މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް
ދިވެހިރާއްޖެ
ރެހެންދި އެވޯރޑް

ސަބަބާއި އަސާސް އަދި ތަޢާރުފް

ދިވެހިމުޖުތަމަޢުގެވެސް ދެބައިކުޅައެއްބަޔަކީ އަންހެނުންނެވެ. އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައިވެސް އަންހެނުން ތިމާއާއި ޢާއިލާއާއި މުޖުތަމަޢު އަދި ޤައުމުގެ ކުރިއެރުމަށް އެކި ރޮނގުރޮނގުން ކުރަމުން ގެންދާ މަސައްކަތްތައް ގިނަގުނައެވެ. އެކަންކަން ފާހަގަކޮށް އިތުރަށް ކުރިއެރުވުމަކީ ޤައުމީ ގޮތުން ކުރަންޖެހޭނޭ ކަމެކެވެ. އެހެންކަމުން ތިމާއާއި ޖަމާޢަތާއި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް އަންހެނުން ޙިއްޞާކުރާ އާދަޔާޚިލާފު ބޮޑެތި ކުރިއެރުމާއި ކާމިޔާބީތައް ފާހަގަ ކުރުމަކީ ޤައުމީ ޚިދުމަތަށް ނުކުތުމަށް އެހެން އަންހެނުންނަށްދެވޭ ބޮޑު ހިތްވަރަކަށް ވާނެކަން ކަށަވަރެވެ. އަދި ޤައުމީ ތަރައްޤީގައި މުހިންމު އިސް ދައުރުތައް އަދާކުރާ އަންހެނުންނަކީ ނަމޫނާ ބައެއްގެ ގޮތުގައި މުޖުތަމަޢުގައި ފާހަގަވުން އެއީވެސް ވަރަށް ބޭނުންތެރި ކަމެކެވެ.

ޚިދުމަތާއި މަސައްކަތާއި މަސައްކަތްތެރިކަމަށް ދެވޭ ހިތްވަރުގެ އިތުރުން ނުވަތަ އެ ކަންކަމުގެ ތެރެއިން ދިވެހި އަންހެނުންގެ ޝަޚްޞުގެ ކުރިއެރުން ބޭނުންވެފައިވާ ރޮނގުތަކަށް ހިތްވަރު ދިނުމަކީވެސް ފަހަކަށްއައިސް ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ. އެ ގޮތުން ތިމާގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގަޔާއި، ތިމާގެ މަސްލަހަތުތަކުގައި ހުންނަންޖެހޭ މުސްތަޤިއްލުކަން ގެންގުޅެ ނެގެހެއްޓުމުގަޔާއި، ކަންކަމުގައި ފަސްނުޖެހުމާއި ކެރުމާއި ތިމާއަށާއި ޢާއިލާއަށާއި މުޖުތަމަޢުއަށް ޙައްޤާއި އިންސާފު ހޯދުމުގަޔާއި ހޯދައިދިނުމުގައި އިސްނެގުމަށް ހިތްވަރުދޭންޖެހެއެވެ. ހިތްވަރުދިނުމަކީ ޤައުމީ ކުރިއެރުމަށް ކޮންމެހެން ބޭނުންކަމެކެވެ.

ވުމާއެކު މި އިނާމަކީ ދިވެހިރާއްޖޭގެ ޤައުމީތަރައްޤީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި ޚިދުމަތެއް ކޮށްދީފައިވާ އަންހެނުންނަށް ދޭ ޚާއްޞަ އިނާމެކެވެ. ނުވަތަ ދަރަޖައެކެވެ. މި އިނާމުގެ ނަމަކީ ރެހެންދި އެވޯރޑެވެ.

މަޤްޞަދު

މި އިނާމު ދިނުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ އާދަޔާ ޚިލާފު ޙިއްޞާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާއި މަންފާ ލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމެވެ. މިގޮތުން، ތިރީގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަކީ މި އެވޯޑުގެ މަޤްޞަދެކެވެ.

  • އިތުރު އަންހެނުން ޤައުމީ ޚިދުމަތަށް ނެރުމަށް ބާރު އެޅުން
  • މުޖުތަމަޢަށް ފައިދާހުރި ޚިދުމަތްކުރާ އަންހެނުން ފާހަގަކުރުން
  • ޤައުމީތަރައްޤީގައި ހިއްސާކުރާ ޚިދުމަތެއް ދޭ އަންހެނުންނަށް ހިތްވަރު ދިނުން
  • ޖަމާޢަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި ޢިއްޒަތް ދިނުން
  • އެމީހެއްގެ ނަމޫނާއިން ބާރުވެރިވެގެން، އެހެން އަންހެނުން ކުރިއަރާދިޔުމަށް ހިތްވަރުލިބޭ އަންހެނުން ފާހަގަކުރުން
  • އަންހެނުންގެ ޝަޚްޞީ ކުރިއެރުމަށް ހިތްވަރުދިނުން.

