދޫ ކައުންސިލުން ޢާންމުކޮށް އަންގައި އިޢުލާން ކުރާ ދުވަހުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފެށުނީއެވެ.

(2) މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު މީގެކުރިން ޢަމަލު ކުރަމުން އައި " އޮޑިހަރުގެ އެޅުމަށް ވަގުތީގޮތުން ބިން ދޫކުރުމުގެ އުސޫލު" ބާޠިލުވީއެވެ.

އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި އަދި އެކަމާއި ގުޅިގެން އަމަލުކުރަންޖެހޭ ގޮތް:3

(1) ވިޔަފާރި އުޞޫލުން އޮޑިފަހަރު ބަނުން ފިޔަވައި، އޮޑިފަހަރު ބަނުމާއި މަރާމާތު ކުރުމަށް، އޮޑިހަރުގެ އެޅުމަށް ރަށުން ބިންދޫކުރެވޭނީ، އޮޑިހަރުގެ އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދަކުން ހުސްބިން އޮތް ނިސްބަތަކުން އެކަމަށް އެދޭ މީހުންނަށެވެ. މިގޮތުން އޮޑިހަރުގެ އެޅުމަށް ސަރަހައްދު ކަނޑައަޅާނީ ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ދާންދޫ ކައުންސިލް އިންނެވެ.

(2) މި މާއްދާގެ (1)ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމަށް އިސްކަންދެވޭނީ އޮޑިހަރުގެ ހެދުމަށް ބިންހޯދުމަށް އެދޭ ތަރުތީބުންނެވެ. މިގޮތުން އޮޑިހަރުގެ ހެދުމަށް ބިން ހޯދުމަށް އެދޭ ފަރާތްތަކާއި އަދި އޮޑިހަރުގެ އެޅުމަށް ބިންދެވިފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެއް ކައުންސިލް އިން ބަލަހައްޓަންވާނެއެވެ.

(3) އަލަށް އުޅަނދެއް ބަނުމަށް އޮޑިހަރުގެ އެޅުމަށް ބިންދޫކުރެވޭނީ ގިނަވެގެން 24 (ސައުވީސް) މަސްދުވަހުގެ މުއްދަތަށެވެ. މި މުއްދަތު ކަނޑައަޅާނީ މަސައްކަތުގެ ކުޑަ ބޮޑު މިނަށް ބަލައި ދާންދޫ ކައުންސިލް އިންނެވެ.

(4) ވިޔަފާރި އުޞޫލުން އޮޑިދޯނި ފަހަރު ބަނުމަށް ނުވަތަ ވިޔަފާރި އުޞޫލުން އޮޑިދޯނިފަހަރުތައް މަރާމާތު ކުރުމަށް އޮޑިހަރުގެ އަޅަން ބިންދޫކުރުމުގެ މުއްދަތު ކަނޑައަޅާނީ ބިމާއި ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތާއި ޚިލާފު ނުވާގޮތަށް ދާންދޫ ކައުންސިލް އިންނެވެ.

(5) ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމެއްގައި އޮޑިހަރުގެ އެޅުމަކީ މަނާކަމެކެވެ. އެއްވެސް ފަރާތަކުން މިފަދަ ޢަމަލެއް ކޮށްފިނަމަ އެކަމެއް އިސްލާޙު ކުރުމަށް ދާންދޫ ކައުންސިލް އިން ނަޞީޙަތްތެރި ވާނެއެވެ. މިގޮތުން ނަޞީޙަތްދީ އިސްލާޙުނުކޮށްފި ނަމަ އެފަރާތެއް 3000.00ރ (ތިންހާސް ރުފިޔާ) އިން ޖުރުމާނާ ކުރުމާއެކު އެ ހަރުގެއެއް ނެގުމަށް ދާންދޫ ކައުންސިލް އިން އެފަރާތަކަށް އެންގޭނެއެވެ.

(6) އޮޑިހަރުގެ އެޅުމަށް ވަކި ފަރާތަކަށް ދޫކޮށްފައިވާ ބިމެއް ދެވަނަ ފަހަރަށް އެފަރާތަށް ދޭންވާނީ ރަށުގެ އޮޑިހަރުގެ އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ރިއާޔަތްކޮށް އޮޑިހަރުގެ އެޅުމަށް އެހެންފަރާތަކުން އެދިފައި ނުވާނަމައެވެ. މި ގޮތުން ބޭނުންވާ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ އެފަރާތަކުން މި އުޞޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ބިމުގެ މުއްދަތު އިތުރު ކުރުމަށް ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 15 ދުވަހުގެ ކުރީން ލިޔުމުން އެކަން ދާންދޫ ކައުންސިލްގެ އިދާރާއަށް އަންގަންވާނެއެވެ.

