މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

އިޢުލާން

ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

އިނާމު ކަނޑައެޅިފައިވާ މަސައްކަތް: ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުން.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން 2016 ވަނައަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ދާއިރާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައެވެ. މި ދާއިރާއިން އިނާމު ދެއްވާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ބާއްވާ، ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މުބާރާތް ހުޅުވައިލެވިފައިވަނީ ވަކިވަކި ފަރުދުންނަށެވެ.

މި މުބާރާތުގައި ބައިވެރިކުރެވޭނީ، ނާށި ބޭނުންކޮށްގެން ދިވެހިރާއްޖޭގައި އުފައްދާފައިވާ އެކި ބާވަތުގެ އުފެއްދުންތަކެވެ.

މި އިނާމު ދެވޭނީ، މި މުބާރާތުގައި މަދުވެގެން 5 ފަރާތަކުން ބައިވެރިވެ ތަކެތި ހުށަހަޅާފައިވާނަމައެވެ. އަދި މި މުބާރާތަށް ހުށަހަޅާ އުފެއްދުންތަކަކީ، މި މުބާރާތަށް އިޢުލާނުކުރެވުނު ފަހުން އުފައްދާފައިވާ ތަކެތިކަމުގައި ވާންޖެހޭނެއެވެ.

މި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް އެންމެ ރަނގަޅު އުފެއްދުމެއް ހުށަހަޅާފައިވާ ފަރާތެއް ހޮވާނެއެވެ. މި ވަނަތައް ހޮވާނީ، މުބާރާތަށް ހުށަހަޅާ ކޮންމެ އުފެއްދުމަކަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ހަމަތަކުގައިވާގޮތުގެ މަތިން މާކްސް ދިނުމަށްފަހު، ލިބޭ ޖުމުލަ މާކުހުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން، 1 ވަނައަށް އަންނަ ފަރާތުގެ ގޮތުގައި ކަނޑައަޅާނީ، ޖުމުލަ މާކުހުގެ ގޮތުގައި %75 ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބޭ އުފެއްދުމެއް ހުށަހަޅާފައިވާ ފަރާތެކެވެ.

މި މުބާރާތަށް ހުށަހަޅާ ތަކެއްޗަކީ މި މުބާރާތަށް އިޢުލާނުކުރެވުނު ފަހުން އުފައްދާފައިވާ ތަކެތިކަމުގައި ވާންޖެހޭނެއެވެ. މި މުބާރާތަށް ހުށަހަޅާ ތަކެތީގެ މިލްކުވެރި ފަރާތަކީ އެތަކެތި އުފައްދައި ހުށަހެޅި ފަރާތެވެ.

މުބާރާތަށް ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، އިނާމު ޙައްޤުވާ ފަރާތް ކަނޑައަޅާނީ އެކަމަށް، މި މިނިސްޓްރީން އެކުލަވައިލާ ފަންނީ ކޮމިޓީއަކުންނެވެ. އިނާމު ދެވޭ ފަރާތް ކަނޑައެޅުމަށްޓަކައި މާކްސް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

މާކްސް ދެވޭ ކަންތައް

މާކުހުގެ ނިސްބަތް

މަސައްކަތުގެ ފަށުވިކަމާއި، ޑިޒައިންގެ ފުރިހަމަކަމާއި ޚިޔާލުގެ މުއްސަނދިކަން

30%

މީހާގެ ހުނަރު ބޭނުންކޮށްގެން އުފެއްދުން އުފައްދާފައިވާ މިންވަރު

20%

ތަރިކަ، އާދަކާދަ އަދި ސަގާފީ ސިފަ އުފެއްދުމުގައި އެކުލެވިގެންވާ މިންވަރު

20%

އުފެއްދުން މާކެޓް ކުރުމުގައި ވިސްނާފައިވާ މިންވަރު

20%

އުފެއްދުން ޕެކްކުރުމާއި، ގެންގުޅުމާއި، ބޭނުންކުރުމުގައި ހުރި ފަސޭހަކަން

10%

ޖުމްލަ

100%

ވީމާ، މި އިނާމަށް އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މުބާރާތަށް ހުށަހަޅާ ތަކެއްޗާއެކު، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2016 ސެޕްޓެންބަރުމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. މި ފޯމު، މި މިނިސްޓްރީންނާއި، މި މިނިސްޓްރީގެ ވެބްސައިޓް (www.trade.gov.mv) އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، މިއޮފީހުގެ ނަންބަރު 3333196، 3333106 ފޯނަށް ގުޅުން އެދެމެވެ.   

18 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