އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކެމެރާ، ފޯން ފަދަ އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒުގެ ތެރެއަށް ވެއްދުމަކީ މަނާކަމެކެވެ.

އިޢުލާން

ސުޕްރީމް ކޯޓުގެ ނަންބަރު:    SC-C/42/ފ2013 ފ(07 އޮކްޓޫބަރ 2013 ) ޤަޟިއްޔާ އާ ގުޅޭގޮތުން ދަންނަވަމެވެ.

ވޯޓުލުމަށްޓަކައި ނުވަތަ އެނޫން ގޮތަކުން ވިޔަސް ވޯޓުލާ މަރުކަޒަށް ވަންނަ އެއްވެސް މީހަކު (އޮފިޝަލުން ހިމެނޭ ގޮތުން) ވޯޓުލާ މަރުކަޒަށް ފޯނާއި، އަތްދަބަހާއި، ފައިލްފަދަ ކެންޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަމެއް ލިބިދާނެކަމަކަށް ބެލެވޭ އެނޫންވެސް އެފަދަ ވަޞީލަތެއް (ގަލަން ފިޔަވައި) ވެއްދުމަކީ މަނާކަމެއްކަމަށް ހަމަޖެއްސުމާއެކު އެފަދަ ޢަމަލެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަތީގައިވާ ޤަޟިއްޔާ ގައި ވަނީ ބަޔާންކޮށްފައެވެ.

ވީމާ އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންވެސް މި ޙުކުމާ އެއްގޮތަށް ޢަމަލުކުރެއްވުން އެދެމެވެ. މިގޮތަށް އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ވެސް ގަލަން ފިޔަވައި އެހެން އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒުގެ ތެރެއަށް ނުވެއްދުމާއި، މޮނިޓަރުންވެސް މަރުކަޒުގެ ތެރޭގައި ވޯޓުނަގާ ގުނާއިރު ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމަކީ މި ޙުކުމާ ޚިލާފު ކަމެއް ކަމުގައި ދެންނެވީމެވެ.

ހަމައެހެންމެ އެއްވެސް މޮނިޓަރަކަށް ކެމެރާ، ފޯން ފަދަ އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒުގެ ތެރެއަށް ވެއްދުމަކީ މަނާކަމެކެވެ.

ނަމަވެސް ވޯޓުލާ ސަރަޙައްދުން ބޭރުގައި މިތަކެތީގެ ބޭނުން ކުރެވިދާނެ ވާހަކަވެސް ދެންނެވީމެވެ.

5 ޛުލްޙިއްޖާ 1434

10 އޮކްޓޫބަރު 2013
ހޯދާ