ދިވެހިރާއްޖެ
އިޢުލާން
ޒުވާނުންގެ ޤައުމީ އިނާމު 2016
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ނޮވެންބަރުމަހުގެ 17 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖެހިފައެވެ. މިއަހަރު ޒުވާނުންގެ ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 10 ދާއިރާއަކުންނެވެ. މީގެ އިތުރުން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާ ދިނުމަށްވަނީ ހަމަޖެހިފައެވެ. ޒުވާނުންގެ ޤައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގިދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
ޒުވާނުންގެ އިނާމަށް ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި، ސެޓްފިކެޓާއި، -/25,000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެއެވެ.
ވީމާ، މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ މާލޭގައި ނަމަ މާފަންނު ޔޫތު ސެންޓަރ (ސޯޝަލް ސެންޓަރ) އަށާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، ވެލާނާގޭ 3 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30 އިން މެންދުރުފަހު 13:30 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން ރަށު ކައުންސިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު 29 ސެޕްޓެންބަރު 2016 މި ތާރީޚުން ފެށިގެން އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.
28 ޛުލްޙިއްޖާ 1437