(7) އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިމުގެ އެއްބަސްވުމެއް އެކުލަވާލަން ވާނެއެވެ. އަދި މިގޮތުން އެކުލަވާލެވޭ  އެއްބަސްވުމުގައި އޮޑިހަރުގެ ދޫކުރާ ބޭނުމާއި މުއްދަތު އޮންނަން ވާނެއެވެ. އަދި އޮޑިހަރުގޭގެ ބޮޑުމިން އަކަފޫޓޫން އޮންނަން ވާނެއެވެ.

(8) އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިން ޙަވާލުކުރެވޭ ފަރާތުގެ ފުރިހަމަ މަޢުލޫމާތު އޮޑިހަރުގެ އެޅުމަށް ބިމާއި ޙާވާލުވާ ފަރާތާއި ދާންދޫ ކައުންސިލް އާއި ދެމެދު ހެދޭ އެއްބަސްވުމުގައި ބަޔާން ކުރަން ވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާފައި ވާނަމަ އެ ފަރާތެއްގެ މަޢުލޫމާތުވެސް ބަޔާން ކުރަން ވާނެއެވެ.

(9) މި މާއްދާގެ (8) ވަނަ ނަންބަރު ގައި ބަޔާންކޮށްފައިވާ ފަދައިން އޮޑިހަރުގެ އެޅުމަށް ބިން ދޫކުރާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކާއި ދާންދޫ ކައުންސިލް އިން މުޢާމަލާތް ކުރާ ގޮތަށް ހަމަޖައްސާފައި ވާނަމަ އެކަން އެގޭނެ ޕަވަރ އޮފް އެޓަރނީއެއް އޮންނަން ވާނެއެވެ.

(10) އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިމުގެ ކުލި ނަގާނީ ދޫކުރެވޭ ބިމުގެ ނިސްބަތުން  ކޮންމެ މަހަކު އަކަފޫޓަކަށް 25/-ލާރި (ފަންސަވީސް ލާރި) ގެ ރޭޓުންނެވެ.

(11) މި އުޞޫލުގެ ދަށުން ނެގޭ ކުލި ދައްކަންވާނީ ދާންދޫ ކައުންސިލްގެ އިދާރާއަށެވެ. މިގޮތުން ނެގޭ ކުލި ދައްކަންވާނީ ފާއިތުވީ މަހުގެ ކުލި، ހިނގާމަހުގެ 10 ވަނަ ދުވަހުގެ ކުރިން ދައްކާ އުޞޫލުންނެވެ.

(12) އެއްވެސް ފަރާތަކަށް އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމެއް އޮޑިހަރުގެ އެޅުމަށް ވެވިފައިވާ އެއްބަސްވުމާއި ޚިލާފު ވެއްޖެނަމަ އެ ޚިލާފުވީ ކަމެއް ސާފުކޮށް ބަޔާންކޮށް އެކަން އިސްލާޙު ކުރުމަށް 30 ދުވަހުގެ މުހުލަތު ލިޔުމުން ދިނުމަށްފަހު އެކަން އެ މުއްދަތުގައި އިސްލާޙު ނުކޮށް އެއްފަހަރަށްވުރެ ގިނަ ފަހަރު އެކަން ތަކުރާރުކޮށްފި ނަމަ މި އެއްބަސްވުމާއި އަދި އޮޑިހަރުގެއާއި ބެހޭ ޤަވާޢިދު (ނަންބަރ: 2014-R/253) އާއި އަދި މިއުޞޫލާއި ޚިލާފުވީ ކަން ސަބަބާއެކު ބަޔާންކޮށް ލިޔުމުން އެންގުމަށްފަހު އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި ބިން ކުއްޔަށް ހިފި ފަރާތުން ބިން ވަކި ކުރުމުގެ އިޚްތިޔާރު ދާންދޫ ކައުންސިލަށް ލިބިގެންވެއެވެ.

