އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ހުރި އަމިއްލަ މީހުންގެ ރުއްތައް އަލުން ރަޖިސްޓްރީ ކުރުން

މި އިދާރާގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ މީހުންގެ ރުއްގަހުގެ ރަޖިސްޓްރީއަށް ވަނީ ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ބަދަލުތައް އައިސްފައިވާ މައިގަޑު ސަބަބަކީ؛ ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހުގެ ތެރެއިން، އެއްވެސް ފަރާތަކުން އެފަރާތުގެ ރުކެއް ނުވަތަ ގަހެއް ކެނޑިކަމުވީނަމަވެސް ނުވަތަ އެހެން މީހަކަށް ދިންކަމުގައިވީނަމަވެސް ނުވަތަ އެ ރުކެއް/ގަހެއް ވެއްޓުނުކަމުގައިވީނަމަވެސް އެކަން މި އިދާރާއަށް އަންގާފައިނުވުމެވެ. މިއިން ސަބަބަކާހުރެ އުނިވާ ރުއް/ގަސް، އުނިވިކަން މި އިދާރާއަށް އަންގާފައިނުވާނަމަ، މި އިދާރާގައިވާ ރުއްގަހުގެ ރަޖިސްޓްރީގައި އެރުކެއް ނުވަތަ ގަހެއް ހުރިކަމުގައި ދައްކާނެއެވެ.  

މި އިދާރާގައިވާ ރުއްގަހުގެ ރަޖިސްޓްރީން ބައެއް ގޭގޭގެ ނަމުގައި 70 ރުއް، ބައެއްގޭގޭގެ ނަމުގައި 60 ރުއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މިހާރުވެސް އެބަ ދައްކައެވެ. ނަމަވެސް މިގޭގޭގައި މިހާރު މިވަރަށް ރުއް ނުހުންނާނެކަމަށް މި އިދާރާއަށް މަޢުލޫމަތު ލިބިފައިވެ އެވެ.

މިހާރު މި އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހުގެ ރަޖިސްޓްރީގައިވާ މަޢުލޫމާތަކީ އެންމެ ރަގަޅު މަޢުލޫމާތު ކަމަށް ނުފެންނާތީ، އެ ރަޖިސްޓްރީ ބާޠިލްކޮށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ގޯތިން ބޭރުގައިހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަސް އަލުން ރަޖިސްޓްރީ ކުރުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ ރުއްގަހާބެހޭ މަޢުލޫމާތު، ރުއް ހުރިތަނާއި، އެއީ އެފަރާތެއްގެ ރުކެއް ނުވަތަ ގަހެއްކަން ދަންނާނެ 2 ހެކިންގެ ނަމާއެކު ލިޔުމަކުން، 2017 ޖުލައި 13 ވަނަ ދުވަހުގެ 2:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިނުވާ، ގޯތިން ބޭރުގައިވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސްކަމުގައިބަލާ، ރައްޔިތުންގެ ތަކެތީގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

ގޯތިން ބޭރުގައިހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަސް އަލުން ރަޖިސްޓްރީ ކުރުމަށް، މި އިދާރާގެ ނަންބަރު: (IUL)347/347/2017/02 އިޢުލާނުންވެސް 05 ޖެނުއަރީ 2017 ގައި އާއްމުކޮށް އެންގިފައިވެއެވެ.

29 މޭ 2017
ހޯދާ