ދިވެހިރާއްޖެ
މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް: މުދާ ނުވަތަ ޚިދުމަތް ލިިބިގަންނަ ފަރާތުން އެ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތަށް އަދާކުރާ މުޤާބިލުން ބައެއް އުނިކުރާ ހާލަތުގައި ޖީ.އެސް.ޓީއަށް އަންނަ ބަދަލު
މިއީ ޤާނޫނު ނަންބަރު 14/2011މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު( ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެވަނީ ޤާނޫނު ނަންބަރު 10/2011)މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގައި ތަފުސީލުކޮށްދީފައިވާނީ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭ ފަރާތަކުން ވެފައިވާ ކޮންޓްރެކްޓަކާ ޚިލާފުވުމުގެ ސަބަބުން، އެ މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުން އަދާކުރާ މުޤާބިލުން ބައެއް އުނިކުރާ ހާލަތުގައި އެ މުއާމަލާތުން، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) ހިސާބުކުރާނެ ގޮތެވެ.
ރޫލިންގ
2. މި ރޫލިންގ ރައްދުވާނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ހާލަތުތަކުގައެވެ.
(ހ) ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ("މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތް") އެހެން ފަރާތަކާއެކު ("މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތް") މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދިނުމަށް ކޮންޓްރެކްޓެއް ހަދައިފައިވުން؛ އަދި
(ށ) މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތުން އެ ކޮންޓްރެކްޓުގައިވާ ކަމަކާ ޚިލާފުވެއްޖެނަމަ، އެ ކޮންޓްރެކްޓުގެ ދަށުން އެ ފަރާތަށް ލިބެންޖެހޭ މުޤާބިލުން، ކަނޑައަޅައިފައިވާ ވަކި އަދަދެއް، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތަށް އުނިކުރެވިދާނެ ކަމަށް އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވުން؛ އަދި
(ނ) މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތުން އެ ކޮންޓްރެކްޓާ ޚިލާފުވުން؛ އަދި
(ރ) މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތަށް އަދާކުރާ މުޤާބިލުން އަދަދެއް އުނިކުރުމަށް މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުން އިޚްތިޔާރުކުރުން.
3. މި ރޫލިންގގެ 2 ވަނަ ޕެރެގްރާފްގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުން އަދަދެއް އުނިކުރާއިރު:
(ހ) މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތުން މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތަށް ޓެކްސް އިންވޮއިސްއެއް ދޫކޮށްފައިނުވާނަމަ، މި ރޫލިންގގެ 2 ވަނަ ޕެރެގްރާފުގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދު އުނިކުރުމުން އަންނަ އަދަދަކީ އެ މުދަލުގެ ނުވަތަ ޚިދުމަތުގެ ޖީ.އެސް.ޓީ ނުހިމަނާ އަގު ކަމަށް ބަޔާންކޮށް، ޤާނޫނުގެ 41 ވަނަ މާއްދާ އާއި 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތުން މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތަށް ޓެކްސް އިންވޮއިސްއެއް ދޫކުރަންވާނެއެވެ.
(ށ) މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތުން މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތަށް ޓެކްސް އިންވޮއިސްއެއް ދޫކޮށްފައިވާނަމަ، ޤާނޫނުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތުން މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތަށް ކްރެޑިޓް ނޯޓެއް ދޫކުރަންވާނެއެވެ.
