ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން
އިނާމު ކަނޑައެޅިފައިވާ މަސައްކަތް: ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުން.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން 2016 ވަނަ އަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ދާއިރާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައެވެ. މި ދާއިރާއިން އިނާމު ދެއްވާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ބާއްވާ، ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މުބާރާތް ހުޅުވައިލެވިފައިވަނީ ވަކިވަކި ފަރުދުންނަށެވެ.
މި މުބަރާތުގައި ބައިވެރިކުރެވޭނީ، ނާށި ބޭނުންކޮށްގެން ދިވެހިރާއްޖޭގައި އުފައްދާފައިވާ އެކި ބާވަތުގެ އުފެއްދުންތަކެވެ.
މި އިނާމު ދެވޭނީ، މި މުބާރާތުގައި މަދުވެގެން 5 ފަރާތަކުން ބައިވެރިވެ ތަކެތި ހުށަހަޅާފައިވާނަމައެވެ. އަދި މި މުބާރާތަށް ހުށަހަޅާ އުފެއްދުންތަކަކީ، މި މުބާރާތަށް އިޢުލާނުކުރެވުނު ފަހުން އުފައްދާފައިވާ ތަކެތިކަމުގައި ވާންޖެހޭނެއެވެ.
މި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް އެންމެ ރަނގަޅު އުފެއްދުމެއް ހުށަހަޅާފައިވާ ފަރާތެއް ހޮވާނެއެވެ. މި ވަނަތައް ހޮވާނީ، މުބާރާތަށް ހުށަހަޅާ ކޮންމެ އުފެއްދުމަކަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ހަމަތަކުގައިވާގޮތުގެ މަތިން މާކުސް ދިނުމަށްފަހު، ލިބޭ ޖުމުލަ މާކުހުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން، 1 ވަނައަށް އަންނަ ފަރާތުގެ ގޮތުގައި ކަނޑައަޅާނީ، ޖުމުލަ މާކުހުގެ ގޮތުގައި %75 ނުވަތަ އެއަށްވުރެ މަތިން މާކުސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކުސް ލިބޭ އުފެއްދުމެއް ހުށަހަޅާފައިވާ ފަރާތަކެވެ.
މި މުބާރާތަށް ހުށަހަޅާ ތަކެއްޗަކީ މި މުބާރާތަށް އިޢުލާނުކުރެވުނު ފަހުން އުފައްދާފައިވާ ތަކެތިކަމުގައި ވާންޖެހޭނެއެވެ. މި މުބާރާތަށް ހުށަހަޅާ ތަކެތީގެ މިލްކުރެވި ފަރާތަކީ އެތަކެތި އުފައްދައި ހުށަހެޅި ފަރާތެވެ.
މުބާރާތަށް ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، އިނާމު ޙައްޤުވާ ފަރާތް ކަނޑައަޅާނީ އެކަމަށް، މި މިނިސްޓްރީން އެކުލަވައިލާ ފަންނީ ކޮމިޓީއަކުންނެވެ. އިނާމު ދެވޭ ފަރާތް ކަނޑައެޅުމަށްޓަކައި މާކުސް ދެވޭނެ ގޮތް ތިރީގައި މިވަނީއެވެ.
މާކުސް ދެވޭ ކަންތައް |
މާކުހުގެ ނިސްބަތް |
މަސައްކަތުގެ ފަށުވިކަމާއި، ޑިޒައިންގެ ފުރިހަމަކަމާއި ޚިޔާލުގެ މުއްސަނދިކަން |
30% |
މީހާގެ ހުނަރު ބޭނުންކޮށްގެން އުފެއްދުން އުފައްދާފައިވާ މިންވަރު |
20% |
ތަރިކަ، އާދަކާދަ އަދި ސަގާފީ ސިފަ އުފެއްދުމުގައި އެކުލެވިގެންވާ މިންވަރު |
20% |
އުފެއްދުން މާކެޓް ކުރުމުގައި ވިސްނާފައިވާ މިންވަރު |
20% |
އުފެއްދުން ޕެކްކުރުމާއި، ގެންގުޅުމާއި، ބޭނުންކުރުމުގައި ހުރި ފަސޭހަކަން |
10% |
ޖުމުލަ |
100% |
ވީމާ، މި އިނާމަށް އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މުބާރާތަށް ހުށަހަޅާ ތަކެއްޗާއެކު، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2016 ސެޕްޓެންބަރު މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. މި ފޯމު، މި މިނިސްޓްރީންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، މި އޮފީހުގެ ނަންބަރު 3333196، 3333106 ފޯނަށް ގުޅުން އެދެމެވެ.
18 ރަޖަބު 1437