ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީގެ ސެލެރީ ޑިޑަކްޝަން ސްކީމުގެ ދަށުން %11.50 އިންޓަރެސްޓް ރޭޓުގައި ދިގުވެގެން 25 އަހަރުދުވަހަށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ގެދޮރު ޢިމާރާތްކުރުމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ކޮންމެ މަހަކު ލޯނަށް ދައްކަވަންޖެހޭ ފައިސާ އެމުވައްޒަފެއްގެ މަހު މުސާރައިން އުނިކޮށް، ކެނޑޭގޮތަށް ލޯނަށް ފައިސާ ދެއްކުމުގެ ނިޒާމެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދެންނެވުން ނަންބަރު: M/DH/2008/03-ފ13 ގެ ދަށުން މިހާރުވެސް ވަނީ ޤާއިމުކުރެވި، ޝައުޤުވެރިވާ މުވައްޒަފުންނަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު ހިޙިއްސާވާ ކުންފުނި މެދުވެރިކޮށް ހަމަޖައްސައިދެމުންނެވެ.
މީގެ އިތުރުން، ގިނަ ރައްޔިތުންތަކަކަށް މި ސްކީމުގެ މަންފާ ފޯރުވައިދިނުމަށާއި އަދި މި ސްކީމް އިތުރަށް ފުޅާކޮށް އަމިއްލަ ކުންފުނިތަކަށްވެސް މިފުރުޞަތުގައި ބައިވެރިވުމުގެ މަގު ތަނަވަސްކުރުމުގެ މަޤުޞަދުގައި މިހާރު ވަނީ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައެވެ. ވީމާ، ސެލެރީ ޑިޑަކްޝަން ސްކީމުގައި މުވައްޒަފުން ބައިވެރިކުރުމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ކުންފުނިތަކުން މިކުންފުނީގެ ވެބްސައިޓްގައިވާ "ސެލަރީބެނެފިޓް އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު މިކުންފުންޏަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
4 ޝައްވާލް 1434