މިސާލު 1 ސަޕްލަޔަރ ޕްރައިވެޓް ލިމިޓެޑް ("ސަޕްލަޔަރ") އިން ކަސްޓަމަރ ޕްރައިވެޓް ލިމިޓެޑް ("ކަސްޓަމަރ") އަށް، 25,000 ރުފިޔާގެ އަގަކަށް ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތެއް ކޮށްދިނުމަށް އެއްބަސްވެއެވެ. މި ދެ ކުންފުނި ވެސް ވަނީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައެވެ. މި ދެ ކުންފުނީގެ މެދުގައި ވެފައިވާ ކޮންޓްރެކްޓުގައި، ކަސްޓަމަރއިން ޖީ.އެސް.ޓީގެ %6 (1,500 ރުފިޔާ) ސަޕްލަޔަރއަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި ކޮންޓްރެކްޓުގެ ދަށުން ކަސްޓަމަރއިން ސަޕްލަޔަރއަށް އަދާކުރަންޖެހޭ މުޤާބިލުގެ ޖުމުލައަކީ 26,500 ރުފިޔާއެވެ. ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް 10 ދުވަހުގެ ތެރޭގައި ސަޕްލަޔަރއިން ނުނިންމައިފިނަމަ، ކަސްޓަމަރއިން ސަޕްލަޔަރއަށް އަދާކުރާ މުޤާބިލުން %5 އުނިކުރެވިދާނެ ކަމަށް އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވެއެވެ. ސަޕްލަޔަރއަށް އެ މަސައްކަތް ނިންމުނީ 13 ދުވަހުގެ ތެރޭގައެވެ. އެހެންކަމުން، ކޮންޓްރެކްޓުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން، ސަޕްލަޔަރއަށް އަދާކުރާ މުޤާބިލުން %5، ކަސްޓަމަރއިން އުނިކުރިއެވެ. އޭރު ސަޕްލަޔަރއިން މި މުއާމަލާތަށް ޓެކްސް އިންވޮއިސްއެއް ދޫކޮށްފައެއް ނުވެއެވެ. ސަޕްލަޔަރއާ ގުޅޭ ކަންކަން އެ ޚިދުމަތުގެ ޖީ.އެސް.ޓީ ނުހިމަނާ އަގުގެ ގޮތުގައި 23,750 ރުފިޔާ (%5 އުނިކުރުމުން އަންނަ އަދަދު) އާއި ޖީ.އެސް.ޓީގެ ގޮތުގައި 1,425 ރުފިޔާ (23,750 ރުފިޔާގެ %6) އަދި އެ ޚިދުމަތުގެ އަގަކީ ޖީ.އެސް.ޓީއާއެކު 25,175 ރުފިޔާ ކަން އެނގޭނެހެން ސަޕްލަޔަރއިން ކަސްޓަމަރއަށް ޓެކްސް އިންވޮއިސްއެއް ދޫކުރަންވާނެއެވެ. މި މުއާމަލާތުގެ ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ބައްދަލުވާ ޓެކްސް ނެގޭ މުއްދަތު ނިމިގެން ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް، މި މުއާމަލާތުގެ ޖީ.އެސް.ޓީ ކަމަށްވާ 1,425 ރުފިޔާ، ސަޕްލަޔަރއިން މީރާއަށް ދައްކަންވާނެއެވެ. ކަސްޓަމަރއާ ގުޅޭ ކަންކަން ކަސްޓަމަރއިން 25,000 ރުފިޔާގެ %5 އުނިކުރާނީއެވެ. އެހެންކަމުން ކަސްޓަމަރއިން ސަޕްލަޔަރއަށް ޖީ.އެސް.ޓީ ނުހިމަނައި ދައްކަންޖެހޭ އަދަދަކީ 23,750 ރުފިޔާއެވެ. އަދި ކަސްޓަމަރއިން ސަޕްލަޔަރއަށް ޖީ.އެސް.ޓީއާއެކު އަދާކުރަންޖެހޭ މުޤާބިލަކީ 25,175 ރުފިޔާއެވެ. ކަސްޓަމަރއިން ސަޕްލަޔަރއަށް ޖީ.އެސް.ޓީގެ ގޮތުގައި ދެއްކި 1,425 ރުފިޔާ، ކަސްޓަމަރއަށް އިންޕުޓް ޓެކުހުގެ ގޮތުގައި އުނިކުރެވޭނެއެވެ. |
މިސާލު 2 މިސާލު 1 ގައި ބަޔާންކޮށްފައިވާ ކަންކަން ހަމަ އެ ގޮތުގައި ހުރި ކަމަށް ބަލާށެވެ. ނަމަވެސް ކަސްޓަމަރއިން %5 އުނިކުރުމަށްފަހު ސަޕްލަޔަރއަށް ފައިސާ ދައްކާއިރު، ފުރަތަމަ އެއްބަސްވެފައިވާ ފަދައިން ޖީ.އެސް.ޓީ ނުހިމަނައި 25,000 ރުފިޔާގެ ޓެކްސް އިންވޮއިސްއެއް ސަޕްލަޔަރއިން ކަސްޓަމަރއަށް ދޫކޮށްފައިވާ ކަމަށް ބަލާށެވެ. ސަޕްލަޔަރއާ ގުޅޭ ކަންކަން ސަޕްލަޔަރއިން ކަސްޓަމަރއަށް ދޫކޮށްފައިވާ ޓެކްސް އިންވޮއިސްގައި، ޚިދުމަތުގެ އަގަކީ ޖީ.