މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ ރާއްޖެ ގެނައުމާބެހޭ

އިޢުލާން

ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މިނިސްޓްރީގެ ޚާއްޞަ ހުއްދައެއް ލިޔުމަކުން ލިބިގެންނޫނީ ދިވެހިރާއްޖެއަށް ގެނައުން މަނާކުރެވިފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތްބާވަތުގެ ވިހަ، ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މި މިނިސްޓްރީއިން ދޫކުރަނީ އެ އެއްޗެއް ބޭނުންކޮށް ގެންގުޅެ އަދި ގުދަންކުރާ ފަރާތުން މި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް، އެ ގުދަން ހެދުމުންނެވެ. ނަމަވެސް، ބައެއް ފަރާތްތަކުން މި މިނިސްޓްރީގެ ހުއްދަ ނުލިބެނީސް ނުރައްކާތެރި ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތްބާވަތުގެ ވިހަ، ރާއްޖެ ގެންނަކަން ދަނީ ފާހަގަކުރެވެމުންނެވެ.

ނުރައްކާތެރި ކެމިކަލް، ރާއްޖެއަށް އެތެރެކުރަން ބޭނުންވާ ފަރާތްތަކުން އެފަދަ ތަކެތި ރާއްޖެއަށް ގެންނަން ވާނީ، އެ ތަކެތި ރާއްޖެއަށް ގެނައުމުގެ ކުރިން ހުއްދަ ހޯދުމަށް މި މިނިސްޓްރީއަށް ހުށަހަޅައި މި މިނިސްޓްރީން އެކަމުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. މި ހުއްދައަށް އެދި ހުށަހަޅާނީ "ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމު" އިންނެވެ. އަދި މިފަދަ ތަކެތި އެތެރެކުރުމުގެ ހުއްދަދެވޭނީ، އެ ތަކެތި ގުދަންކުރާ ތަން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކެމިކަލް ރައްކާކުރާ ގުދަންތައް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅުއްވާނީ "ކެމިކަލް ރައްކާކުރާ ގުދަނުގެ ހުއްދައަށް އެދޭ ފޯމު" އިންނެވެ. އިސްވެދެންނެވިފައިވާ 02 ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް (www.defence.gov.mv) އިންނާއި، މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.  

ވީމާ، ރާއްޖެއަށް ކެމިކަލް އެތެރެކުރައްވާ ފަރާތްތަކުން އެ ތަކެތި ރާއްޖެއަށް ގެންނެވުމުގެ ކުރިން މި ދެންނެވި ކަންތައްތައް ހަމަޖެއްސެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

07 ޖޫން 2016
ހޯދާ