ދިވެހިރާއްޖެ
މި ކުންފުނީގެ ހިންގާ ގަވާއިދުގައި ޑިރެކްޓަރުންގެ ބޯޑުގެ މުއްދަތަކީ އެއް އަހަރީ އާންމު ޖަލްސާއިން އަނެއް އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ނިޔަލަށް ކަމަށް ބަޔާން ކުރެވިފައި ވެއެވެ. 2013 ވަނަ އަހަރުގެ ޖޫން މަހު ބޭއްވުނު މި ކުންފުނީގެ 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމާ ވިދިގެން މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އަލުން އެކުލަވާލުމަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ޙިއްސާދާރުން ތަމްސީލުކުރެއްވުމަށް 5 ޑިރެކްޓަރުން ހޮއްވަވާފައި ވެއެވެ. އެހެންނަމަވެސް މި ކުންފުންޏަށް ސަރުކާރުގެ ފަރާތުން ޢައްޔަން ކުރައްވަން ޖެހޭ ހަތަރު ޑިރެކްޓަރުން އަދި މިހާތަނަށް ޢައްޔަންކުރެވިފައި ނުވާތީވެ މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ޖަލްސާއެއް ބޭއްވޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން މި ކުންފުނީގެ ޗެއާރމަން ކަމުގެ މަޤާމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑިރެކްޓަރުން ޢައްޔަން ކުރެވޭގޮތް ވަނީ ނުވެފައެވެ. އަދި މި ކުންފުނީގެ އޯޑިޓް ކޮމެޓީއާއި އަދި ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީވެސް ވަނީ އެކުލަވާނުލެވިއެވެ.
މިކުންފުނީގެ ކުއާރޓަރލީ ރިޕޯޓުތައް ޝާއިޢު ކުރުމަށް ހަމަޖެހިފައިވާ އުސޫލަކީ ކުންފުނީގެ އޯޑިޓް ކޮމެޓީއިން ރިޕޯޓުތައް މުރާޖަޢާ ކުރެއްވުމަށް ފަހު، މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޑިރެކްޓަރުންގެ ބޯޑުން ކުންފުނި ހިންގުމަށް ކަނޑައަޅުއްވާފައިވާ ފަރާތުގެ ހުއްދައާއެކު ރިޕޯޓުތައް އާންމުކޮށް ޝާއިޢު ކުރުން ކަމުގައި މި ފުރުޞަތުގައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އެހެންކަމުން މި ކުންފުނީގެ 2013 ވަނަ އަހަރުގެ ދެވަނަ ކުއާރޓާރގެ ރިޕޯޓު ޝާއިޢު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ޝާއިޢު ކުރެވިފައި ނުވާ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ފުރިހަމައަށް އެކުލަވާލެވި އަދި ކުންފުނިގެ ޗެއާމަންކަމުގެ މަޤާމަށާއި އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެވި އަދި ކުންފުނީގެ އޯޑިޓް ކޮމެޓީ އެކުލަވާލެވުމުން މި ކުންފުނީގެ 2013 ވަނަ އަހަރުގެ ދެވަނަ ކުއާރޓާރގެ ރިޕޯޓު 31 އޯގަސްޓު 2013 ވަނަދުވަހު ޝާއިޢު ކުރެވޭނެ ވާހަކަ އެންމެހާ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި މި ފުރުޞަތުގައި ދެންނެވީމެވެ.