ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
1434 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދުބެލުން

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކާ މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އިސްވެރިޔާގެ ކުރިފުޅު މަތީގައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ރަމަޟާން 1434 (06 އޯގަސްޓް 2013 ) ވާ އަންގާރަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން މިޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓްކޯޓުތަކާއި، ރަށުކައުންސިލްގެ އިދާރާތަކާއި، އަތޮޅުކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ވީމާ، މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓްއޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓަށް، މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ  ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ، ދިއުމުގެ ޓެކްސީ ޚަރަދު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަނދާބެހޭގޮތުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތެއްވާނަމަ މިޑިޕާޓްމަންޓުގެ ނަންބަރު 3322303 ،3006245، 3006246 ފޯނަށް ގުޅުއްވުން އެދެމެވެ. ރަށްރަށުގައިނަމަ ގުޅުއްވާނީ އެރަށެއްގެ މެޖިސްޓްރޭޓްކޯޓަށެވެ.  މެޖިސްޓްރޭޓްނެތް ރަށެއްގައިނަމަ ގުޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށެވެ.

20 ރަމަޟާން   1434

28 ޖުލައި 2013
ހޯދާ