މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ

އިޢުލާން

އައްޑޫ ސިޓީއާއި، ފުވައްމުލަކާއި، ހުވަދު އަތޮޅުގެ ރަށްރަށް ހިމެނޭގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ  (އެމް.އީ.އީ) އިން ކުރިއަށްގެންދާ ސަރަހައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް 2 (ދޭއް) އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ ހޯދަން ބޭނުންވެއެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓުގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެމަތިން ރާވައި، މެނޭޖްކުރުމާއި، ޕްރޮޖެކްޓް ކޯޑިނޭޓަރަށް އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގައި ޕްރޮޖެކްޓުގެ ޢަމަލީ ސިފަ ގެނައުމުގައި އެހީތެރިވުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ކޮމާރސް ނުވަތަ ސައިންސްގެ ސްޓްރީމުން އެޑްވާންސް ލެވެލް ސެޓްފިކެޓް ހޯދާފައިވުން.

ށ) މަދުވެގެން 2 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. މީގެ ތެރެއިން ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓެއްގައި 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

ނ) ކުނި މެނޭޖުކުރުމުގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) ދިވެހިބަހާއި އިނގިރޭސިބަހުން ލިޔުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.

ބ) ޕްރޮކިއުމަންޓުގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

ޅ) އަމިއްލަ މަސައްކަތް ތަރުތީބުކަމާއެކު ފުރިހަމަކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ކ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

އ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ވ) މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ހަވާލުކުރެވިފައިވާ ސިވިލް ސަރވިސްގެ މަޤާމުގެ މަސައްކަތްކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް -/15،000  ރުފިޔާއާއި -/18،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ  36 ތިރީސްހައެއް) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛  ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

- ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން، އެޕްލިކޭޝަނާއެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް"، މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް 3018329 ނަންބަރު ފޯނަށް ނުވަތަ 3018431 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ޝަޢުބާން 1437

12 މޭ 2016
ހޯދާ