(13) މި މާއްދާގެ (12) ވަނަ ނަންބަރުގައިވާ ފަދައިން ބިން ވަކި ކުރެވޭ އިރު އެބިން ސާފުކުރުމަށް ހިނގާ ޚަރަދު އެބިން ނަގާފައިވާ ފަރާތުން އަތުލުމުގެ ބާރު ދާންދޫ ކައުންސިލަށް ލިބިގެންވެއެވެ.

(14) އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ކުރެވޭނީ ހަމައެކަނި އެބިން ބޭނުން ކުރުމަށް އެދި ދާންދޫ ކައުންސިލަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވާ ބޭނުމަށެވެ. އަދި އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި އިތުރު އެހެން އެއްވެސް މަސައްކަތެއް ނުކުރެވޭއެވެ. އަދި އޮޑިހަރުގެ އެޅުމަށް ބިން ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި އެހެން ފަރާތަކަށް ބިން ބޭނުން ކުރުމުގެ ހުއްދަ ނުދެވޭނެ ކަމާއި އެއްވެސް ފަރާތެއްގެ ދާއިމީ ބިނާއެއް އެ ބިމުގައި ނުހެދޭނެކަން، ވެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

 

(15) މި މާއްދާގެ (4) ވަނަ ނަންބަރުގެ ދަށުން ދޫކުރެވޭ ބިން ފިޔަވައި އޮޑިހަރުގެ އެޅުމަށް ކުއްޔަށްދޫކުރެވޭ ބިމުގައި ދާއިމީ ބިނާއެއް ހަދައިގެން ނުވާނެއެވެ. އަދި އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ސަބަބަކާހެދި ދޫކޮށްލާނަމަ އެބިން ދާންދޫ ކައުންސިލް އާއި ހަވާލުކުރަންވާނީ ނުވަތަ ދޫކޮށްލަންވާނީ އެބިން ކުއްޔަށް ހަވާލުވެފައިވާ ފަރާތުން އެބިމުގައި އަޅާފައިވާ ހަރުގެ ނަގައި ބިން ސާފުކޮށްފައެވެ.

 

(16) އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން ކަނޑައެޅިފައިވާ މުއްދަތުގައި މި މާއްދާގެ (15)ވަނަ ނަންބަރުގައިވާ ފަދައިން ބިން ހަވާލުކޮށްފައި ނުވާނަމަ އެކުރި ކަމެއް އިސްލާޙު ކުރުމަށް އެންގުމާއެކު ފުރަތަމަ ފަހަރު 500.00ރ އިން ޖޫރިމަނާ ކުރުން، ދެވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 1000.00ރ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 3000.00ރ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000.00ރ އިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ދާންދޫ ކައުންސިލް އަށް ލިބިގެން ވެއެވެ. މިގޮތުން އޮޑި ހަރުގެ ނަގަން އަންގާތާ، 30 ދުވަހުގެ ތެރޭގައި ނުނަގައިފި ނަމަ، އޮޑި ހަރުގެ ދާންދޫ ކައުންސިލް އިން ނަގައި އެކަމަށް ދިޔަ ޚަރަދު ބިން ކުއްޔަށް ހިފި ފަރާތުން ހޯދުމުގެ ބާރު ދާންދޫ ކައުންސިލް އަށް ލިބިގެންވެއެވެ.

(17) މި މާއްދާގެ (15) ވަނަ ނަންބަރުގެ ދަށުން ބިން ހަވާލު ނުކުރާނަމަ ދެވިފައިވާ މުއްދަތަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް ބިން ދޫކުރެވިފައިވާ ކުލީގެ %1 (އެކެއް އިން ސައްތަ) ގެ ނިސްބަތުން ޖޫރިމަނާ ކުރެވޭނެއެވެ. މި ގޮތުން މުއްދަތު ހަމަވުމަށްފަހު އިތުރަށް ހިނގާ މުއްދަތު 3 މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ މި މާއްދާގެ 16ވަނަ ނަންބަރުގައިވާ ގޮތަށް ޢަމަލުކޮށް އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން ހުސްކުރުމުގެ ބާރާއި އިޚްތިޔާރު ދާންދޫ ކައުންސިލަށް ލިބިގެން ވެއެވެ.

