އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށްރަޖިސްޓަރީ ކުރުން

އިޢުލާން

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށްރަޖިސްޓަރީ ކުރުން

2017 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ހުޅުމާލެއާއި، ވިލިނގިލީގައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2016 ނޮވެންބަރު 16 ވާ ބުދަ ދުވަހުން ފެށިގެން 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިކަމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2016 ގެ ޖަދުވަލު 4 ގައިވާ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ވިލިނގިއްޔާއި، ހުޅުމާލޭގައި ގާއިމުކުރެވިފައިވާ މޯބައިލް ސްޓޭޝަންތަކުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހުޅުމާލޭގައިނަމަ ހުޅުމާލޭ ފެރީ ޓާރމިނަލުންނާއި، ވިލިނގިލީގައި ނަމަ ވިލިނގިލީ ފެރީ ޓާރމިނަލުންނެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެ ފޯމު ހިފައިގެން އަންނަ މީހާ އެ ފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

މޯބައިލް ސްޓޭޝަންތަކުގައި ފޯމު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 16 ވާ ބުދަ ދުވަހުން ފެށިގެން 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޞަފަރު  1438

15 ނޮވެންބަރު 2016
ހޯދާ