މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުމާ ބެހޭ

އިޢުލާން

ދިވެހިރާއްޖޭގެ ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުމާ ބެހޭ

ދިވެހިރާއްޖޭގެ ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުމުގެ ހުއްދައަށް އެދި ބައެއް ފަރާތްތަކުން މި އޮތޯރިޓީއަށް ހުށަހަޅަމުންދާތީ ދަންނަވަމެވެ.

ދުނިޔޭގެ މާކެޓުގައި ލިބެން ހުރި ކަރަންޓު ކޭބަލާއި ނަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގެ ކަރަންޓުގެ ނިޒާމުތަކުގައި ބޭނުންކުރަން އެންމެ ރަނގަޅު ބާވަތަކާ ގުޅޭގޮތުން މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތަށް ބަލާއިރު ފާހަގަކުރެވިފައި ވަނީ، ދިވެހިރާއްޖޭގައި ބޭނުންކުރުން އެންމެ ރަނގަޅީ ކޮޕަރކޭބަލް ކަމުގައެވެ.

މި އޮތޯރިޓީން ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ މާހައުލުގައި ލޮނުގެ އަސަރު މަތިވުމުގެ ސަބަބުން ކޮޕަރ ކޭބަލްއާ އަޅާ ބަލާއިރު އެލުމިނިއަމް ކޭބަލް މާއަވަހަށް ހަލާކުވާތީ، އެލުމިނިއަމް ކޭބަލްގެ މެއިންޓަނަންސް މަސައްކަތްތައް އަވަސް އަވަހަށް ކުރަންޖެހެއެވެ. މި ވަގުތު ރާއްޖޭގެ ހާލަތައް ބަލާއިރު އެލުމިނިއަމް ކޭބަލްގެ މެއިންޓަނަންސަށް ކުރަންޖެހޭ ކަންކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެހިފައި ނުހުންނަކަން ފާހަގަކުރެވެއެވެ. ވީމާ، އެލުމިނިއަމް ކޭބަލް ބޭނުންކޮށްފައިވާ ކަރަންޓުގެ ނިޒާމުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވެއެވެ. 

މިކަންކަމާ ގުޅިގެން ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލާއި ނަރު ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް 2010 މާރިޗު 29 ވަނަ ދުވަހު، މި އޮތޯރިޓީގެ ގަވަރނިންގ ބޯޑުން ވަނީ ނިންމަވާފައެވެ.  ވީމާ، މިހާރުވެސް މި އޮތޯރިޓީން ޢަމަލުކުރަމުން މި ގެންދަނީ ގަވަރނިންގ ބޯޑުގެ އެ ނިންމެވުމާ އެއްގޮތަށް ކަމަށްވުމާއެކު ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލާއި ނަރު ބޭނުންކުރުމުގެ ހުއްދަ މި އޮތޯރިޓީން ދިނުމަށް ހަމަޖެހިފައި ނުވާކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ. އަދި ދިވެހިރާއްޖޭގައި ދެވޭ ކަރަންޓުގެ ޚިދުމަތަކީ މުދަލާއި ފުރާނައިގެ ސަލާމަތާއި ރައްކާތެރިކަން އެންމެރަނގަޅަށް ޔަގީން ކުރެވިގެން ދެވޭ ޚިދުމަތެއްކަމުގައި ހެދުމަށް މިކަމާގުޅޭ ހުރިހާފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

20 ޛުލްޙިއްޖާ 1437

23 ސެޕްޓެންބަރު 2016
ހޯދާ