މައިގަނޑު އުސޫލުތައް

  • މި އިނާމު ދޭނީ އަހަރަކު އެއްފަހަރު އެވެ. އެއީ،  އަންހެނުންގެ ދުވަހު ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
  • މި އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އިން އެކަމަށް އެކުލަވައިލާ ކޮމެޓީއަކުންނެވެ.
  • މި އިނާމަށް ޝޯޓްލިސްޓުކުރެވޭނީ މިކަމަށް ކުރާ ޢާންމު އިޢުލާނަކަށް އިޖާބަދީ އާންމު ފަރާތްތަކުން ނުވަތަ ސަރުކާރުގެ މުއައްސަސާއަކުން ހުށަހަޅާ ނަންތަކެވެ.
  • އަހަރަކު މި އިނާމު  ދެވޭނީ ގިނަވެގެން 3 ފަރާތަކަށެވެ.

މި އިނާމު ދިނުމުގައި ބަލާނެ މިންގަނޑުތައް

  •  ކޮށްދީފައިވާ ޚިދުމަތުން މުޖުތަމަޢަށް ކޮށްފައިވާ ހެއުއަސަރު ނުވަތަ އައިސްފައިވާ ހެއުބަދަލު.
  • މުޖުތަމަޢުގެ އެހެންމީހުންނަށް އެ ކުރާ މަސައްކަތެއްގައި ނަމޫނާއެއްކަމުގައިވުން
  • އެ މަސައްކަތެއް ނުވަތަ ޚިދުމަތެއްގެ ސަބަބުން އަންހެނުންގެ އާންމު ޙާލަތަށް ލިބިފައިވާ ކުރިއެރުމުގެ މިންވަރު.
  • އެ މަސައްކަތެއް ނުވަތަ ޚިދުމަތެއްގެ ސަބަބުން އަންހެނުންގެ ތަޢުލީމީ، ޞިއްޙީ އަދި އިޤްތިޞާދީ ޙާލަތަށް ލިބިފައިވާ ކުރިއެރުމުގެ މިންވަރު.
  • އެ މަސައްކަތެއް ނުވަތަ ޚިދުމަތެއްގެ ސަބަބުން އެ އަވަށަށް، ރަށަށް ނުވަތަ ޤައުމަށް އެކަމުން ލިބިފައިވާ ފައިދާގެ މިންވަރު.
  • ލިބިފައިވާ ހުނަރު އެހެން މީހުންނަށް އުނގަންނައިދިނުމަށް މަސައްކަތް ކޮށްފައިވާ މިންވަރު.
  • މަސައްކަތް ނުވަތަ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތުގެ މިންވަރު.
  • މަސައްކަތް ނުވަތަ ޚިދުމަތެއްގެ ސަބަބުން އަމިއްލަ ޢާއިލާއަށް ލިބިފައިވާ ކުރިއެރުމުގެ މިންވަރު.
  • އެ މަސައްކަތެއް ނުވަތަ ޚިދުމަތެއްގައި ހުރެ، ޤަދަރުވެރިކަމާއެކު ޢާއިލާގެ އަސާސީ ބޭނުންތައް ފުއްދައިދީ، ހަރުދަނާ ދިރިއުޅުމެއް ބިނާކުރެވިފައިވާ މިންވަރު.
  • އާންމުކޮށް އަންހެނުންގެ ޙިއްޞާ މަދު ދާއިރާތަކުން ޚިދުމަތްދީ މަސައްކަތްކުރުމަށް އިސްކަންދީފައިވާ މިންވަރު.
  • އާ ކަންތައްތަކާއި، އާވިސްނުން ތަޢާރުފު ކޮށްފައިވާ މިންވަރު.
  • ޒަމާނީ ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަން އިތުރުކޮށް ޚިދުމަތް ދީފައިވާ މިންވަރު.
  • ޚިދުމަތްކޮށްދިނުމުގައި ހިލޭސާބަހަށް މަސައްކަތްކޮށްދީފައިވާ މިންވަރު.
  • ދިވެހި އަންހެނުންނަށް އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ މިންވަރު.
  • ރާއްޖޭގައި އުފެއްދުންތައް އުފައްދައި، އެ ތަކެއްޗަށް އާންމުންގެ މަޤްބޫލުކަން ހޯދުމަށް މަސައްކަތްކޮށްފައިވާ މިންވަރު.
  • ތިމާގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގަޔާއި، ތިމާގެ މަޞްލަޙަތުތަކުގައި ހުންނަންޖެހޭ މުސްތަޤިއްލުކަން ގެންގުޅެ ނެގެހެއްޓުމުގަޔާއި، ކަންކަމުގައި ފަސްނުޖެހުމާއި ކެރުމާއި، ތިމާއަށާއި ޢާއިލާއަށާއި މުޖުތަމަޢުއަށް ޙައްޤާއި އިންސާފު ހޯދުމުގަޔާއި ހޯދައިދިނުމުގައި އިސްނެގުން ގެންގުޅެފައިވާ މިންވަރު.

 

06 އޮގަސްޓް 2013
ހޯދާ