ދިވެހިރާއްޖެ
(IUL)38-DC/38/2026/756 :ނަންބަރު
އިޢުލާން
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން
2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2026 ނޮވެންބަރު 01 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 2026 ނޮވެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.
މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަންޏެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި މާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީވެފައިވާނީ މާލެއަށެވެ. އަދި ހުޅުމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާނީ ހުޅުމާލެއަށެވެ. ރިސޯޓެއްގައި ނުވަތަ ޖަލުގައި ނުވަތަ ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ.
- 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ.
- 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ.
މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2026 ނޮވެންބަރު 01 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2026 ނޮވެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
