ދިވެހިރާއްޖެ
މި ރަށުގެ ބައެއް ގޯތިތަކާއި އެ ގޯތިތަކާ އިންވެގެންވާ މަގުތައް އެކަށީގެންވާ ގޮތެއްގައި ސާފުނުކޮށް ހުރުމުގެ ސަބަބުން، ގޯތިތަކުގެ އެތެރޭގައި މަދިރި އުފެދޭ ގޮތަށް ފެން ހަރުލާ ތަކެއްޗާއި ކުނިބުނި ޖަމާވެފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ރަށުތެރޭގައި މަދިރި އާލާވެ، މަދިރީގެ ޒަރީޢާއިން ފެތުރޭ ޑެންގޫހުން ފަދަ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވެ، މީގެ ނުރައްކަލާއި އުނދަގޫ ރަށުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ތިރީގައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.
- ގޯތިތެރެ ސާފުކުރުން: މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅު ގޯތިތަކުގެ އެތެރޭގައި މަދިރި ފަނި އަޅައި އާލާވާ ގޮތަށް ހުންނަ ފެން ހަރުލާ ތަކެއްޗާއި ކުނިބުނި ވަގުތުން ސާފުކުރުން.
- އިންވެގެންވާ މަގުމަތި ސާފުކުރުން: ކޮންމެ ގޯއްޗަކާ ވެސް އިންވެގެންވާ މަގުމަތީގެ ސަރަޙައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
- ގަސްގަހާގެހި ކޮށުން: ގޯތިތަކުން މަގުމައްޗަށް ނުކުމެ ހުންނަ ގަސްގަހާގެއްސާއި ކުނި އެޅޭ ގޮތަށް ހުންނަ ބައިތައް ކޮށައި މަގުތައް ސާފުކޮށް ބޭއްވުން.
ވީމާ، މިކަމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޞިއްޙަތާއި ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ކަމަކަށްވާތީ، ރަށުގެ އެންމެހައި ރައްޔިތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