 

(18) އޮޑިހަރުގެ އެޅުމަށް ބިމަށް އެދިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރަންވާނީ ބިން ބޭނުންވެގެން ހުށަހަޅާފައިވާ ފަރާތާއި ދާންދޫ ކައުންސިލް އާއި ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި ގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެފަރާތަކަށް ކަނޑައަޅާ ބިން އިންވަކިކޮށް ދައްކަންވާނެއެވެ. ބިމުގެ މުއްދަތު ގުނަންވާނީ ބިން ހަވާލުކުރި ދުވަހުން ފެށިގެންނެވެ. އެކަން ވެވޭ އެއްބަސްވުމުގައި ބަޔާން ކުރަންވާނެއެވެ.

 

(19) އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ގޮތަކަށް އެތާގެ އެތެރާއި ބޭރު ސާފުނުކޮށް ހުރެގެން ނުވާނެއެވެ. އަދި އޮޑިހަރުގެ ސާފުކޮށްފަ އުކާ ކުނި ނުވަތަ އެހެން ގޮތަކަށްވެސް އުކާލެވޭ ކުނި އުކަން ވާނީ ދާންދޫ ކައުންސިލް އިން ހަދައި ޢަމަލު ކުރަމުން އަންނަ، ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭއުޞޫލާއި، ޤަވާއިދާއި އެއްގޮތަށެވެ.

 

(20) މި އުޞޫލަށް ޢަމަލުކުރުމުގެ ކުރިން ހެދިފައިވާ އެއްބަސްވުން ވެވިފައިވާ މުއްދަތަށް އެބިމުގެ މުއްދަތު ދެމި އޮތްނަމަވެސް އަދި އެބިމަކީ ކުރިން ކުލި ނުހިގާގޮތަށް ދޫކުރެވިފައިވާ ބިމެއް ކަމުގައި ވީނަމަވެސް މި އުޞޫލަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން އެ ބިމެއްގެ ކުލި މި އުޞޫލުގައި ކަނޑައެޅިފައިވާ ގޮތަށް ނެގެން ފެށޭނެއެވެ. އަދި މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަނޑައެޅިފައިވާ ކުއްޔެއް މި އުޞޫލާއި އެއްގޮތަށް ރުޖޫޢު ކުރެވޭނެއެވެ. އަދި މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެބިމަކުން ނެގުމަށް ކަނޑައެޅިފައިވާ ބިމުގެ ކުލި މި އުޞޫލަށް އަމަލުކުރަން ފަށާ ތާރީޚާއި ހަމަޔަށް ދައްކަންވާނީ މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކަނޑައެޅިފައިވާ ރޭޓަކުންނެވެ.

 

(21) އޮޑި ހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް ފަރާތެއްގެ ދާއިމީ ބިނާއެއް ނުހެދޭނެއެވެ.

 

(22) އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ބިންދޫކުރެވުނު މުއްދަތުގައި ކުރެވޭނީ އޮޑި، ދޯނި ބަނުމުގެމަސައްކަތެވެ. މި މުއްދަތުގައި އެހެން ފަރާތެއްގެ އެއްވެސް ބޭނުމަކަށް އޮޑިހަރުގެ ދޫކޮށްގެން ނުވަތަ ދީހަދައިގެން ނުވާނެއެވެ.

 

(23) ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީން ބާރުލިބިގެން ހަދާފައިވާ އެއްވެސް ޤާނޫނަކުން ނުވަތަ ޤަވާއިދަކުން މަނާކުރެވިފައިވާ އެއްވެސް ބާވަތެއްގެ މަސައްކަތެއް، ނުވަތަ އަމަލެއް، އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ކުރުމަކީ މަނާކަމެކެވެ. މިހެންކަމުން މި ފަދަ އަމަލެއް ހިންގިކަމަށް މި އިދާރާއަށް ސާބިތުވެއްޖެނަމަ އޮޑިހަރުގެ އެޅުމަށް ބިން ދޫކުރެވިފައިވާ ޤަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތަކާއި މެދު އަމަލު ކުރެވޭނެއެވެ.

 

(24) އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިމުގައި މަސައްކަތް ކުރާ އިރު އާއްމު ރައްޔިތުންނަށް ދަތި އުދަނގޫ ނުވާގޮތަށާއި ޚާއްސަކޮށް ކުޑަކުދިންނާއި މުސްކުޅިންނަށް ގެއްލުން ނުވާ ފަދަ ރައްކާތެރި ގޮތަކަށް އޮޑިހަރުގެ ހަދާފައި ހުންނަން ވާނެއެވެ. އަދި އޮޑިހަރުގޭގެ ބޭރުގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

 

(25) އޮޑިދޯނި ފަހަރު ބަނުމަށް އޮޑިހަރުގެއަށް ގެންދާ ތަކެތި ބަހައްޓަންވާނީ އޮޑިހަރުގެ ތެރޭގައި އެވެ. އެއްވެސް ފަރާތަކުން ބަންނަމުންދާ އުޅަނދު ބަނުމަށް ގެންނަ ތަކެތި އޮޑިހަރުގެއިން ބޭރުގައި ބެހެއްޓުމަކީ މަނާކަމެވެ.

