ދިވެހިރާއްޖެ
މިހާރަކަށް އައިސް ރަށުގައި އުޅޭ ބުޅަލަށް ބައެއް ފަރާތްތަކުން އަނިޔާކޮށް ފުރާނައަށް ގެއްލުންދީ ހަދަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދެއެވެ. މިފަދަ އަމަލުތައް ހިންގުމަކީ ޤާނޫނީ ކުށަކަށް ވީ ހިނދު މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު "ޖަނަވަރު ރައްކާތެރި ކުރުމުގެ ޤާނޫނުގެ" ދަށުން ފިޔަވަޅު އަޅާނެ ވާހަކަ އަންގާ އިޢުލާންކުރަމެވެ. އަދި މިފަދަ އަމަލުތަކަކީ ކައުންސިލުން އެއްވެސް ވަރަކަށް ބަލައިގަންނާނޭ ކަންކަމަށް ނުވާ ހިނދު މިފަދަ އަމަލުތައް ނުހިންގުމަށް ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރިވަމެވެ.
އަދި ހަމައެހެންމެ ފޮއްދޫ ކައުންސިލްގެ ނަންބަރ: (IUL)296/296/2026/59 އިޢުލާންގައި ވާގޮތަށް ޖަނަވާރު އޮޅުކޮށްގެން ގެންގުޅޭ ފަރާތްތަކުންވެސް އާންމު ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތުގެ މަތީން ޖަނަވާރު ގެންގުޅުމަށް ހަނދާންކޮއްދީ ނަސޭހަތްތެރިވަމެވެ. އަދި މިއިޢުލާނުގައި ބަޔާންކޮއްފައިވާގޮތަށް ޖަނަވާރަށް ކާންދޭން ބޭނުންވާ ފަރާތްތަކުން ޖަނަވާރަށް ކާން އެޅޭނީ ގްރީން ހައުސް ސަރަޙައްދު، ލޯކަލް ބީޗް އާ ކައިރިނުވާ ސަރަހައްދެއް ކަމުގައި، ވެސް ދަންނަވަމެވެ. އާންމު އިޖްތިމާއީ ސަރަޙައްދު ތަކާއި މީހުންގެ ގެވަޅުތަކާއި ފަޅުގޯތި ގޯއްޗަށް ކާން އެޅުމަކީ މަނާކަމެއް ކަމުގައިވެސް އަންގަމެވެ. މިނޫން ސަރަޙައްދަކަށް ކާން އަޅާ ފަރާތްތަކާމެދު "ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމާއި ބެހޭ ޤަވާއިދު" ގެ ދަށުން ފިޔަވަޅު އެޅޭނެވާހަކަ އަންގާ އިޢުލާން ކުރަމެވެ.
މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކައުންސިލުން ޝުކުރުވެރިވަމެވެ.
ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.
