ދިވެހިރާއްޖެ
ނޫސް ބަޔާން
ފިޠުރު ޒަކާތް ނެގުމާ ބެހޭ
ފިޠުރު ޒަކާތް ފައިސާއިން ނެގުމަކީ ހުއްދަނޫން ކަމެއްކަމުގައި ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ވާހަކަތަކަކީ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފިޠުރު ޒަކާތް ނަގަމުން ގެންދާ ގޮތާ މެދު ޝައްކު އުފައްދަން ކުރަމުންދާ މަސައްކަތެކެވެ.
"ފިޠުރު ޒަކާތް ދައްކަންޖެހޭނީ ގޮވާމުންތޯ ނުވަތަ ނަގުދު ފައިސާއިންތޯ"؛ މިކަމާ ގުޅިގެން ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ފެނި ސާބިތުވާން އޮތް ދެ ގޮތްވެސް ޞައްޙައެވެ.
ފިޠްރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި އާންމުގޮތެއްގައި ކައި އުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާއެކެވެ. އެއީ ހަތަރު މުއްދެވެ. މުއްދަކީ ދެ އަތްގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކިބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވާނެއެވެ. އެހެންކަމުން ޞާޢެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަޑަކަށް 2.4 ކިލޯގްރާމްއެވެ.
އެބަޔަކު އާންމުގޮތެއްގައި ކައި އުޅޭ ގޮވާމުގެ ބާވަތުން ފިޠުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެ މިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިޠުރު ޒަކާތް ދެއްކުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި އިސްލާމީ ދުނިޔޭގެ އެތަކެއް ޢިލްމުވެރިން ފަތުވާ ދެއްވާފައިވުމާއެކު ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ސަރުކާރުން ޢަމަލުކުރަމުން ގެންދިޔައީ އެގޮތުގެ މަތީންނެވެ.
ފިތުރު ޒަކާތަށް ނަގާ ފައިސާވިޔަސް ނުވަތަ އެބަޔަކު އާންމުގޮތެއްގައި ކައި އުޅޭ ގޮވާންވިޔަސް މި ދެ ގޮތުގެވެސް ބޭނުމަކީ ފަގީރުމީހާއަށް އެއިން ފުދުންތެރިކަމެއް ލިއްބައިދިނުމެވެ. ބައެއް ޢިލްމުވެރިން ބުރަވެވަޑައިގެންފައި ވަނީ ނަގުދު ފައިސާ ގޮވާމަށްވުރެ ރަނގަޅުކަމުގައެވެ. ސަބަބަކީ ފައިސާއިން ފަގީރުމީހާގެ ބޭނުންތައް ފުއްދޭނެތީއެވެ. ބޭނުންވާ އެއްޗެއް އެފައިސާއިން ގަނެވޭނެތީއެވެ.
ފިޠުރު ޒަކާތް ގޮވާމުން ދެއްކުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.
ބަލައިގަންނަ ގަޑި: ހެނދުނު 10:30 ން 14:00 އަށް
ތަން: ކުރީގެ ދަރުވަންތަ ސްކޫލް .
ވަދެނިކުތުން: މެދުޒިޔާތް މަގު ދޮރާށިންނާއި އަމީރު އަޙްމަދު މަގު ދޮރާށިން