ޖޫރިމަނާ ފައިސާ ބަލައިގަތުން:4

(1) މި އުޞޫލާއި އަދި އޮޑިހަރުގެއާއި  ބެހޭ ނަންބަރ: 214/R-253 ޤަޥާޢިދާއި ޚިލާފުވެގެން ނެގޭ އެންމެހާ ޖޫރިމަނާފައިސާ ދައްކާނީ ދާންދޫ ކައުންސިލްގެ އިދާރާއަށެވެ. ޖޫރިމަނާ ފައިސާ ދާންދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމަށް ފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެމީހަކު ލިބިގަންނަންވާނެއެވެ.

(2) ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ދެވޭނެ މުއްދަތަކީ ޖޫރިމަނާ ކުރާ ދުވަހުން ފެށިގެން ރަސްމީ 7ދުވަހެވެ.

(3) އެއްވެސް ފަރާތަކަށް، ޖޫރިމަނާ ކޮށް ޗިޓު ހަވާލުކޮށްފިނަމަ ޖޫރިމަނާ ކުރިފަރާތަށް ޖޫރިމަނާ ޗިއްޓުގެ އަސްލު ހަވާލުކުރުމަށް ފަހު ޗިޓުގެ 1 ކޮޕީ ދާންދޫ ކައުންސިލްގެ އިދާރާގެ ފައިސާ އާއި ބެހޭ ބަޔަށް ހަވާލުކުރަން ވާނެއެވެ. އަދި އަނެއްކޮޕީ ދާންދޫ ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގައި އޮންނަންވާނެއެވެ.

(4) ޖޫރިމަނާ ޗިޓު އޮންނާނީ މި އުޞޫލުގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ނަމޫނާއާއި އެއްގޮތަށެވެ.

 

 

ޝަރީޢަތުން ބަދަލު ހޯދުން: 5

މި އުޞޫލާއި ޤަޥާޢިދާއި ޚިލާފުވެގެން ޖޫރިމަނާ ޗިޓް ލިބިފައިވާ ފަރާތުން ދާންދޫ ކައުންސިލަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، އެއްވެސް ޙާލަތެއްގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ކޯޓްގައި ދައުވާކޮށްގެން އެ ފައިސާ ދާންދޫ ކައުންސިލުން އެމީހެއްގެ އަތުން އެއްފަހަރާހޯދޭނެއެވެ.

އުޞޫލާއި އެއްގޮތަށް ޢަމަލުކުރުން: 6

ދާންދޫ ކައުންސިލުން ފާސްކޮށްގެން އިތުރު ވަކިގޮތެއް ނާންގާހާ ހިނދަކު ނުވަތަ މި އުޞޫލު ބާޠިލު ނުކުރާހާ ހިނދަކު މި އުޞޫލާއި އެއްގޮތަށް ދާންދޫގައި އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމާއި ބެހޭ ކަންކަން ކުރުވައި މި އުޞޫލާއި ޤަވާޢިދު ތަންފީޒް ކޮށް ނަގަހައްޓައި ހިންގަމުން ގެންދިއުން ދާންދޫގައި ޢަމަލަކުރަމުން އަންނަ އޮޑިހަރުގެއާއި  ބެހޭ ނަންބަރ: 214/R-253 ޤަޥާޢިދުގެ ދަށުން ދާންދޫ ކައުންސިލުގެ މައްޗަށް ލާޒިމުކުރެއެވެ.

އުޞޫލަށް ބަދަލު ގެނައުން: 7

މި އުޞޫލަށް ބަދަލު ގެނެވޭނީ ދާންދޫ ކައުންސިލުން ކަނޑައަޅާ ޤަވާޢިދު ކޮމިޓީ އިން ދިރާސާކޮށް ގެންނަންޖެހޭ ބަދަލެއް ދާންދޫ ކައުންސިލްގެ އާންމު ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.

21 ޖޫން 2017
ހޯދާ