އެސް.ޓީ ނުހިމަނައި 25,000 ރުފިޔާ ކަމަށާއި ޖީ.އެސް.ޓީއަކީ 1,500 ރުފިޔާ (25,000 ރުފިޔާގެ %6) ކަމަށް އަދި ޖީ.އެސް.ޓީއާއެކު އެ ޚިދުމަތުގެ އަގަކީ 26,500 ރުފިޔާ ކަމަށް ބަޔާންކޮށްފައިވެއެވެ. މި މުއާމަލާތުގެ ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ބައްދަލުވާ ޓެކްސް ނެގޭ މުއްދަތު ނިމިގެން ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް، މި މުއާމަލާތުގެ ޖީ.އެސް.ޓީ ކަމަށްވާ 1,500 ރުފިޔާ، ސަޕްލަޔަރއިން މީރާއަށް ދައްކަންވާނެއެވެ. ކަސްޓަމަރއިން މި މުއާމަލާތުގެ އަގުން %5 އުނިކޮށްފައިވާތީ، ސަޕްލަޔަރއިން ދޫކޮށްފައިވާ ޓެކްސް އިންވޮއިސްގައި އެ މުއާމަލާތުގެ އަގުގެ ގޮތުގައި ޖީ.އެސް.ޓީ ނުހިމަނައި ބަޔާންކޮށްފައިވާ އަގު މިހާރު ޞައްޙައެއް ނުވާނެއެވެ. އެހެންކަމުން ސަޕްލަޔަރއިން ޤާނޫނުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރއަށް ކްރެޑިޓް ނޯޓެއް ދޫކުރަންވާނެއެވެ. މި ކްރެޑިޓް ނޯޓުގައި، ކްރެޑިޓް ނޯޓެއްގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ އިތުރުން، އެ ނޯޓު ދޫކުރަން ޖެހުނު ސަބަބާއި ޓެކްސް އިންވޮއިސްގައި ހިމަނައިފައިވާ ޖީ.އެސް.ޓީގެ އަދަދު (1,500 ރުފިޔާ) އާއި މި މުއާމަލާތުގެ ޖީ.އެސް.ޓީ ނުހިމަނާ އަގު ބަދަލުވުމުން ހިސާބުކުރެވުނު ޖީ.އެސް.ޓީގެ އަދަދު (23,750 ރުފިޔާގެ %6 ކަމަށްވާ 1,425 ރުފިޔާ) އަދި ޖީ.އެސް.ޓީގެ މި ދެ އަދަދުގެ ދެމެދުގައިވާ ފަރަގު (1,500 ރުފިޔާއިން 1,425 ރުފިޔާ އުނިކުރުމުން އަންނަ އަދަދު ކަމަށްވާ 75 ރުފިޔާ) ބަޔާންކުރަންވާނެއެވެ. ސަޕްލަޔަރއިން ކަސްޓަމަރއަށް ކްރެޑިޓް ނޯޓް ދޫކުރާ ޓެކްސް ނެގޭ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާނުގެ "އުނިއިތުރުކުރުން" މި އައިޓަމްގެ ދަށުން މި 75 ރުފިޔާ އުނިކުރެވިދާނެއެވެ. އެހެންކަމުން، ސަޕްލަޔަރއިން މީރާއަށް ދައްކަންޖެހޭ އައުޓްޕުޓް ޓެކުހުގެ ޖުމުލައަކަށްވާނީ 1,425 ރުފިޔާ (1,500 ރުފިޔާއިން 75 ރުފިޔާ އުނިކުރުމުން އަންނަ އަދަދު) އެވެ. ކަސްޓަމަރއާ ގުޅޭ ކަންކަން ކަސްޓަމަރއިން 25,000 ރުފިޔާގެ %5 އުނިކުރާނީއެވެ. އެހެންކަމުން ކަސްޓަމަރއިން ސަޕްލަޔަރއަށް ޖީ.އެސް.ޓީ ނުހިމަނައި ދައްކަންޖެހޭ އަދަދަކީ 23,750 ރުފިޔާއެވެ. އަދި ކަސްޓަމަރއިން ސަޕްލަޔަރއަށް ޖީ.އެސް.ޓީއާއެކު އަދާކުރި މުޤާބިލަކީ 25,175 ރުފިޔާއެވެ. ކަސްޓަމަރއިން ސަޕްލަޔަރއަށް ޖީ.އެސް.ޓީގެ ގޮތުގައި ދެއްކި 1,500 ރުފިޔާ، ކަސްޓަމަރއަށް އިންޕުޓް ޓެކުހުގެ ގޮތުގައި އުނިކުރެވޭނެއެވެ. ސަޕްލަޔަރއިން ކަސްޓަމަރއަށް ކްރެޑިޓް ނޯޓް ފޮނުވި ޓެކްސް ނެގޭ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާނުގެ "އުނިއިތުރުކުރުން" މި އައިޓަމްގެ ދަށުން މި 75 ރުފިޔާ އިތުރުކުރަންވާނެއެވެ. އެހެންކަމުން، ކަސްޓަމަރއަށް އިންޕުޓް ޓެކުހުގެ ގޮތުގައި އުނިކުރެވޭ ޖުމުލަ އަދަދަކީ 1,425 ރުފިޔާ (1,500 ރުފިޔާއިން 75 ރުފިޔާ އުނިކުރުމުން އަންނަ އަދަދު) އެވެ. |
ޢަމަލުކުރަން ފެށުން
4. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.