ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމަށް އިތުރު ފުރުޞަތު ހުޅުވާލުން
ޤާނޫނު ނަންބަރު 15/2008 މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު 2016 ޑިސެންބަރު 2 ގެ ނިޔަލަށް ހަމަވާތީ، މި ކައުންސިލަށް މެންބަރުން ޢައްޔަންކުރުމަށް ބޭނުންވެއެވެ. މި ކައުންސިލުގައި މީޑިއާގެ 7 (ހަތެއް) މެންބަރުންނާއި، އާންމުންގެ 6 (ހައެއް) މެންބަރުން ހިމެނޭނެއެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.
(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(އ) މުޖްތަމަޢު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.
(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް، މަޖައްލާއެއްގައި އެ މީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރ ކަނޑައަޅުއްވާ ނަމުގެ ތެރޭގައި ތިރީގައި މިދަންނަވާ ބައިތަކަށް އިސްކަންދެވޭނެއެވެ.
- ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހިބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާޢީ ސައިންސަސްގެ ދާއިރާއަކުން މަތީ ތަޢްލީމު ހާސިލުކޮށްފައިވުން.
- އިޖްތިމާޢީ ތަރައްޤީއާއި ދުޅަހެޔޮކަންް (ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން).
ވީމާ، މީޑިއާކައުންސިލްގެ މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 16 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޮޓޯއާއި ވަނަވަރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި ކުށުގެ ރެކޯޑްގެ ކޮޕީއަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މީޑިއާގެ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ މީޑިއާތަކުންނެވެ. މިގޮތުން ކެންޑިޑޭޓުން ހުށަހަޅާ ކޮންމެ މީޑިއާއަކުންވެސް އެ މީޑިއާއަކުން ހުށަހަޅާ ކެންޑިޑޭޓްގެ ވަނަވަރު އެނގޭގޮތަށް ހުށަހަޅުއްވަންވާނެއެވެ.
އަދި ދަންނަވަމެވެ. މީގެކުރިން މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި، މި މިނިސްޓްރީ ގެ އިޢުލާނު ނަންބަރު: (IUL)10-M/10/2016/18 އިޢުލާނާ ގުޅިގެން މެންބަރުކަމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން މި އިޢުލާނުގައިވާ ގޮތުގެ މަތިން އަލުން މެންބަރުކަމަށް އެދި ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.
09 ޞަފަރު 1438