ދިވެހިރާއްޖެ
ރާއްޖޭގެ ރީބްރޯޑްކާސްޓް ނެޓްވާކްތަކުގައި ދިވެހި ޗެނެލްތައް ހިމެނުން
ރާއްޖޭގެ ގިނަ ރަށްރަށުގައި އޮޕަރޭޓްކުރަމުންދާ ރީބްރޯޑްކާސްޓް ނެޓްވާކްތަކުގައި ބައެއް ދިވެހި ޗެނަލްތައް ނުހިމަނައި ހުންނަކަމުގެ ޝަކުވާއާއި އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި މަސްލަހަތު ގެއްލެމުންދާ ކަމަށް މި ކޮމިޝަނަށް މަޢުލޫމާތު ލިބެމުންދެއެވެ.
އެނގިވަޑައިގެންފައިވާނޭ ފަދައިން، ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެވޭނޭ ގޮތް ހަމަޖައްސައިދިނުމާއި ތަފާތު ބާވަތްތަކުގެ ޚިޔާލުތަކާއި ތަފާތު ވިސްނުންތަކަށް ފުރުޞަތު ލިބޭނޭ ގޮތް ހަމަޖައްސައިދިނުމަކީ ޤާނޫނު ނަމްބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، މި ދެންނެވި މަޤުޞަދު ހާސިލުކުރުމަށް، ރީބްރޯޑްކާސްޓްކުރާ ނެޓްވާކްތަކުގައި ވީހާ ގިނަ ދިވެހި ޗެނެލްތައް ހިމެނުމަށް ރީބްރޯޑްކާސްޓަރުން ސަމާލުކަން ދިނުމަކީ މި ކޮމިޝަންގެ އެދުމެކެވެ.
މަޢުލޫމާތު ލިބިގަތުމުގެ ދޮރު ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ހުޅުވިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ. އަދި އެ މީހަކު ބަލަން ބޭނުންވާ ޗެނަލެއް މިނިވަންކަމާއެކު ޚިޔާރުކުރުމުގެ ފުރުޞަތު އެ މީހަކަށް ލިބިފައި އޮތުމަކީ ޚަބަރާއި މައުލޫމާތު އެންމެ ފުޅާ ދާއިރާއެއްގައި ލިބިގަތުމުގެ ޙައްޤު ކަށަވަރުވެގެންދާނޭ ކަމެއް ކަމުގައިވެސް މި ކޮމިޝަނުން ދެކެމެވެ.
ވީމާ، ރީބްރޯޑްކާސްޓަރުންގެ ނެޓްވާކްތަކުގައި ހުރިހާ ދިވެހި ޗެނެލްތައް ވެސް ހިމެނުމަށް މަސައްކަތްކުރުމަށާއި އަދި ވަކިން ޚާއްޞަކޮށް ރައްޔިތުން ބަލަން ބޭނުންވާ ޗެނެލްތައް ހިމެނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.
25 ޝައްވާލް 1434